ކ.އަތޮޅު ކައުންސިލްގެ ރައީސް އޭސީސީއަށް ހާޒިރުވާން އަންގައިފި
ކ.އަތޮޅު ކައުންސިލްގެ ރައީސް، އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވާން އަންގައިފިއެވެ.
އޭސީސީއިން ނިމާލު ހާޒިރުކުރުމަށް ނިންމާފައިވަނީ މައްސަލައަކާއި ގުޅޭ ބަޔާނެއް ނެގުމަށާއި، އެބަޔާނުގައި ސޮއިކުރުމަށް ކަމަށް ބުނެއެވެ.
ނިމާލްގެ މައްޗައް އޭސީސީއިން ތުހުމަތު ކޮށްފައިވަނީ ބ.އޭދަފުށީ އިންޖީނުގޭގެ މުވައްޒަފުން އިތުކުރުމަށްޓަކައި އިއުލާންކުރުމެއްނެތި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މުވައްޒަފުން ނެގި ކަމުގެ ތުހުމަތެވެ.
މިމައްސަލައާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މިއީ ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ޕީޕީއެމް/ޕީއެންސީގެ މަސައްކަތްތައް ހުއްޓުވުމަށް ހިންގާ އަމަލެއް ކަމަށް ސިފަކޮށްފައެވެ. އަދި މިއީ އިދިކޮޅުގެ ފަރާތުން މަގާމުތަކަށް ހޮވުނު ފަރާތްތަކުގެ މަސައްކަތަށް ހުރަސް އެޅުމަށް ހިންގާ އަމަލެއް ކަމަށް އިދިކޮޅުން ކޯލިޝަނުން ވަނީ ބުނެފައެވެ.
މިކަމާގުޅިގެން ”ބޮންތި“ އިން ނިމާލް އާއި ސުވާލު ކުރުމުން އޭނާ ވިދާޅުވީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެފަދަ އެއްވެސް އަމަލެއް ނުކުރައްވާކަމަށެވެ.
”ބޭކާރު ހާޒިރުކުރުމެއް. ދާންޖެހޭ ތަނަކަށް ދާނަން. މިއީ ރައީސް ޔާމީން 2023 ވަނަ އަހަރު ވެެރިކަމަށް ގެނައުމަށް އަޅުގަނޑުމެން ކުރާ މަސައްކަތަށް ހުރަސް އެޅުމަށް ކުޅޭ ޗަރުކޭސްތަކެއް. އެއްކަމެއްވެސް ސާބިތެއް ނުކުރެވޭނެ.“ ނިމާލް ވިދާޅުވިއެވެ.
އޭނާ ފާހަގަކުރެއްވިގޮތުގައި އިދިކޮޅު އެންމެން ޖަލަށް ލިޔަސް، އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމަށް ގެނައުމަށްޓަކައި ކުރާ މަސައްކަތް ގުޑަވައެއް ނުލެވޭނެއެވެ.