މަސްދަރު ހާމަ ކުރަން ރައީސް ސޯލިހު ނިންމެވުމުން ބޭރު ދުނިޔޭގެ ނުރުހުން އަމާޒުވެއްޖެ
މިނިވަން ނޫސްވެރިކަމުގައި އެޅުވި ތަޅެއްގެ ގޮތުގައި ހެއްކާ ބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވުމުން ނޫސްވެރިންގެ ހައްގުގައި ބައިނަލްއަގްވާމީ ގޮތުން ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ އިންޓަނޭޝަނަލް ޕްރެސް އިންސްޓިޓިއުޓް (އައިޕީއައި) އިން އެކަން ކުށްވެރިކޮށްފި އެވެ.
މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ 2022 ޖޫން 30 ވަނަ ދުވަހު ބޭއްވި އެ މަޖިލީހުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާގައެވެ.
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި އެޑިޓާސް ގިލްޑް (އެޑިޓާސް ގިލްޑް) އިން މި ބިލަށް އިސްލާހު ގެނައުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުންތަކަށް އިހުތިރާމް ނުކުރައްވާ ރައީސް ވަނީ މި ބިލް މަޖިލީހަށް ހުށަހެޅުއްވުމުން ނޫސްވެރިން ވަނީ މިކަމާއި ދެކޮޅަށް އަޑު އުފުލާ ރައްޔިތުންގެ މަޖިލިސް އިދާރާ ކުރިމަތީގައި މުޒާހަރާވެސް ކޮށްފައެވެ.
އެހެން ނަމަވެސް ވަކި ހާލަތްތަކެއްގައި މައުލޫމާތު ދިން މަސްދަރު ހާމަކުރަންޖެހޭ ގޮތަށް މާއްދާއެއް ހިމަނައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ހެއްކާ ބެހޭ ބިލު ފާސްކުރީ އެކަން ނުކުރުމަށް އެދި މަޖިލިސް އިދާރާ ކުރިމަތީގައި ނޫސްވެރިން މުޒާހަރާކުރަމުން ދަނިކޮށެވެ.
ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުން އެ ބިލް ފާސްކުރުމާ ގުޅިގެން ބައިނަލްއަގުވާމީ މީޑިއާތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
18 ޖުލައި ވީ ހޯމަ ދުވަހު ރައީސް ސޯލިހު އެ ބިލު ތަސްދީގުކުރެއްވުން ކުށްވެރިކޮށް އައިޕީއައި އިން ކުރި ޓުވީޓެއްގައި ބުނީ މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް ގާނޫނު ހެދުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.
ހެއްކާބެހޭ ބިލްގެ 136 ވަނަ މާއްދާ އުނިކުރުމަށް ނޫސްވެރިން އިލްތިމާސްކުރަނީ ނޫސްވެރިންނަށް މައުލޫމާތު ލިބޭ މަސްދަރުތައް ހާމަކުރަން މަޖުބޫރުވާ ފަދަ މާއްދާއެއްގެ ގޮތުގައި އޮތުމުންނެވެ.
#Maldives: IPI strongly condemns President Solih's ratification of the Evidence Act, which requires journalists to disclose their sources and poses a critical threat to #pressfreedom. @ibusolih @ifjasiapacific @mjamaldives @pagossman @amnestysasiahttps://t.co/4FDktrjV5H
— IPI – The Global Network for Independent Media (@globalfreemedia) July 19, 2022
މި ބިލާއި ގުޅިގެން އެމްޖޭއޭ އާއި އެޑިޓާސް ގިލްޑް އިން ވެސް ފާހަގަކުރާ ގޮތުގައި ވެރިކަމުގައި ތިބި ފަރާތްތަކުން މިފަދަ ފުށުއަރާ ގާނޫނުތައް ތަސްދީގުކުރުމަކީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގައި ފަހަތަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅަކަށް ވާނެ އެވެ.
މީގެ އިތުރުން ހިއުމަން ރައިޓްސް ވޮޗުން ވަނީ މި ސަރުކާރާއި މަޖިލީހުން އަދި އެއްފަހަރު މި ބިލާއި ގުޅޭގޮތުން ނޫސްވެރިންނާއި މީޑިއާ އޯގަނައިޒޭޝަންތަކާއި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ވަކީލުންނާއި އަދި އެފަދަ އެހެނިހެން ފަރާތްތަކާ އެކު މަޝްވަރާކޮށް، މަސްދަރު ހާމަކުރުމާއި ގުޅޭގޮތުން އޮތް މާއްދާ އިސްލާހުކުރުމަށް ގޮވާލާފައެވެ.
މިއާއިއެކު ރާއްޖެއަށް ލިބިފައިވާ ނޫސްވެރިކަމުގެ މިނިވަންކަން ވީ އެންމެ އަވަހަކަށް އިއާދަކުރުމަށް ވެސް ހިއުމަން ރައިޓްސް ވޮޗުން ގޮވާލައިފައިވެއެވެ
މިސަރުކާރަކީ ނޫސްވެރިކަމަށް މިނިވަން މާހައުލެއް ހޯދައިދޭނެ ކަމުގެ ވައުދާއި އެކު ވެރިކަމަށް އައި ސަރުކާރެއް ނަމަވެސް ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ މިވަނީ 15 ދަރަޖަ ދަށަށް ގޮސްފައިކަން ފާހަގަކޮށްލެވެއެވެ.
ހެއްކާއި ބެހޭ ބިލުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން 158 އަށްވުރެ ގިނަ ނޫސްވެރިން ސޮއިކޮށް ރައީސް ސޯލިހަށް ޕެޓިޝަނެއްވެސް ވަނީ ހުށަހަޅާފަ އެވެ.