ކޮލަމް

އިންޑިއާއިން އައްޑޫގައި ގާއިމްކުރަން ނިންމި ކޮންސުލޭޓު: ވަކި ދައުލަތެއްގެ ފެށުން؟

އައްޑޫ ސިޓީގެ މަސްލަހަތު އިންޑިއާ ކަނޑާ ގުޅިފައިވާކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު އެ ސިޓީއަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގައި ވާހަކަ ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި ޗައިނާ އާއި އިންޑިއާ ހަނގުރާމަ ނިމުމަކަށް ގެނެސްދޭނީ އައްޑޫ އަތޮޅެވެ. ނަޝީދުގެ މުޅި ވާހަކަފުޅު ބައްޓަން ކުރެއްވީ ”ވަކިވެގަތުމަށެވެ.“

އޭގެ ފަހުން މި ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އިންޑިއާގެ ”ދައުރު“ މުޅި ރާއްޖޭގައި ވަނީ ފުޅާވެގެން ގޮސްފައެވެ. އެގައުމުގެ އަސްކަރިއްޔާގެ ދައުރު މިހާރު ރާއްޖޭގައި ވަކިން ބޮޑެވެ. ހާއްސަކޮށް އައްޑޫގައެވެ. އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖޭގައި ގެންގުޅޭ ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރުގެ ”ރެސްޓިން“ ޕޮއިންޓަކީ އައްޑޫ އަތޮޅު ގަމެވެ. އޭތި ދުއްވާ އެގައުމުގެ ސިފައިން ދިރިއުޅެނީ ފޭދޫގައެވެ. އަދި އިންޑިއާ ސަރުކާރުގެ ހަރަދުގައި އައްޑޫގައި ގާއިމްކުރާ ފުލުހުންގެ ތަމްރީނު ސެންޓަރު ހެދުމަށް އިންޑިއާގެ 128 މީހުން އެ އަތޮޅުގައި އެބަތިއްބެވެ.

އިންޑިއާ ސިފައިން ރާއްޖޭގެ އެކި ކަންކޮޅުތަކައި ހަރަކާތްތެރިވުމާއި، އެގައުމާއި ރާއްޖެއާއި ދެމެދު އަޑި ނޭނގޭ އެއްބަސްވުންތަކެއްގައި ސޮއި ކުރުމުގެ ވާހަކަތައް ތިލަވެފައި އޮތް މިދަނޑިވަޅުގައި އިންޑިއާގެ ކޮންސުލޭޓް ޖެނެރަލެއް އައްޑޫ ސިޓީގައި ގާއިމްކުރުމަށް އެގައުމުގެ ކެބިނެޓުން ނިންމީ މިމަހުގެ 25 ވަނަ ދުވަހުގައެވެ. މިއީ އިންޑިއާގެ ނުފޫޒު ރާއްޖެއަށް ފޯރަމުން އަންނަކަމުގެ ވާހަކަތަކަށް އިތުރު ހައިރާންކަމެއް ގެނުވި ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. ވަކިން ހާއްސަކޮށް މިމައްސަލައިގައި އައްޑޫ ސިޓީގެ ގިނަ ރައްޔިތުންގެ ކަންބޮޑުވުން އޮތްކަން މީސް މީޑިއާށް ބަލާލުމުން އެނގެއެވެ.

