ޚަބަރުސިޔާސީ

ޚަރަދު ކުޑަކުރަން އަންގައިފައިވަނިކޮށް ރައީސް ނަޝީދު ސީޝެލްސް އަށް

ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ދަށަށްދިއުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޚަރަދުތައް ވީހާވެސް ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީން އިން އަންގައިފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ރަސްމީ ދަތުރު ފުޅެއްގައި ސީޝެލްސްއަށް ފުރާވަޑައިގަންނަވައިފިއެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގެ މި ދަތުރު ފުޅަކީ ސީޝެލްސްގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މރ. ރޮޖަރ މަންސިއެންގެ ދަޢުވަތަކަށް މިހިނގާ ޖުލައި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ޖުލައި 28 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރު ފުޅެއްކަމަށެވެ.

އެމަނިކުފާނު ސީޝެލްސްއަށް ފުރާވަޑައިގަތީ ރޭގެ ވަގުތެއްގައެވެ.ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މިދަތުރުފުޅުގައި ސީޝެލްސްގެ ޤާނޫނުހަދާ މަޖިލީހަށް ޒިޔާރަތްކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

މަޖިލިސް އިދާރާއިން ބުނި ގޮތުގައި މިދަތުރުފުޅުގައި ރައީސް ނަޝީދު އާއި ސީޝެލްސްގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްއާއެކު ރަސްމީ ބައްދަލުކުރެއްވުމެއް ބާއްވާގޮތަށްވެސް ވަނީ ހަމޖެހިފައެވެ.މިބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ކުރިއެރުމަށް އެކުއެކީގައި މަސައްކަތްކުރެއްވޭނެ ގޮތްތަކަކީ ކޮބައިތޯ ބައްލަވައި އެކަންކަމާމެދު މަޝްވަރާތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމުގައި ރައްޔިތުންގެ މަޖިލީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ސީޝެލްސް ގެ ޤާނޫނު ހަދާ މަޖިލީހުން ފޮނުއްވި ސިޓީގައި ދިވެހިރާއްޖެ އާއި ސީޝެލްސް އާއި ދާދި އެއްގޮތަކަށް އިންޑިއާ ކަނޑުގައި އުފެދިފައިވާ ދެ ޤައުމާއި އަދި ދެޤައުމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކަކީވެސް ދާދި އެއްގޮތް ކަންތައްތަކެއް ކަމަށް ފާހަގަކުރައްވާފައިވާކަމަށް މަޖިލީހުން ބުނެފައިވެއެވެ.

އެހެންކަމުން ދެޤައުއުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކޮށް އެކުއެކީގައި މަސައްކަތްކުރުމުގެ މުހިންމުކަން ވެސް ފާހަގަކޮށްފައިވާކަމަށް މަޖިލީހުގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރަށް ދެ ޤައުމުގ ޤާނޫހަދާ މަޖިލީހުގެ ގުޅުން މުސްތަގްބަލުގައި އިތުރަށް ބަދަހިކުރުމާއި އަދި ދެ ޤައުމުން ބައިވެރވެފައިވާ ބައިނަލްއަޤްވާމީ މުއައްސަސާތަކުގެ އެހީގައި އެޤައުމުގެ ކުރިއެރުމަށް އިތުރަށް މަސައްކަތްކުރުމުގެ ފުރުސަތުތައް ފަހިކުރުމުގެ މުހިންމުކަންވެސް ސީޝެލްގެ ދަޢުވަތު ސިޓީފުޅުގައި ފާހަގަ ކުރައްވާފައިވާކަމަށް ވަނީ ބުނެފައެވެ.

ރާއްޖޭގެ އިޤްތިޞާދީ ޙާލަތާއި ގުޅުވާ ރައީސް ނަޝީދު ދާދި ފަހުން ވިދާޅުވީ ދައުލަތުގެ ރިޒާވްދަށްވެ، ނުރައްކާތެރި ހާލަތެއް ކުރިމަތިވެދާނެ ކަމަށާއި، ދަޢުލަތުގެ ޚަރަދުތައް ވީހާވެސް ކުޑަކުރަން ޖެހޭކަމަށެވެ.

މިކަމަށް އިޝާރާތް ކުރައްވާ މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވީ ދައުލަތުގެ އާމްދަނީ ވަނީ ރަނގަޅުވެފައި ކަމަށާއި ނަމަވެސް ދައުލަތުގެ ޚަރަދުތަކަށް ވަނީ ވާންވެފައި ކަމަށެވެ.

މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޚަރަދު ކުޑަ ކުރުމަށް ކޮމަންވެލްތު ބައްދަލުވުމަށް ދާން އޮތް ދައުވަތަކާއި އުޒްބަކިސްތާނަށް ކުރައްވަން އޮތް ދަތުރުފުޅު ކެންސަލް ކުރައްވާފައިވާކަމަށެވެ.

އެދުވަހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ޚަރަދުތައް ވެސް ކުޑަކުރަން ފިނޭންސް މިނިސްޓްރީން ލިޔުމުން އަންގާފައިވާ ކަމަށާއި، އެހެންކަމުން ފިނޭންސްގެ އެންގުމާ އެއްގޮތަށް މަޖިލީހުން އަމަލުކުރަމުންދާާނެ ކަމަށެވެ.

ދަޢުލަތުގެ ދަރަނި 100 ބިލިއަނަށް އަރައި ޚަރަދުތައް ފޫބައްދަން ސަރުކާރުން ފައިސާ ޗާޕް ކުރުމާއިއެކު ބޮޑެތި އަދަދުތަކުން ލޯނުތައް ނަގަމުން އަންނާތީ ރާއްޖެ ބަނގުރޫޓް ވެދާނެ ކަމަށް އިޤުތިޞާދީ ދާއިރާގެ ތަޖުރިބާކާރުން އަންނަނީ ވިދާޅުވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button