މުނިފޫހިފިލުވުން

މިސްރާބެއް ނެތި މަލީހާ ފެށި ދަތުރަށް ގިނަ ބައެއްގެ ސަމާލުކަން

ފެށީ އަމިއްލަ ހިތްހަމަ ޖެހުމަށެވެ. ކޮންމެ ކޮންމެ މީހަކަށް ވާނެކަމެއް ވެސް ނޫނެވެ. ތަރުހީބު ލިބިދާނެކަމަށް ހިއެއްވެސް ނުކުރެއެވެ. ލިބުނީ ބޮޑު ސަމާލު ކަމެކެވެ. ށ.މިލަންދޫ އަށް އުފަން އެންމެ 23 އަހަރުގެ އައިމިނަތު މަލީހާ ވިދާލީ ލަވަކިއުމާއި ނެށުމުގެ ދާއިރާއިންނެވެ.

އައިމިނަތު މަލީޙާ، ފޮޓޯ: މަލީޙާ

އެންމެ ކުޑަ އިރުންސުރެ ވެސް ލަވަކިޔުމާއި ނެށުމަށް ޝައުގެވެރިވާ މަލީހާ އަކީ މިހާރު އާންމުންގެ ތެރޭގައި އެންމެ މަގުބޫލު އެޕްލިކޭޝަން، ޓިކްޓޮކްގައި އޭނާގެ ހުނަރު ދައްކަމުން އަންނަ ހުނަރުވެރި ޒުވާނެކެވެ. އެންމެ ފުރަތަމަ ޓިކްޓޮކް ބޭނުން ކުރަން ފެށީ އެކަހަލަ އެއްވެސް ކަމެއް ވެދާނެކަމަށް ހިތައް އަރައިގެނެއް ނޫނެވެ. ”ބޮންތި“ އާއި ވާހަކަދައްކަމުން މަލީހާ ބުނީ، އޭނާއަށް ޓިކްޓޮކް އެންމެ ފުރަތަމަ އެނގުނީ ހަޔާތުގެ ވަރަށް އެހެން ކަހަލަ ދަނޑިވަޅެއްގައި ކަމަށެވެ. އަދި އެކަމުން އަރައިގަންނަން ނުހަނު ބޭނުންވެފައި ހުރި ކަމަށާއި، އެންމެ ފުރަތަމަ ޓިކްޓޮކް ބޭނުން ކުރަން ފެށީވެސް ބޭކާރު ހިޔާލު ތަކާއި ދުރަށް ގޮސް އަމިއްލަ ހިތް ހަމަ ޖެހުމަށް ކަން އޭނާ ފާހަގަކުރިއެވެ. ލަވަ ކިޔުމަކީ އަބަދުވެސް ކުރާ ހިތްވާ ކަމަކަށް ވާތީ ޓިކްޓޮކް ފަށައިގަތީ ވެސް ހަމަ އެކަނި ލިޕްސިންގެ ޓިކްޓޮކް ތަކުން ކަމަށް އޭނާ ބުންޏެވެ. އަދި އެ ދުވަސް ކޮޅަކީ ވަރަށް ހުސް ވަގުތު އޮވެ އަދި އަމިއްލަ ނަފްސު ”ބިޒީ“  ކުރަން ބޭނުންވި ދުވަސް ކޮޅެއް ކަމުން، އޭނާގެ އެންމެ ފުރަތަމަ ޓިކްޓޮކް ކުޅުނީ ވެސް ކުނޫޒުގައި ކަމަށް މަލީހާ އިތުރަށް ކިޔައިދިނެވެ. މަލީހާ އަކީ މިހާރުވެސް ޖުމްހުރީ ޕާޓީގެ ޔޫތު ވިންގުގެ ސެކްރެޓޭރިއޭޓުގެ މަގާމު ފުރަމުން އަންނަ އަދި ހަމަ އެހެންމެ މިވަގުތު ދިރާގު ގެ ކޯލު ސެންޓަރުގައި މަސައްކަތް ކުރަމުން އަންނަ ހީވާގި ޒުވާނެކެވެ. ފިސާރި އަންހެނެކެވެ.

