ޚަބަރު

އިވޭ އަޑުތަކާއި ލިބޭ މައުލޫމާތުގެ ދޮގުތެދު ވަކިކުރާ އަހަރަކަށް ހަދަމާ: ރައީސް

މި ފެށުނު އައު އަހަރަކީ، އިވޭ އަޑުތަކާއި ލިބޭ މައުލޫމާތުގެ ދޮގުތެދު ވަކިކުރާ އަހަރަކަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ރައީސް މިކަމަށް އެދިވަޑައިގެންނެވީ އައު އަހަރުގެ ތަހުނިޔާ ވިދާޅުވެ ފޮނުއްވި ހިތާބުގައެވެ.

ރައީސް ވިދާޅުވީ ތަރައްގީއަށް ޓަކައި ވިސްނުންތެރިކަމާއި ހަމަޖެހުން ބޭނުންވާ ކަމަށެވެ. އަދި އައު އަހަރަކީ އިވޭ އަޑުތަކާއި ލިބޭ މައުލޫމާތުގެ ދޮގުތެދު ވަކިކުރާ އަހަރަކަށް ހެދުމަށާއި ނަފުސުގެ ތެދުވެރިކަމުގެ މައްޗަށް ބިނާކުރާ އަހަރަކަށް ހެދުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ފާއިތުވެގެންދިޔަ އަހަރަކީ ވެސް ދިވެހިން މުހިންމު ނިންމުންތަކެއް ނިންމައި ކުލަގަދަ ތަސައްވުރެއް ކުރެހި އަހަރެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގައި ބޭރުގެ އެއްވެސް އަސްކަރީ ބާރެއް އޮވެގެން ނުވާނެ ކަމަށާއި ދުނިޔޭގެ އެހެން ގައުމުތައް ހާސިލުކުރާ ފަދަ ކުރިއެރުމާއި ތަހުޒީބާއި ތަރައްގީ ބޭނުންކަން ދިވެހިން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އެކަމަށް ޓަކައި ފިކުރީ ގޮތުން ޖީލުތައް އިސްލާމީ، ދިވެހި ގައުމީ ސިފަތަކާ އެކު ބިނާކުރަން ބޭނުންވާ ކަމަށް ވެސް ދިވެހިން ނިންމާފައިވާކަން ރައީސް ހިތާބުގައި ފާހަގަ ކުރެއްވިއެވެ. ރައީސްގެ ހިތާބުގައި ވިދާޅުވީ ދިވެހިން އާ ސަރުކާރެއް ހޮވައި ދިވެހިންގެ އެ ނިންމުންތައް ހަގީގަތަކަށް ހެދުމަށް ހަވާލުކޮށްފައިވާ ކަމަށާއި ސަރުކާރު ކުރިޔަށް ދާނީ އެ މަސްއޫލިއްޔަތު ތެދުވެރިކަމާއި ޒިންމާދާރުކަމާ އެކު އަދާކުރުމުގައި ކަމަށެވެ.

ނިމިދިޔަ އަހަރުގެ ފަހު ހަފުތާތަކާއި، މި ފެށުނު އަހަރުގެ ފުރަތަމަ ހަފުތާތަކަކީ މި ސަރުކާރުގެ ހަފުތާ ސާދައިގެ ތެރޭގައި ގިނަގުނަ ވައުދުތަކެއް އަކުރުން އަކުރަށް ސީދާ ސުންގަޑިއަށް ފުއްދަމުންދާ ދުވަސްތަކެއްކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button