ޚަބަރުމުނިފޫހިފިލުވުން

ހިތްވަރުގަދަ ކޮންމެ މީހެއްގެ ހަޔާތުގައި ކަޅު އެތައް ސަފްހާއެއް!

ދިރިއުޅުމުގެ ކުރު ދަތުރުމަތީގައި އެކި މީހުން ކުރިމަތިލާން ޖެހެނީ ތަފާތު ކަންކަމާއެވެ. ލައްވާލަނީ އެކިވަރުގެ ކޮޅިގަނޑު ތަކާއެވެ. މި ދަތުރަކީ އެއްވެސް މީހަކަށް ފަސޭހަ ދަތުރަކަށް ނުވަނީ އެހެެންވެ ކަމަށް ވެސް ވެދާނެއެވެ. ނަމަވެސް ދަތި ކޮންމެ ކަމަކުން ނުވަތަ އެފަދަ ކޮންމެ ކޮޅިގަަނޑަކުން ދަސް ކޮށްދެނީ ތަފާތު ފިލާވަޅެކެވެ. ދެނީ އިތުރު ހިތްވަރެކެވެ. ވަރުގަދަ ކޮށްދެނީ ހަޔާތުގައި އިތުރަށް ކުރިއަށް ދިއުމަށްޓަކައި އަޒުމެވެ.

އެއްވެސް މީހަކަށް ހަޔާތަކީ ފަސޭހަ އެއްޗަކަށް ނުވެެއެވެ. ނަމަވެސް ހަޔާތުގައި ދަތި އުނދަގުލާއި ކުރިމަތިލާން ނުޖެހޭނަމަ, އެއީ ހަޔާތަކަށް ވެސް ނުވެއެވެ. ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި އެކި މީހުން ކުރިމަތިލާންޖެހޭ ވޭނާއި ހިތާމަ އާއި މެދު އެހެން މީހަކަށް އެއްވެސް މައުލޫމާތެއް އެނގިފައި ނޯވެދާނެއެވެ. ކޮންމެ މީހަކީ ވެސް ތަފާތު މީހެކެވެ. އަދި ދިރިއުޅުމުގައި ކުރިމަތިވާ ކަންކަން ތަހައްމަލުކުރާގޮތްވެސް ތަފާތުވާނެވެެ. ބައެއް މީހުންނަކީ އަނެކުންގެ ކުރިމަތީގައި އަބަދުވެސް ހިނިތުންވުމެއް ދައްކައިގެން އުޅޭ ބައެކެވެ. ނަމަވެސް އެއީ އެމީހުން އެކަނިމާ އެކަނި ތަހައްމަލު ކުރަމުންދާ ވޭނާއި ހިތާމަ އެހެން މީހުންނަށް ފޮރުވުމުގެ ބޭނުމުގައި އެކަންޏެވެ. ފަރުދާގެ ފަހަތުގައި އެކަނިމާ އެކަނި އެމީހުން އުޅޭ ހާލު އިނގޭނީ ހަމަ އެ ވޭނާއި ތަދާއި ކުރިމަތިލާ މީހުން އެކަންޏެކެވެ.

ދިރުއުޅުމުގައި ކުރިމަތިލާން ދުވަހަކުވެސް ޖެހޭނެ ކަމަށް ހީނުކުރާ އެތައް ކަމަކާއި ކުރިމަތިލާން ޖެހެއެވެ. އެއްވެސް މީހަކަށް ނޭނގިއެވެ. އެކަނިމާ އެކަންޏެވެ. ސަބަބަކީ އެހެން މީހަކަށް ހިތުގެ އުދާސްތަށް ކިޔާދިނުމަަށްވުރެ އެކަނިމާ އެކަނި ހުރިހާ ކަމަކާއި ކުރިމަތިލާން ވެސް ހިތައް ފަސޭހަ ވީމައެވެ. ކޮންމެ މީހަކީ އެވާހަކަތައް އަޑު އަހަންވެސް ބޭނުންވާނެ މީހެއް ނޫނެވެ. އަދި ކޮންމެ މީހަކީ ތިމާއަށް އެހީވާން ބޭނުންވާނެ މީހެއް ނޫނެވެ. އަދި ބައެއް ފަހަރަށް އެހެން މީހަކަށް ކުރިމަތިވާ ކަންކަން ހިއްސާ ކުރަން ހަދައިގެން ކުރިމަތިވަނީ އިތުރު ތަކުލީފެކެވެ. ސަބަބަކީ ހިތުގައި ހިނގައި ހުރިހާ އިހުސާސެއް ބަޔާން ކޮަށްދިނުމަކީ ފަސޭހަކަމަކަށް ނުވާތީއެވެ.

ކޮންމެ މީހަކީވެސް މިކަހަލަ އެތައް ކަމެއް ތަހައްމަލު ކުރަމުންދާ މީހެކެވެ. ތަފާތަކީ ކޮންމެ މީހަކުވެސް ހަޔާތުގައި ދިމާވާ އަނދަވަޅުތަކުން އަރައިގަންނަން އިހުތިޔާރުކުރާ ގޮތް ތަފާތުވުމެވެ. ހަގީގަތަކީ ދިރިއުޅުމަކީ އުފަލާއި ހިތާމާއިގެ ސަފްހާތަކެއް އެކުލެވިގެންވާ ފޮތެއް ކަހަލަ އެއްޗެކެވެ. އަދި ދިމާވާ ކޮންމެ ހިތްވަރުގަދަ މީހަކީ ހަމައެކަނި އުފާ ފާގަތި ކަމުގައި އުޅެފައިވާ މީހަކަށް ނުވެދާނެއެވެ. ހަގީގަތަކީ ހިތްވަރުގަދަ ކޮންމެ މީހެއްގެ ހަަޔާތުގައި އެހެން މީހުންނަށް ނޭނގޭ ހިތްދަތި އެތައް ވާހަކަތަކެއް ހުންނާނެއެވެ. ދިރިއުޅުމަކީ އެއީއެވެ. ހަޔާތަކީ އެއީއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button