https://vm.tiktok.com/ZSJ9cUmu7/

”ބޮންތި“ ގެ ފަރާތުން ވަނީ މަލީހާ ޓިކްޓޮކްގެ ދަތުރާއި ބެހޭ ގޮތުން ސުވާލުތަކެއް ކޮށްފައެވެ. ޓިކްޓޮކް ބޭނުން ކުރަން ފެށިއިރު، އެކަމަކީ ފާޑުކިޔުންތައް އަމާޒުވާނެ ކަމެއް ކަމަށް ހީކުރިންތޯ ސުވާލު ކުރުމުން އޭނާ ބުނީ، އެކަހަލަ އެއްވެސް އެއްޗެއް ހިތަކަށް ނާރާ ކަމަށެވެ. އަދި އޭނާ ޓިކްޓޮކް ބޭނުން ކުރަން ފެށީ އެއްވެސް މީހަކަ ”ކޮންޕެޓިޝަން“ އެއް ބައިންދަން ނޫންކަމަށް ބުންޏެވެ. ނަމަވެސް ފަހުން ކުރިމަތިވި ފާޑުކިޔުންތަކުގެ ސަބަބުން ދޭތެރެއަކުން ޓިކްޓޮކުން ”ބްރޭކް“ ނަގަން ޖެހުނު ކަމަށް އޭނާ ކިޔައިދިނެވެ. ސަބަބަކީ އޭނަ އާއި ކުރިމަތިވި ފާޑުކިޔުންތަކަކީ، އޭނާގެ ޓިކްޓޮކްތަކަށް ވުރެ ބޮޑަށް އޭނާގެ ބުރު ސޫރައަށް ކިޔާފައިވާ ފާޑު ކިޔުންތަކަށް ކަމަށް ވުމެވެ. އަދި އެކަން ކަމުން އަރައިގަތް ގޮތާއިމެދު ސުވާލު ކުރުމުން މަލީހާ ބުނީ، އެގޮތަށް އަންނަ ކޮންމެންޓުތަކަށް ޖަވާބު ނުދޭ ކަމަށާއި، ފަހުން ފަހުން އައިސް އެއްވެސް ވަރަކަށް އެކަމާއި އަޅައިނުލަން ކަމަށެވެ.

https://vm.tiktok.com/ZSJ9c18rA/

އައިމިނަތު މަލީޙާ، ފޮޓޯ: މަލީޙާ

އާންމުން ޓިކްޓޮކާއި މެދު ދެކޭ ގޮތާއި މެދު ވާހަކަ ދައްކަމުން މަލީހާ ވަނީ ރާއްޖޭގައި ޓިކްޓޮކް ކުޅޭ ބައެއް މީހުންގެ އަމަލުތަކާއި މެދު ކަންބޮޑުވުން ފާޅު ކޮށްފައެވެ. އޭނާ ބުނީ، ދިވެހިންނަކީ މުސްލިމުންނަށް ވެ ތިބެ، ބައެއް މީހުންގެ އަމަލުތައް އެއްވެސް ވަރަކަށް ބަލައި ނުގަނެވޭ ކަމަށާއި، މިހާރު ޓިކްޓޮކަށް މީހުންގެ ފާޑުކިޔުންތައް އަމާޒުވަނީ ބައެއް މީހުންނަށް ”އުޅެވޭ ގޮތުން“ ކަމަށެވެ. އަދި ހަގީގަތުގައި ވެސް ޓިކްޓޮކް ބޭނުން ކުރާ ބައެއް މީހުންގެ އަމަލުތައް ހުރި ގޮތުން ޓިކްޓޮކް ”ބޭން“ ކުރަން ޖެހޭ ކަމަށް ހުދު އޭނާވެސް ގަބޫލުކުރެއެވެ. މީގެއިތުރުން ޓިކްޓޮކްގައި މަލީހާ އަށް އެންމެ ކަމުދަނީ ކާކުތޯ އެހުމުން އޭނާ ބުނީ ޝަޒީލާ ކަމަށެވެ. އަދި އެނޫނަސް ހުނަރުވެރި އެތައް ބަޔަކު ރާއްޖޭގައި އުޅޭކަމަށާއި، ނަމަވެސް ދިވެހިންނޭ ކިޔާތީ، ބައެއް ދިވެހިންނަށް އެކަން ގަބޫލު ނުކުރެވެނީ ކަމަށް ވެސް މަލީޙާ ބުންޏެވެ. ބައެއް މީހުންނަކީ އެކަކު އަނެކަކަށް ލިބޭ އުފާތައް ބަލައިގަނެވޭ ބައެއް ނޫންކަމަށާއި، ޓިކްޓޮކް ވީޑިއޯ އަކަށް މާގިނަ ލައިކްސް ލިބުނަސް، ބައެއް މީހުން ދެކޭގޮތުގައި އެވާނީ ގަންނަ އެއްޗަކަށް ކަމަށް އޭނާ ބުންޏެވެ. ހަމަ އެގޮތަށް ފޮލޯ ކުރާ މީހުން ގިނަވިޔަސް ހަމަ އެހެންނެވެ. މަލީހާ ވަނީ ބޭރުގެ ޓިކްޓޮކްތައް ރާއްޖޭގައި އެހާ ހިނގާއިރު، ދިވެހިން ހަދާ ޓިކްޓޮކް އެހެން ތަންތާގައި ނުހިންގަންވީ ސަބަބެއް ނެތް ކަމަށްވެސް ބުނެފައެވެ. ދިވެހިންގެ ތެރޭގައި ވެސް ހުނަރުވެރި އެތައް ފަރާތްތަކެއް ވާކަމަށާއި، އެކަން ބައެއް ދިވެހިންނަށް ނުވިސްނޭތީ ހިތާމަ ކުރާ ކަން އޭނާ ފާހަގަކުރިއެެވެ.

