މިނިވަން ނޫހުގެ ނޫސްވެެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ ގެއްލުވައިލި މައްސަަލައިގައި ދައުލަތަށް ކޮށްދެވުނުހާވެސް ކަމަކީ އެމައްސަލައަށް އަޅާނުލާ ދޫކޮށްލުން ކަމަށް އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.
ރިޟްވާން ގެއްލުވައިލިތާ 7 އަހަރު ފުރުނު ދުވަހާ ދިމާކޮށް މިއަދު ވައްޑޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޟްވާނަށް ވީގޮތް ހޯދުމުގައި އޭނާގެ އާއިލާއިންނާއި ރައްޓެހިން ކުރި ބުރަ މަސައްކަތާއި ހިތްވަރު ފިޔަވައި ފެންނާން އޮތް އެހެން މާބޮޑު ކަމެއް ނެތްކަމުގައެވެ.
”ދައުލަތަށް ކޮށްދެވުންހާވެސް ކަމަކީ އަޅާނުލުން. ލަދުވެތިކަމުގެ އިންތިހާ.“ މެންބަރު ވައްޑޭ ވިދާޅުވިއެވެ.
7 އަހަރު ފުރުނުއިރު އަޙުމަދު ރިޟްވާނަށް ވީގޮތް ހޯދުމުގައި ޢާއިލާއިންނާއި ރައްޓެހިން ކުރި ބުރަ މަސައްކަތާއި ހިތްވަރު ފިޔަވައި ފެންނާން އޮތް އެހެން މާބޮޑު ކަމެއް ނެތް. ދައުލަތަށް ކޮށްދެވުންހާވެސް ކަމަކީ އަޅާނުލުން. ލަދުވެތިކަމުގެ އިންތިހާ. #findmoyameeha
— Waddey (@waddey_) August 8, 2021
މަރު ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ ރިޟްވާނު ގެއްލުވައިލި ކަމުގެ މައުލޫމާތު އެނގޭ ފަރާތްތައް ހެކިބަސް ދޭން ޖެހިލުންވާ ކަމަށެވެ. އަދި އެފަރާތްތަކަށް ރައްކާތެރިކަން ދިނުމާ ގުޅޭ ޕްރޮގްރާމެއް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކުރިޔަށް ގެންދެވޭތޯ މަަސައްކަތް ކުރާ ކަމަށް ކޮމިޝަނުން ބުންޏެވެ.
ރިޟްވާނުގެ މައުލޫމާތު އެނގޭ މީހުން ހެކިބަސް ދޭން ޖެހިލުންވާކަމަށް މީގެ ކުރިންވެސް މަރު ކޮމިޝަނުގެ މެންބަރުން ބުނެފައިވެއެވެ. އެހެން ކަމުން އެއީ އާ ވާހަކައެއް ނޫނެވެ.