ރިޕޯޓް

ވެރިކަން ކުރުމަށް މިހާރު އޮތީ ކޮން އުނދަގުލެއް؟

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހު އެމަނިކުފާނުގެ ކެބިނެޓްގެ ހުރިހާ ވަޒީރުން އެއްފަހަރާ އިސްތިއުފާ ދެއްވިއެވެ. އަދި ހަމަ އެދުވަހު ރައީސް އޮފީހުގައި ކުއްލި ޕްރެސް ކޮންފަރެންސެއް ބާއްވައި، ނޫސްވެރިންގެ ހާޒިރުގައި ކެބިނެޓްގެ 14 ވަޒީރުން ވަނީ ރައީސް ނަޝީދަށް އިސްތިއުފާގެ ސިޓީ އަރުވާފައެވެ. ވަޒީރުންގެ އިސްތިއުފާއާއި ގުޅިގެން ނަޝީދު ވިދާޅުވީ އެބޭފުޅުން އިސްތިއުފާ ދެއްވީ ވަޒީރުކަމުގެ ޒިންމާ އަދާކުރުމުގައި ޑީއާރުޕީގެ މެޖޯރިޓީ އޭރު އޮތް 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ”އުނދަގުލާ“ ހެދި ކަމަށެވެ.

އެދުވަހު ބޭއްވުނު ޕްރެސް ކޮންފަރެންސް އިން ފާހަގަކޮށްލެވޭ ބައެއްކަންކަން ހިއްސާކޮށްލާނަމެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ހުޅުވާލި ފުރުސަތުގައި މިއަދު ނޫހުގެ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވިއެވެ.

”ވަޒީރުންގެ މަޖިލިސް އިސްތިއުފާ ދިނީ އެބޭފުޅުންގެ ހިތުގައި އުފެދުނު ރޫހެއްގެ ސަބަބުން. ދެން އަޅުގަނޑަކަށް ނޭނގޭ. ތިބޭފުޅާ ވަޒީރުންނާއި ސުވާލުކޮށްގެން އެ ސަބަބުތައް ހޯއްދަވާ.“

އެއިން އެއްވެސް ބޭފުޅަކު އިސްތިއުފާ ދެއްވާ ސަބަބެއް ސިޓީގައި ބަޔާންކޮށްފައެއް ނުވެއެވެ. ނަޝީދު ވިދާޅުވިހާވެސް އެއްޗަކީ 17 ވަނަ ރައްޔިތުންގެ މަޖިލިސް މެޖޯރިޓީއާއި ހެދި ވަޒީރުންގެ މަސައްކަތްތަކަށް ހުރަސްއެޅިފައިވާ ވާހަކަ އެ ވަޒީރުން ދައްކަވާ ވާހަކަ އެކަންޏެވެ. އެ ބޭފުޅުޅުންގެ މަސައްކަތަށް ރައްޔިތުންގެ މަޖިލީހުން ހުރަސްއަޅާ ގޮތުގެ ތަފްސީލެއް އެމަނިކުފާނަށް ވިދާޅު ނުވެވުނުތަނުގައި، ވަޒީރުންގެ އިސްތިއުފާގެ ސިޓީގައިވެސް ސަބަބު ބަޔާންކޮށްފައި ނުވެއެވެ.

ނޫސްވެރިންގެ ބައްދަލުވުމަށްފަހު ނަޝީދު ވަނީ އަމިއްލަފުޅަށް ފުލުހުންގެ އިދާރާ އަށް ވަޑައިގެން ވަޒީރުންނަށް އެމަނިކުފާނުގެ ސަރުކާރު ހިންގުމުގައި ދަތިވެފައިވާ މައްސަލަ ތަހުގީގު ކޮށްދެއްވުމަށް އެދި އެ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހަޅުއްވައިފައެވެ. ނަޝީދު މިމައްސަލަ ފުލުހުންގެ އިދާރާ އަށް ހުށަހަޅުއްވިތާ ގިނަ އިރުތަކެއް ނުވެ ފުލުހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ އޭރުގެ މުލަކު ދާއިރާގެ މެންބަރ އަދި ޕީއޭގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގޭގައި ހުންނަވަނިކޮށް ސިފައިން ފޮނުވައިގެން ވަރަށް ހުދުމުޚުތާރުގޮތަކަށް ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފައެވެ. އޭގެ ފަހުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްވެސް ހައްޔަރު ކުރެވުނެވެ. އެ ހިސާބުން މުޅި މައްސަލައިގެ އޮއިވަރު ބަދަލުވެފައިވާކަން ހާމަވިއެވެ. ޑީއާރުޕީގެ މެޖޯރިޓީ އޮތް މަޖިލީހެއްގެ އުނދަގުލާއި ހެދި ވަޒީރުންގެ މަސައްކަތަށް ބުރޫ އަރައިގެންވެސް ހައްޔަރު ކުރަން ޖެހުނީ އޭރުގެ ޕީއޭގެ ރައީސެވެ.

