ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައާމެދު ފުންކޮށް ވިސްނާލަން ޖެހޭ :ހުތުބާ
”ހިޖުރައިގެ ދަރުސްތަކުގެ ތެރެއިން“ މި މައުޟޫގެ މައްޗަށް އިއްވި ހުކުރު ޚުތުބާގައި ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައާމެދު ފުންކޮށް ވިސްނާލަން ޖެހޭ ކަމުގައި ވިދާޅުވެއްޖެއެވެ.
ޚުތުބާގައި ވިދާޅުވީ، އެންމެ މާތްކަން ބޮޑު ހިޖުރައަކީ ތިބާގެ ވެރި ރަސްކަލާނގެ ރުހިވޮޑި ނުގަންނަވާ ކަންކަމުން ދުރުހެލިވުންކަމަށެވެ.
ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގައި ތަފާތު އެތަކެއް އިބުރަތާއި ދަރުސްތަކެއް ހިމެނޭކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން އެންމެ މުހިންމު އެއް ފިލާވަޅަކީ އިސްލާމް ދީނަށްޓަކާ ތިބާގެ ހުރިހާ ކަމެއް ޤުރުބާން ކުރުމުގެ މަތިވެރި ފިލާވަޅުކަން ފާހަގަކުރެއްވިއެވެ. ކީރިތި ރަސޫލާ ބޮޑުފުޅުވި ރަށާއި، ގާތްތިމާގެ ބޭފުޅުންނާ، އާއިލާގެ ބޭފުޅުން ދޫކުރައްވާ މަދީނާއަށް ހިޖުރަކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވީ ދީނުގެ ދިފާޢުގައިކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
ޚުތުބާގެ ތެރެއިން
ހިޖުރައިން ލިބޭ ފިލާވަޅުތަކުގެ ތެރެއިން، ދަތި އުނދަގޫ ވަގުތުގައިވެސް އިމާންކަމުގެ އަހުލުވެރިން ޡާބިތުކަމާއެކު ތިބޭނެކަމުގެ ފިލާވަޅު ހިމެނެއެވެ. ރަސޫލާއާއި އަބޫބަކުރުގެފާނު ޘައުރު ފަރުބަދަލުގެ ހޮހޮޅައިގައި ތިއްބެވިއިރު، އަބޫބަކުރުގެފާނު ރަސޫލާއަށް ދެންނެވިއެވެ. މައްކާ މުޝްރިކުންގެ މީހަކު މިތަނަށް އައިސް ތިރިއަށް ބަލާލައިފިނަމަ، ތިމަންބޭކަލުން ފެންނާނެއެވެ. ރަސޫލާ ޙަދީޘްކުރެއްވިއެވެ. ތިމަންމެން ދެ ބޭކަލުން އެކަނި ތިއްބެވިކަމަށް ހީފުޅު ނުކުރާށެވެ. ތިންވަނަ ފަރާތެއްގެ ގޮތުގައި މާތްﷲ ތިމަން ބޭކަލުންނާ އެކު ވޮޑިގެންވެއެވެ.
މިއީ އެ ހާދިސާއަކަށް ބާލައިރު ގިނަގުނަ އިބުރަތްތަކެއްވާ ޙާދިސާއެއްކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. ކަންކަމުގައި ވަކީލު ކުރަންޖެހޭކަމީ ހިޖުރައިގެ ހާދިސާއިން ލިބޭ ފިލާވަޅެއް ކަމަށާއި، މާތް ﷲ އާއި ވަކީލު ކުރުމަކީ އެއްވެސް ޙާލެއްގައި ވަކީލު ކޮށްފީމޭ ބުނެ ދެއަތް އުރާލައިގެން ތިބުން ނޫންކަމަށް ޚުތުބާގައި ވިދާޅުވިއެވެ. އަދި ވަކީލު ކުރުމަކީ ކަންކަން ކުރުމަށް ހުރި ވަސީލަތްތަކުގެ ބޭނުން ހިފުމާއެކު، ﷲ ގެ ޙަޞުރަތުން ރައްކާތެރިކަން ލިބޭނެކަން ޔަޤީންކޮށްގެން ތިބުންކަމަށްވެސް ޚުޠުބާގައި ވަނީ ފާހަގަކުރައްވާފައެވެ.