ޚަބަރުމުނިފޫހިފިލުވުން

ސްނެޕްޗެޓް ސްޓްރީކް ހަމަ އެހާ މުހިންމުތަ؟

ޓެކްނޮލޮޖީގެ ރޮނގުން ދުނިޔެ މިވަނީ އެތައް ހަރުފަތްތަކެއް ގިރާކޮށްފައެވެ. އެތައް ފަސޭހަތަކެއްގެ ސަބަބަކަށް ޓެކްނޮލޮޖީ ވެފައިވާއިރު، ބައެއް މީހުން ދެކޭގޮތުގައި މީހުންގެ އަގުހުރި ވަގުތުތައް ނަގާލާ އެއްޗަކަށްވެސް ޓެކްނޮލޮޖީ ވަނީ ވެފައެވެ. އިޖްތިމާއި ވިއުގަތަކުގައި އެކި ނަންނަމުގައި މީހުން މަސްއޫލުވެ އުޅެނީ އެއްވެސް ބޭނުމެއް ނެތް ގޮތުގައި ކަމަށް ބައެއް މީހުން ދެކެއެވެ. އެގޮތުން ސްނެޕްޗެޓަކީ އެންމެ ގިނަ މީހުން އެގޮތަށް ފާހަގަކުރާ އެކަައްޗެވެ.

ދިވެހިންގެ ތެރޭގައި ވެސް އާންމުކޮށް ދެކެވޭ އެއް ވާހަކައަކީ ސްނެޕްޗެޓް ސްޓްރީކުގެ ވާހަކައެވެ. ހާއްސަކޮށް ޒުވާނުންނެވެ. އަބަދުވެސް ފެންނާނީ 24 ގަޑިއިރު ހަމަވުމުގެ ކުރިން ކޮންމެސް އެއްޗެއްގެ ފޮޓޯއެއް ފޮނުވޭތޯ އުޅޭ މަންޒަރެވެ. ބައެއް ފަހަރަށް ފޯނުގެ ކެމެރާ މަތީގައި އަތް އަޅައި މީހުން އެންމެ ރުޅި އަންނަ ކަހަލަ “ބްލެކް ސްނެޕް“ އެއް ވެސް ފޮނުވާލެވޭތޯ ބަލައެވެ. ހަމަ އެކަނި ސްނެޕްޗެޓް ސްޓްރީކް ބެހެއްޓުމުގެ ގޮތުންނެވެ. ބައެއް މީހުންގެ ސުވާލަކީ އޭގެން ހާސިލު ވަނީ ކޮންކަމެއް ތޯއެވެ.

ސްނެޕްޗެޓު ސްޓްރީކާއި ބެހޭގޮތުން ބައެއް މީހުންގެ ފާޑުކިޔުންތަކަށް ދޭނެ މާބޮޑު ރައްދެއްވެސް ނޯވެއެވެ. ބުނަން އޮންނަހާވެސް އެއްޗަކީ ކޮންމެ ކަމަކަށް ސަބަބެއް ބޭނުން ނުވާކަމެވެ. ކޮންމެ މީހަކުވެސް އަމިއްލަ ހިތްހަމަ ޖެހުމަށް އެކި ކަންކަން ކުރުމަކީ އޮންނަ ކަމަކަށް ވާތީއެވެ. އެހެން ކަމުން އެއީ އަމިއްލަ ހިތް ހަމަ ޖެހުމަށް ކުރާ ކަމެއް ކަމުން، އެހެން މީހަކަށް އެކަމުން މައްސަލައެއް އޮވެގެން ނުވާނެ ކަމަށް ބުނުމަކީ ސްޓްރީކު ކުރުމަށް ފާޑުކިޔާ މީހުންނަށް ދެވޭ އެންމެ ވަރުގަދަ ރައްދެވެ.

މިކަމާއި ގުޅިގެން ތަފާތު ހިޔާލުތަކެއް އެތަކެއް ފަހަރެއްގެ މަތިން ބަދަލު ކުރެވޭއިރު، ބައެއް މީހުން ބުނާގޮތުގައި ފަރުޟު 5 ނަމާދަށް ނުދޭ އަހަންމިއްޔަތުކަން ސްޓްރީކު ހިފެހެއްޓުމަށް މީހުން ދެއެވެ. އަދި އެއީ އެކަން ވާންޖެހޭ ގޮތް ނޫންކަމަށާއި، ގަވައިދުން ސްޓްރީކް ކުރުމަށްވުރެ ގަވައިދުން ފަސް ވަގުތު ނަމާދު ކުރުންވެސް މާ ރަނގަޅުވާނެ ކަމަށް މީހުން ބުނެއުޅެއެވެ.

މިކަހަލަ އެތައް ވާހަކަތަކެއް ދެކެވެމުންދާއިރު އަދިވެސް އެންމެ ގިނަ ބަޔަކު ބޭނުން ކުރާ އެއްޗެއްގެ ގޮތުގައި އޮތީ ސްނެޕްޗެޓެވެ. ސްނެޕްޗެޓު ސްްޓްރީކު ހަމަަ އެހާ މުހިންމު ކަމާއިމެދު ކުރެވޭ ސުވާލުތަކުގެ ހުރަހަކަށް ވަނީ ޓެކްނޮލޮޖީ އާއި މީހުން ލާމެހިފައިވާ މިންވަރެވެ. އަދި ކޮންމެ ކަމެއް ކުރިއަސް ފާޑުކިޔާ މީހުން ކިޔާނެ ކަމުގެ ވިސްނުމަށް މީހުން ތާއީދު ކުރާ މިންވަރެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button