އިންޑިއާގެ ކެބިނެޓް ބައްދަލުވުމުގެ ނިންމުން ރައީސް ސޯލިހު ސިފަކުރެއްވި ގޮތް

އައްޑޫގައި ކޮންސުލޭޓެއް ގާއިމްކުރުމަށް އިންޑިއާގެ ޔޫނިއަން ކެބިނެޓުން ނިންމުމާއެކު އުފެދޭ ސުވާލަކީ ރާއްޖޭގެ ”ސޭއެއް“ ނެތި މިވަރުގެ ބޮޑު ނިންމުމެއް ނިންމިދާނެ ކަމާއިމެދު އުފެދޭ ސުވާލެވެ. ސަބަބަކީ މިވަރުގެ ބޮޑެތި ނިންމުންތައް ނިންމަނީ ހާރިޖީ ގޮތުން ދުނިޔޭގެ އެއްގައުމު އަނެއް ގައުމާ ދެމެދުގައި ބަދަހިކުރާ ގުޅުންތަކުގެ ތެރެއިންނެވެ. ދެގައުމުގެ ދެމެދުގައި ކުރެވޭ މަޝްވަރާތަކުންނެވެ. އެކަން އެގޮތުގައި ދަމަހައްޓަނީވެސް މަޝްވަރާ ނުކޮށް އެއްގައުމުން އަނެއް ގައުމުގެ މައްޗަށް ނިންމާ ނިންމުމެއްގެ ސަބަބުން މަސްލަހަތު ގެއްލިދާނެތީއެވެ. ދެން އޮތީ ރާއްޖެއާއި އިންޑިއާ އާއި ދެމެދުގައި އެފަދަ މަޝްވަރާއެއް ކުރެވިފައިވޭތޯ ނުވަތަ ނުވޭތޯ އުފެދޭ ސުވާލެވެ. މިހާރު ޖެހިގެން އުޅެނީ މި މައްސަލައެވެ. ސަރުކާރުން ބުނާގޮތުގައި އެއީ އިންޑިއާގެ ނިންމުކެވެ. އަންގާރަ ދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ އިންޑިއާގެ ކޮންސުލޭޓް އައްޑޫގައި ގާއިމްކުރުމަށް ”އަދި“ ގޮތެއް ނުނިންމަވާ ކަމަށެވެ. އަދި އެ ކަމުގައި ދެ ގައުމުގެ ދެމެދުގައި އެއްވެސް މަޝްވަރާއެއް ކުރެވިފައި ނުވާކަން ރައީސް ސޯލިހުގެ ވާހަކަފުޅުން އެނގެއެވެ. އެކަމަކު އެމަނިކުފާނުގެ ވާހަކަފުޅުން ވަރަށް ބޮޑު ހައިރާންކަމެއް ލިބުނެވެ.

”އެއީ އެގައުމުގެ ނިންމުމެއް. އަޅުގަނޑުމެން އަދި ޑިސިޝަނެއް އެއަކު ނުނަގަން. އެ ނިންމުން އިންޑިއާގެ ފަރާތުން ރަސްމީކޮށް ރާއްޖެއާ ހިއްސާ ކުރާނެ. ޑިޕްލޮމެޓިކް ގުޅުމުގެ ތެރެއިން އެއް ފަރާތުން އަނެއް ފަރާތަށް އެދޭ އެދުންތައް ފުރިހަމަކުރަން ދައްކަން ޖެހޭ ވާހަކަތައް އެކަމުގައި ދެކެވޭނެ. އިންޑިއާ އާއި ރާއްޖެއާ ދޭތެރޭގައި އޮތީ ވަރަށް ގާތް ގުޅުމެއް. ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުން ދޭހަވެގެން ދިޔައީ އިންޑިއާއިން މިވަރުގެ ބޮޑު ނިންމުމެއް ނިންމީ ރާއްޖެއާއި އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަމެވެ. އަދި އިންޑިއާއިން މިފަދަ ކޮންމެ ބޮޑު ނިންމުމެއް ނިންމިޔަސް އެ ވިދާޅުވާ ”ގާތް“ ގުޅުމެއްގެ ބޮޑުކަމުން އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާ ކަހަލައެވެ. ކަމެއް ކުރުމަށް ކެބިނެޓް ފެންވަރުގެ ބައްދަލުވުމަކުން ނިންމުމަކީ ޑިޕްލެމެޓިކް ގުޅުމުގެ ތެރެއިން ކަންކަމަށް އެދުމެއް ނޫނެވެ. އެއީ މޫނު މަތީގައި ތަފާއްޔަކުން ޖެހުން ކަހަލަ ކަމެކެވެ. މިކަމުގައި ރައީސް ސޯލިހަށް އޮތީ ކޮން މަޖުބޫރު ކަމެއްތޯވެސް ހިތަށް އަރައެވެ. މިއީ، އަހަރެމެން ތިޔަ ރަށުގައި ކޮންސުލޭޓެއް ގާއިމްކޮށްފީމޭ، ކަލޭމެންނަށް އެނގުނަސް ވަރިހަމައޭ ބުނުން ކަހަލަ ކަމެކެވެ. އެހެން ކަމުން މަޝްވަރާ ނުކުރެވޭ ކަމަކީ ނޭނގޭ ކަންކަމެވެ. ރައީސް ސޯލިހުގެ ވާހަކަފުޅު ހުރީ ހުދު އެމަނިކުފާނަށް ވެސް އަދި އާންމުންނަށްވެސް ”މިކަން“ އެނގުނީ އިންޑިއާގެ ނޫހަކުން ރިޕޯޓް ކުރުމުންކަން ގަބޫލު ކުރަން ޖެހޭ ހިސާބަށެވެ. މިއީ ގާތް ގުޅުމެއް އޮންނަ ގައުމަކުން ކުރާނެ ޒާތުގެ ކަމެއް ނޫނެވެ.