https://vm.tiktok.com/ZSJ9ckoxd/

މަލީޙާ އޭނާގެ ފިރިމީހާ އާއި އެކު، ފޮޓޯ: މަލީޙާ

އެކި ސަބަބު ތަކާއި ހުރެ ޓިކްޓޮކް ކުޅެން ބޭނުންވެ އެކަން ނުކުރެވިފައި ތިބި ކުދިންނަށް މަލީހާ ދިން ނަސޭހަތަކީ، އެއްވެސް މީހަކީ ހުރިހާ ކަމަކާއި ހިތް ހަމަ ޖެހޭނެ މީހެއް ނޫން ކަމެވެ. އެހެން ކަމުން އެހެން މީހަކު ހިތް ހަމަ ޖައްސައިދިނުމަށްވުރެ ތިމާގެ އަމިއްލަ ނަފުސު އިސްކުރުމަށް އޭނާ ވަނީ ބުނެފައެވެ. މީހަކު އެއްޗެއް ނުބުނާ ގޮތަކަށް ނޫޅެވޭނެ ކަމާއި އަދި ވާހަކަ ދައްކަން ބޭނުންވާ މިހުން އަމިއްލައަށް ހަދައިގެން ވެސް ވާހަކަ ދައްކާނެ ކަން ފާހަގަކުރަމުން އޭނާ ނެގީ އެންމެ މިސާލެކެވެ. އެއީ މަލީހާގެ ޓިކްޓޮކުތަކުން ފެންނަ އަދި އޭނާގެ އެންމެ ގާތް ރައްޓެހިން ކަމަށް ވާ ޓިކްޓޮކް ތަރި ފަރީޝާ، އުނައިޝް އަދި އެހެން ފަރާތްތަކާއި މެދު، ދޭތެރެ ޖެއްސުމަށް މީހުން ދައްކާ ދޮގު ވާގަކަތަކެވެ. މަލީހާ ފާހަގަކުރިގޮތުގައި އެ ހުރިހާ ކަމަކީ ވެސް މި ދާއިރާއިން ފަހަތަށް ޖައްސާލުމަށްޓަކައި މީހުން ކުރާ ކަމެކެވެ. އެކަމަކަށް އޭނާގެ މާބޮޑު ފަރުވާލެއް ނެތެވެ. ޓިކްޓޮކުގައި މަލީހާ ގެ 189.0 ހާސް ފޮލޯވަރުން ތިބޭ ތިބުމަށް ވެސް މީހުން ފާޑު ކިޔާ ކަމަށް އޭނާ ވަނީ ބުނެފައެވެ. ނަމަވެސް، އެއްވެސް ވަރަކަށް ”ފޮލޯވާރސް ބޫސްޓު“ ނުކުރާކަމަށާއި އަދި ދުވަހަކުވެސް ފޮލޯވާރސް ނުގަންނަ ކަމަށް މަލީހާ ވަނީ ”ބޮންތި“ އަށް ކިޔައިދީފައެވެ. މީގެއިތުރުން އެހެން މީހަކަށް ކުރިއެރުން ލިބުމުން އެކަމާއި އުފާކުރަން ދިވެހިން ދަސްކުރަން ލަސްވެއްޖެ ކަމަށް އޭނާ ވަނީ ބުނެފައެވެ. މަލީހާގެ ޓިކްޓޮކް އެކައުންޓު ގިނަ ބަޔަކު ފޮލޯ ކުރާއިރު، އޭނާގެ ޓިކްޓޮކްތަކަށް ލިބިފައިވާ ލައިކްސް ގެ އަދަދު ވަނީ 690.0 ހާހަށް އަރާފައެވެ. އަދި އޭނާ ބުނިގޮތުގައި މި ދާއިރާއިން އެންމެ ފުރަތަމަ ހާސިލު ކުރަން ބޭނުންވި ކަންތައް ހާސިލު ވެއްޖެއެވެ. އެއީ 10.0 ހާސް ފޮލޯވަރުން ލިބުމެވެ. މިހާރު އެންމެ ދެކެން ބޭނުންވާ ދުވަހަކީ އޭނާގެ ޓިކްޓޮކް އެކައުންޓު ވެރިފައިވާ ދުވަހެވެ.

