އިންޑިއާގެ އައު ރައީސަށް، ރައީސް ޞާލިޙް މަރުޙަބާ ވިދާޅުވެއްޖެ
އިންޑިއާގެ 15 ވަނަ ރައީސް ދްރޫޕަދީ މުރްމޫ އިންތިހާބުވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް އެކަމަނާއަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.
އެކަމަނާއަށް މަރުޙަބާ ވިދާޅުވެ، ރައީސް ޞާލިހް ކުރެއްވި ޓުވީޓްގައި ވިދާޅުވީ، ދްރޫޕަދީގެ ޤާބިލުކަމާއި ތަޖުރިބާގެ ބޭނުން ކުރައްވައިގެން އިންޑިއާގެ މުސްތަގުބަލު ކުރިމަގުގައި އުޖާލާކުރާނެ ކަމާމެދު އެމަނިކުފާނު އެއްވެސް ޝައްކެއް ނުކުރައްވާކަމަށެވެ. އަދި އެކަމަނާގެ ލީޑާޝިޕްގައިވެސް އިންޑިއާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
Congratulations to Smt. Droupadi Murmu on her historic election as India’s 15th President.
Her capability and experience will no doubt lead India to greater heights. I look forward to enhancing the close relations between Maldives and India under her leadership. @HCIMaldives
— Ibrahim Mohamed Solih (@ibusolih) July 21, 2022
އިންޑިއާގެ ރައީސް ކަމަށް ދްރޫޕަދީ މުރްމޫ އިންތިހާބު ކޮށްފައިވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހާއި އިންޑިއާގެ ސްޓޭޓްތަކުގެ ލެޖިސްލޭޓިވް އެސެމްބްލީތަކުގައި ނެގި ވޯޓުންނެވެ. މި އިންތިޚާބު އޭނާ ކާމިޔާބުކުރެއްވީ ޔަޝްވަންތް ސިންހަ އާ ވާދަކުރައްވާ 64.03 އިންސަތައް ވޯޓުންނެވެ.
ދްރޫޕަދީ އަކީ އިންޑިއާގެ ރައީސް ކަން ކުރައްވާ ދެވަނަ އަންހެން ބޭފުޅާއެވެ. އޭނާ މަޤާމުގެ ހުވާ ކުރައްވާނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. ކުރިން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ދްރޫޕާދީ ސިޔާސީ މަސައްކަތް ފެށީ 1997 ވަނަ އަހަރުއެވެ. އޭނާ އަކީ ވެރިކަންކުރާ ބީޖޭޕީގެ ދުވަސްވީ މެންބަރެކެވެ.