އައްޑޫގައި އިންޑިއާގެ ކޮންސުލޭޓެއް ގާއިމްކުރުން މުހިންމުތަ؟

މިއީ ދެން އޮތް އެންމެ ބޮޑު ބަހުސެވެ. ކޮންސުލޭޓެއްގެ ބޭނުމަކީ ވަކި ސަރަހައްދެއްގައި އުޅޭ ބޭރު އެހެން ގައުމެއްގެ ބަޔަކަށް ހިދުމަތް ފޯރުކޮށްދިނުމެވެ. އައްޑޫގައި އިންޑިއާގެ ގިނަ ރައްޔިތުންނެއް ދިރިއެއް ނޫޅެއެވެ. އެކަމަކު ވެރިކަން ކުރާ ރަށުގައި ކޮންސުލޭޓް ގާއިމްކުރުމުގައި މީހުންގެ ނިސްބަތަށް ބެލުމަކީ ހާރިޖީ ގުޅުން އޮންނަ ގައުމުތަކުން ގެންގުޅޭ މިންގަނޑެއް ނޫނެވެ. މިސާލަކަށް މާލޭގައި އިންޑީއާ އެމްބަސީ ނެތް ހާލަތެއްގައި މާލެ ސަރަހައްދުގައި އިންޑިއާގެ މަދު މީސްކޮޅެއް ތިއްބަސް ކޮންސުލޭޓެއް ގާއިމްކުރުމަކީ ހާރިޖީ ގުޅުން އޮންނަ ގައުމުތަކުން ގެންގުޅޭ ހަމައެކެވެ. އެކަމަކު އެ ގައުމެއްގެ އެހެން ސަރަހައްދެއްގައި ކޮންސުލޭޓެއް ގާއިމްކުރުމުގައި މީހުންގެ ނިސްބަތަށް ބަލާނެއެވެ. އޭގެ އެންމެ ބޮޑު މިސާލަކީ އިންޑިއާގެ ނިއުދިއްލީގައި ރާއްޖޭގެ ހައި ކޮމިޝަން ހުރެފައި، ތިރުވަނައްތަޕޫރަމްގައި ރާއްޖޭގެ ކޮންސުލޭޓެއް ހުރުމެވެ. އެކަމަކު ރައީސް ސޯލިހުގެ ”ލޮޖިކް“ ދިމާ އިދިކޮޅެވެ. ރައީސް ވިދާޅުވާގޮތުގައި ރާއްޖޭގެ ހައި ކޮމިޝަން ނިއުދިއްލީގައި ހުރުމާއި، ކޮންސުލޭޓް ތިރުވަނައްތަޕޫރަމްގައި ހުރުމަކީ، އައްޑޫގައި އިންޑިއާގެ ކޮންސުލޭޓެއް ގާއިމްކުރަން އެގަމުގެ ކެބިނެޓުން ނިންމި ނިންމުމާ ދޭތެރޭ ރާއްޖެއިން ވިސްނަންޖެހޭ ވަރުގެ ކަމެކެވެ. އަނެއްކާވެސް ހިތަށް އަރަނީ ރައީސަށް އޮތީ ކޮން މަޖުބޫރު ކަމެއް ހެއްޔެވެ.

