ޚަބަރު

މަދަރުސާއަކީ ކުދިންގެ ދެވަނަ ހިޔާވަހި

މިހަފްތާގެ ހުކުރު ހުތުބާ ޚާއްސަ ކުރުވިފައިވަނީ އުނގެނުމުގެ މުހިއްމު ކަމުގެ މައްޗަށެވެ.

މިކަމަށް އަލިއަޅުވާލާ ހުތުބާގާ ބުނެފައިވަނީ ޗުއްޓީ ނިއްމާލުމަށްފަހު ދަރިވަރުން ދިރާސީ އާއަހަރަކާއި ކުރިމަތިލީ އާއަޒުމެއްގައި ކަމަށާއި, ބެލެވެރިން ލޮބުވެތި ދަރިން ސުކޫލަށް ފޮނުވަނީ ސުކޫލު ތަކުގެ ވެރިންނާއި މުދައްރިސުންނަށް ވަރަށް އިތުބާރު ކޮށްފައި ކަމެވެ. އަދި މުދައްރިސުންނަކީ އެކުދިންގެ ދެވަނަ ބެލެނިވެރިން ކަމާއި, އެހެން ކަމުން އެކުދިންގެ އުނގެނުމާއި ޢިއްފަތްތެރި އަޚުލާގާއި ސުލޫކަށް ރައްކާތެރި ވުމަށް ސަމާލުކަން ދޭންވާނެ ކަމަށެވެ. އަދި ހުޅަނގުގެ ޤަޢުމުތައް އަނދިރީގައި އޮތް އިރު، ބޭސް ވެރި ކަމާއި، ކެމިސްޓްރީއާއި، ފިޒިކްސް އާއި، ހިސާބާއި، ފަލަކީ އިލްމު ކުރި އަރައި ދިޔައެވެ. މުސްލިމް އިލްމުވެރިންގެ ޚިދުމަތްތަކާއި އީޖާދުތައް މެދު އުޑުގައި ފިޔަޖަހަމުން ދިޔައީ ދުނިޔެއާއި އާޚިރަތުގެ މަފްހޫމްގައި ކުރުވެނު ބިނާކުރެވުނު މަސައްކަތުގެ ސަބަބުންނެވެ.

ދަރިވަރުންނާ މުހާތަބުކޮށް ހުތުބާގައި ބުނީ ދީނީ ގޮތުންނާއި ޢިލްމީގޮތުން އިތުރު ކުރި އެރުމާއި ތަރައްޤީ ހޯދޭތޯ މަސައްކަތް ކުރުމަށެވެ. އަދި އިތުރު ހަރަކާތް ތަކުން ދިރުންދީ ޢަމަލީ މައިދާނަށް ނުކުތުމަށް ވެސް ހުތުބާގައި ގޮވާލާފައިވެއެވެ. ފޮނި ނަތީޖާ ނެރެވޭނީ މަދަރުސާއަށް އެއްބާރުދީގެންކަމާއި މަދަރުސާގެ މުދަލާތަކެއްޗާއި, ކުތުބުޚާނާއިގެ ފޮތް ތަކާއި, ލެބޯޓަރީގެ ސާމާނުތަކަށް ރައްކާތެރިވެގެން ހެޔޮގޮތުގައި އެތަކެތީގެ ބޭނުން ހިފައި މުދައްރިސުންނަށް ހައްޤުވާ ޤަދަރާއި, އިހުތިރާމް ކޮށްގެން ކަމުގައި ވެސް ހުތުބާގައި ބުނެފައިވެއެވެ. މުދައްރިސުން ވަނީ ކުދިން ތަރުބިއްޔަތު ކުރުމުގެ ބުރަ މަސައްކަތާއި ހަވާލު ވެފައިކަމާއި އަދި މުދައްރިސުން ނަކީ ކުދިންނަށް ދުނިޔެ އާއި އާޚިރަތަށް ހެޔޮމަގު ދައްކައި ދޭން ތިބި ބައެއް ކަމަށާއި އެބައި މީހުން ކުރައްވަނީ ނަބީބޭކަލުން ކުރެއްވި މަސައްކަތްޕުޅު ކަމުގައި ބުނެފައިވެއެވެ.

ކިޔަވާކުދިންނަށް އިލްތިމާސް ކޮށްފައިވަނީ އިސްލާމް ދީނާއި ދިވެހި ޤަޢުމު ދެކެ ލޯބިވާ އަދި މައިންބަފައިން ލަދުން އިސްޖަހާލަންޖެހޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށެވެ. އަދި  އެދުރުނަށް އިލްތިމާސް ކޮށްފައިވަނީ އިސްލާމްދީނާއި ޤައުމަށް ވަފާތެރި ބަޔަކަށް ހެދުމަށް ޓަކައި އެދުރުންވާން ޖެހޭނީ ކެތްތެރިކަމާއި ހިކްމަތްތެތިކަމާއެކު އެމަސްއޫލިއްޔަތު ފުރިހަމަޔަށް އަދާކުރާ ބައެއްގެ ގޮތުގައެވެ.

ހަމަ އެއާއެކު މައިނަބަފައިންނަށް އިލްތިމާސް ކޮށްފަވަނީ ދަރިވަރުން ސުކޫލު ތަކަށާއި ކޮލެޖު ތަކަށް ފޮނުވައިގެން އުނގަންނައި ދިނުމަކީ މުހިއްމު ކަމެއް ކަމަށާއި, ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮ ކަމާއި، އިޖުތިމާޢި ގުޅުންތައް ހަރުދަނާކޮށް ދިނުމަށް ދަސްކޮށް ދިނުމަށާއި، ގަޑި ނުޖެހި ސުކޫލަށް ގެންދިޔުމަށާއި، ނިމިގެންދިޔަ އަހަރަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދުމަށް މަަސައްކަތް ކޮށްދިނުމަށެވެ. އަދި މަދަރުސާގެ އިސް ވެރިންނަށް ދަންނަވާފައިވަނީ މަދަރުސާއަކީ ކުދިންގެ ދެވަނަ ހިޔާވަހި ކަމަށެވެ. އިސްލާމީ އަޤީދާ ހަރުދަނާކޮށް ދުނިޔޭގެ އޮއިވަރާ ވެއްޓަށް ހޭލުންތެރިކޮށް ކުދިން ބިނާކުރާތަނަކީ މަދަރުސާތައް ކަމެވެ. އަދި މަދަރުސާއިން މިދައުރު ފުރިހަމަޔަށް އަދާކޮށްފިނަމަ، މުސްތަގުބަލް އުޖާލާވެ, މަގުތައް އަލިވެ, ފާގަތިކަން އިތުރު ވާނެ ކަމުގައެވެ.

ދަރިންނަށް ތަޢުލީމު ދިނުމާއި, ތަރުބިއްޔަތު ކުރުމާއި, ރިވެތި އަޚްލާގުން ޒީނަތްތެތި ވެފައިވާބަޔަކަށް ހެދުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށްވެސް މިއަދުގެ ހުތުބާގައި އަލިއަޅުވާލައިފާވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button