https://vm.tiktok.com/ZSJ9c1Yjn/

މަލީޙާ އޭނާގެ ފިރިމީހާ އާއި އެކު، ފޮޓޯ: މަލީޙާ

ޓިކްޓޮކްގެ މި ދަތުރުގައި އެންމެ އެހީވެދިން ފަރާތްތަކާއި ބެހޭގޮތުން ސުވާލު ކުރުމުން މަލީހާ ބުނީ، ހުރިހާ ގޮތަކުން ވެސް އޭނާގެ އެންމެ ކައިރީގައި ވަނީ ފިރިމީހާ އިލްޒާމް ކަމަށެވެ. އަދި ކޮންމެ ޓިކްޓޮކެއް ހަދާއިރު ހުރިހާ ކަމެއް އަބަދުވެސް ކޮށްދެނީ ފިރިމީހާ ކަމަށް މަލީހާ ވަނީ ބުނެފައެވެ. މަލީހާގެ ޓިކްޓޮކް ތަކުން އެންމެ ގިނައިން ފެންނަ މޫނަކީ ވެސް އޭނާގެ ފިރިމީހާއެވެ. މީގެއިތުރުން މަލީހާ ބުނިގޮތުގައި، ޓިކްޓޮކް ކުޅުމަށް އެންމެ ފުރަތަމަ އޭނާގެ އާއިލާ އެހާ ހިތްހަމައެއް ނުޖެހެއެވެ. އެކަމަކު މިހާރު އެންމެވެސް ވަރަށް ”ސަޕޯޓިވް“ އެވެ. އަދި މަލީހާގެ ރައްޓެހިންގެ ފަރާތުން ވެސް ވަރަށް ސަޕޯޓު ލިބޭ ކަމަށް އޭނާ ބުންޏެވެ. ހަމަ އެއާއި އެކު ނެގެޓިވް ކޮމެންޓްސް އަށް ވުރެ ބޮޑަށް ޕޮޒިޓިވް ކޮންމެންޓްސް ލިބޭތީ ކުރިއަށް ދާން އިތުރު ހިތްވަރަކަށް ވާ ކަމަށާއި މިކަމުގައި އެއްބާރުލުން ދޭ ހުރިހާ ފަރާތްތަކަކަށް ވެސް ހިތުގެ އެންމެ ފުންމިނުން، އުފަލާއި އެކު ޝުކުރު އަދާކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

https://vm.tiktok.com/ZSJ9cff49/

މަލީޙާ އޭނާގެ ފިރިމީހާ އާއި އެކު، ފޮޓޯ: މަލީޙާ

އަމިއްލަ ހިތްހަމަ ޖެހުމަށްޓަކައި، ފޫހި ފިލުވާލުމުގެ ނިޔަތުގައި ބޭނުން ކުރަން ފެށި ޓިކްޓޮކުން އާންމުންގެ މިހާ ބޮޑު ސަމާލުކަމެއް ލިބޭނެ ކަމަށް ހުދު މަލީހާ ވެސް ހިއެއް ނުކުރެއެވެ. ނަމަވެސް މިއަދު މި ހިސާބަށް އާދެވިފައިވާތީ އެކަމާއި އުފާ ކުރާ ކަމަށާއި، ޓިކްޓޮކް ރަނގަޅު ގޮތުގައި ބޭނުންކޮށް، ކޮންމެ މީހަކަށް ވެސް އިތުރު ކާމިޔާބީއާއި ހަމައަށް ދެވޭނެ ކަމަށް އޭނާ ބުންޏެވެ. ”ބޮންތި“ ނިއުސްގެ ފަރާތުން މަލީހާއަށް އެދެނީ އިތުރު ކުރިއެރުމާއި ކާމިޔާބެވެ.

މަލީޙާ އޭނާގެ ފިރިމީހާ އާއި އެކު، ފޮޓޯ: މަލީޙާ

2 Comments

Leave a Reply

Your email address will not be published. Required fields are marked *

Back to top button