އައްޑޫ ސިޓީއަކީ އިންޑިއާ އަސްކަރިއްޔާގެ އިސްތިރާޖީ އަމާޒެއް

އިންޑިއާ ކަނޑުގައި އެގައުމުގެ ސިފައިން ތިބުމަކީ، އެގައުމުގެ އަސްކަރިއްޔާގެ އެންމެ ބޮޑު ލަނޑުދަޑިއެވެ. ހާއްސަގޮތެއްގައި ޖަޒީރާ ގައުމުތަކުގައި އިންޑިއާ ސިފައިން ތިބުމަކީ އެމީހުންގެ އަމާޒެވެ. ސީޝެލްސް އާއި މޮރިޝަސް ފަދަ ޖަޒީރާ ގައުމުތަކުގައި އިންޑިއާގެ އަސްކަރީ މަރުކަޒުތައް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވި، އެކަން ނާކާމިޔާބުވީ އެ ދެގައުމުގެ ވަތަނީ ފިކުރު އިންޑިއާ އާއި ދެކޮޅަށް ތެދުވެގެންނެވެ.

އިންޑިއާގެ ރަސްމީ ޖާސޫސީ އިދާރާ ކަމަށްވާ ރިސާޗް އެންޑް އެނަލަޒިސް ވިންގު (ރޯ) ގެ ނަޒަރުގައި ކުރިޔަށް އޮތް 20 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އައްޑޫ ސިޓީ ވެގެންދާނީ ދިފާއީ ގޮތުން އެގައުމުގެ އަސްކަރިއްޔާއަށް މުހިންމު އިސްތިރާޖީ ސަރަހައްދަކަށެވެ.

އިންޑިއާ އަސްކަރިއްޔާގެ ސިފައިންނާއި، ހެލިކޮޕްޓަރެއް އައްޑޫގައި އޮތުމާއި، ފުލުހުންގެ އެކަޑަމީގެ މަސައްކަތް ކުރިޔަށް ގެންދިޔުމަކީ ފަހަރުގައި ދާއިމީ ކަމަކަށް ނުވެދާނެއެވެ. ވެރިކަމެއް ބަދަލުވެގެން ދާއިރު، ސިޔާސަތުތަކަށް ބަދަލު އަންނަ އުސޫލުން ރައީސް ސޯލިހުގެ ވެރިކަން ”ހަތިމުވާ“ ހިސާބުން އެ ހުރިހާ ކަމެއް ”އެފުށް މިފުށަށް“ ޖެހިގެން ދިޔުން ގާތެވެ. އެ މަގުސަދު ރަނގަޅަށް ހާސިލްކުރުމުގެ ފެށުމަކީ ދާއިމަށް ތިބެވޭނެ ގޮތެއް ހެދުމެވެ. އިންޑިއާގެ ރޯ ގެ ”ޒާތަކީ“ އެމްބަސީތަކާއި ކޮންސުލޭޓުތައް މެދުވެރިކޮށް ޖާސޫސް ކުރުމެވެ. އައްޑޫގައި ކޮންސުލޭޓް ގާއިމްކުރަން ބޭނުންވަނީ ފުލުހުންގެ ޓެރެއިންގް ސެންޓަރުގެ އިމުގެ ތެރޭގައި ކަމަށްވާނަމަ، މިއީ އަދި މާ ނުރައްކާ ކަމެކެވެ. ސަބަބަކީ އެ ސެންޓަރު ހިންގުމުގައި ރާއްޖެއާއި އެއްވަރަކަށް އިންޑިއާ އަސްކަރިއްޔާގެ ދައުރު އޮތުމެވެ. ފުލުހުންގެ ތަމްރީނު ސެންޓަރު އިންޑިއާ އަސްކަރިއްޔާގެ ބެލުމުގެ ދަށުން ހިންގާފަ، އެ ސެންޓަރުގައި އިންޑިއާގެ ސިފައިންނާއި ފުލުހުން ތަމްރީނު ހަދާފަ، ކޮންސުލޭޓް ހެދުމުން ދެން ވާނެގޮތް ވިސްނާލަން ޖެހެއެވެ. އެހިސާބުން ރާއްޖޭގެ ގާނޫނުގެ ބާރު އެ ސަރަހައްދަށް ހިންގޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެއެވެ.

އިންޑިއާ ޗައިނާ މައްސަލައަށް އައްޑޫ ސިޓީ ވެއްދުން

ރާއްޖޭގައި އުފެދިފައިވާ ސިޔާސީ އޮއިވަރުގައި މައިގަނޑު ދެ ފަލްސަފާއެއްގެ އޮލަ ވާހަކައިގެ ތެރެއިން ހައިރާންކަމެއް ގެނުވީ އައްޑޫގެ ކުރިމަގާއި މެދު ރައީސް ނަޝީދުގެ ވާހަކަފުޅުތައް ބައްޓަން ކުރައްވާ ގޮތެވެ. ނަޝީދުގެ ވާހަކަފުޅުތަކުން ދޭހަވަނީ އައްޑޫގައި ވަކި ދައުލަތެއް އޮތުމުގެ މުހިންމުކަމެވެ. އޭގެ އަޖަލުގައި މަދުން ނަމަވެސް ބަޔަކު ނުޖެހެއެކޭ ނޫނެވެ.

2018 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި އައްޑޫ ސިޓީގެ އޭރުގެ ކައުންސިލަރުންތަކަކާއެކު ނަޝީދު ދެއްކެވި ވާހަކަފުޅެއްގެ އޯޑިއޯ ލީކުވިއެވެ. އެ އޯޑިއޯގައި ދިވެހި ދައުލަތުން ވަކިވެ އަމިއްލަ ދައުލަތެއް ހެދުމަށް މީހަކު ނަޝީދަށް ދެންނެވިއެވެ. އެމަނިކުފާނު ވިދާޅުވީ އެކަން ކުރެވޭނީ ހަތިޔާރު ހުރެގެން ކަމަށެވެ.

”ހަތިޔާރު ނެތިއްޔާ ވަތްކެއް ނުވެވޭނެ. ބްރިޓިޝް ވާޖިން އައިލެންޑްސްގެ ޓޯޓޮލާ އަކީވެސް އައްޑޫ ވަރުގެ އާބާދީއެއް. އެމީހުންނަކީ ވަކި ދައުލަތެއް.“ ނަޝީދު ވިދާޅުވިއެވެ.

އައްޑޫ އަކީ ސަރަހައްދީ ސަލާމަތާއި އިގްތިސާދަށް މުހިންމު އިސްތިރާޖީ އަތޮޅެއް ކަމަށް އެމަނިކުފާނު ދައްކަވާ ވާހަކަފުޅުގެ ތެރެއަށް އިންޑިއާ ޗައިނާ މައްސަލަ ވަދެގެން ދިޔަ ހިސާބުން ދެވަނަ ވިސްނުމަކުން ވިސްނާލަން ޖެހެއެވެ. ހަގީގަތުގައި ގުދުރަތީގޮތުން ރާއްޖެ އޮތް ސަރަހައްދަކީ ޗައިނާއާއި އިންޑިއާގެ މަސްލަހަތޭވެސް ބުނެވިދާނެއެވެ. އެ މަސްލަހަތު އެންމެ ބޮޑަށް ހިމާޔަތް ކޮށްދެވޭނެ ބަޔަކީވެސް ރާއްޖެއެވެ. އެބުނާ ބޮޑު މަސްލަހަތު ގުޅިފައި އޮތީ އައްޑޫ އަތޮޅަށޭވެސް ބުނެވިދާނެއެވެ. އެކަމަކު އިންޑިއާގެ އަސްކަރިއްޔާ އައްޑޫ އަތޮޅުގައި ނުވަތަ ރާއްޖޭގެ އެހެން ތަނެއްގައި ތިބުމަކީ، ބޭރު ގައުމަކުން އެގައުމުގެ ދުޝްމަނުންނަށް ފާރަލައި، ޖާސޫސް ކުރުމަށް ދިވެހި ފަސްގަނޑު ދިނުމަށް ރުހުމެވެ. ނަޝީދު މިނިވަނެއްގެ ގޮތުގައި އެނބުރި ރާއްޖެ ވަޑައިގަތުމަށްފަހު އައްޑޫ އަތޮޅަށް އިސްކަން ދެއްވައިގެން އެ އަތޮޅަށް ވަޑައިގަންނަވައި ދެއްކެވި ވާހަކަފުޅުތަކަކީ މިއަދުގެ އިއްތިފާގެކޭ ބުނެވޭކަށް ނެތެވެ. ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާބިޔާބު ވުމުގައި އިންޑިއާގެ ދައުރު ބޮޑުކަމަށް ވިދާޅުވީވެސް ހުދު އެމަނިކުފާނު އަމިއްލަ ފުޅަށެވެ.

”އަޅުގަނޑުމެންނަށް އިންތިހާބު ކާމިޔާބުވީ އިންޑިއާ އިން ހުޅުވައިދިން ކުޑަ ދޮރަކުން ވަދެގެން.“ ނަޝީދު ވިދާޅުވިއެވެ.

އެހެން ކަމަށްވާނަމަ މިއީ ”ބަދަލު ނަގައިދިނުން“ ތޯ ވެސް ސުވާލު އުފެދޭ ހިސާބަށް ކަންކަން ގޮސްފިއެވެ.

އައްޑޫގައި އިންޑިއާއިން ގާއިމްކުރަން ނިންމި ކޮންސުލޭޓަކީ ވަކި ދައުލަތެއްގެ ފެށުން ހެއްޔެވެ؟

މިއީ ވަރަށް ފަސޭހަ ސުވާލެކެވެ. މި ކޮންސިއުލޭޓުގެ ސަބަބުން ރާއްޖޭގައި އަދި ވަކިން ހާއްސަކޮށް އައްޑޫ ސިޓީގައި އިންޑިއާގެ ”ހާރިޖީ ނުފޫޒު“ ވަރުގަދަވެގެން ދާނެ ކަމަށް ބުނީވެސް އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޭއްވި ކެބިނެޓް ބައްދަލުވުމުގައެވެ. މޯދީގެ ބީޖޭޕީ ސަރުކާރުން ގެންގުޅޭ ސިޔާސީ ފިކުރު އިތުރަށް ފުޅާ ކުރުމަކީވެސް މި ކޮންސިއުލޭޓުގެ އެއް ބޭނުމެވެ. އޭނާގެ ސިޔާސީ ފިކުރަކީ ހިންދޫންގެ ކުރިއެރުމެވެ. އިންޑިއާގެ ކެބިނެޓުން ދެން މަޝްވަރާކޮށްފައިވަނީ ވަރަށް ތާކުންތާކު ނުޖެހޭ ނުކުތާތަކެކެވެ. އެގޮތުން އިންޑިއާގެ އުފެއްދުންތައް އައްޑޫގައި މާކެޓުކޮށް، އެގައުމުގެ ވިޔަފާރިވެރިންގެ އުފެއްދުންތައް އިތުރު ކުރުމަށް ފުރުސަތު ހުޅުވިގެން ދާނެކަމަށް ނިންމިއެވެ. މުދާ އުފެއްދުން އިތުރުވުމުގެ ސަބަބުން އިންޑިއާގެ ވަޒީފާގެ ބާޒާރު ތިޔާގިވެގެންދާނެކަމަށް މި ނިންމުމުގައި ވެއެވެ. މީގެ އިތުރުން އިންޑިއާއަކީ އަމިއްލަ ގައުމަށް އެކަނި ބަރޯސާވެފައިވާ ގައުމިއްޔަތު ވަރުގަދަ ގައުމަކަށް ވެގެންދާނެ ކަމަށް މޯދީ ޗެއަރ ކުރެއްވި މި ބައްދަލުވުމުން ނިންމާފައިވެއެވެ.

ކޮންސުލޭޓެއް ގާއިމްކުރުމުގެ ބޭނުމަކީ ހިދުމަތްދިނުން ކަމަށްވާއިރު، ވިޔަފާރި އާއި މަސައްކަތަށް އަންނާނީ ކޮން ކުރިއެރުމެއް ހެއްޔެވެ؟ މިފަދަ ތަނެއްގެ ސަބަބުން ވިޔަފާރިއާއި އުފެއްދުންތެރިކަމުގެ ނިސްބަތް ކުރިއަރައިގެން ދިޔަ ގައުމެއް ފެންނާން އެބައޮތް ހެއްޔެވެ؟ މިއަދު އިންޑިއާއަށް އެގައުމުގެ ތެރޭގައި އިގްތިސާދީ އައު ހަރަކާތްތައް ހިންގުން މުހިންމެވެ. ފަގީރުކަމާއި ސަލާން ޖެހުން ނައްތާލުން މުހިންމެވެ. އިންޑިއާއަކީ ކުރިއެރުމަށް ބޮޑެތި ހިރާސްތަކެއް ކުރިމަތިވެފައި އޮތް، އެކަމަކު ކުރިއެރުމަށް މަސައްކަތް ކުރާ ގައުމެކެވެ. އައްޑޫ ސިޓީގެ ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތު ކޮންސުލޭޓަކުން ބަދަލު ވާނެކަމަށް ދެކުމަކީ ކޮށި ވިސްނުމެކެވެ. އެންމެ ކުޑަމިނުން ދިވެހިން އުޅެނީ އިންޑިއާއަށް ދިއުމަށް އޮން އެރައިވަލް ވިސާ ވެސް ނުލިބިގެންނެވެ.

ކޮންމެއަކަސް ރައީސް ސޯލިހުގެ ވާހަކަފުޅުން އެނގެނީ އައްޑޫ ސިޓީގައި ގާއިމްކުރުމަށް އިންޑިއާއިން ނިންމާފައިވާ ކޮންސުލޭޓަށް ނުސީދާކޮށް އެމަނިކުފާނު މަރުހަބާ ވިދާޅުވުމެވެ. ވާހަކަފުޅުތަކުގައި ހުރީ މަޖޫބޫރުކަމެވެ. ފަހަރުގައި އެއީ އިންޑިއާ ސިފާއިން ރާއްޖޭގައި ބޭތިއްބުމުގެ ހުއްދަ ދޭމަތިން އިންޑިއާ ސަރުކާރުން ހުށަހެޅި އެއް ބިލިއަން ޑޮލަރުގެ މަޖުބޫރީ ހާލަތަށްވެސް ވުން އެކަށީގެންވެއެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުން އެނގެނީ ޝުކުރު އަދާކޮށް ހުސްވިޔަސް އިންޑިއާ ނުރުއްސޭވަރުގެ ކަމެއް މާޒީގައި ހިނގާފައި އޮތް ކަމެވެ. ހަގީގަތް އިނގޭނީ އެ ދެ ބޭފުޅުންނަށެވެ. އެކަމަކު އައްޑޫގައި އިންޑިއާއިން ގާއިމްކުރަން އުޅޭ ކޮންސުލޭޓަލީ ވަކި ދައުލަތެއްގެ ފެށުމަށް ވެދާނެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button