ދެން އޮތީ މަޖިލިސް އުނދަގުލާހެދި ނަޝީދުގެ ސަރުކާރަށް ”ކަމެއް“ ނުވިވާހަކަ، މިހާރުގެ ހާލަތާ އަޅާކިޔުމެވެ. އޭރު ”ކަން“ ނުވީ އެކަށީގެންވާ ސަބަބުތަކެއް ނުދެއްކުނަސް މަޖިލިސް މެޖޯރިޓީގެ އުނދަގުލުން ޔޯލައެވެ. މަޖިލިސް އުނދަގުލަކަށްވީ އިސްލާމީ ސަގާފަތާއި ބީރައްޓެހި ކަންކަމަށް މިނިވަންކަން ހޯދަން އުޅުމުން އެކަމަށް ރުހުން ނުދީގެން ތޯވެސް މިއީ އުފެދޭ ސުވާލެކެވެ. މަޖިލިސް ދުއްތުރާލަކަށްވީ ބޭނުންހާ ގޮތަކަށް ”އަންބަރާކޮށް“ ސަކަރާތް ޖަހަން މަޖިލީހުން ރުހުން ނުދީގެން ހެއްޔެވެ.

ވެރިކަން ކުރުމަށް މިހާރު އޮތީ ކޮން އުނދަގުލެއް؟

މިހާރުގެ 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ ނަޝީދުގެ ކުޑަވަރެއްގެ ސަރުކާރެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މެޖޯރިޓީ ބޮޑެވެ. އަނެއްކާ ނަޝީދު އިންނަވަނީވެސް ރިޔާސަތުގައެވެ. ވެރިކަމުގެ މިއަދު ހުންނެވީ ނަޝީދު ތުއްޕުޅުއިރު ”ނުލަފާ“ ލިޔުންތައް މިސްކިތުގައި ހުންނަ ދީނުގެ މަގަށް ލައިގެން ބައްސަވަން ބައިސްކަލުގައި އެކުގައި އުޅުއްވި ކަމަށް ބުނާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. ހަމަގައިމުވެސް ރައީސް ސޯލިހަކަށް މަޖިލީހުގެ އުނދަގުލެއް ޖެހިގެން ނުވާނެއެވެ. އަދި ރައީސް ނަޝީދަށް ވެރިކަމުގެ އުނދަގުލެއް ޖެހިގެން ނުވާނެއެވެ. މިއަދު އެމްޑީޕީ ދެކަފިވެފައި އޮތަސް ވެރިކަމުގެ މަސްލަހަތުގައި ދެރައީސުން އަދި ފެންނަނީ ގިނަ ކަންކަމުގައި ދޫ ދޭ މަންޒަރެވެ. މާދަމާ ވާނޭ ގޮތެއް ނޭނގެއެވެ. އެންމެ ކުޑަމިނުން މިއަދު ފަނޑިޔާރުގެތައް ވެސް ”އުނދަގުލަކަށް“ ވެގެން ނުވާނެއެވެ. ފަނޑިޔާރުގެތަކުގެ ބެލެނިވެރި ފަރާތަކީ ނަޝީދާއި ސޯލިހުގެ ވަކީލުންނޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. އެ ދެބޭފުޅުންގެ ސިޔާސީ މަސައްކަތްޕުޅަށް ދޮށި އަޅައިދީ، ”ފިލިޖަހާ“ ބޭފުޅުން ކޮޅެކޭ ބުނުމުގެ ޖާގަވެސް އެބައޮތެވެ.

ވެރިކަމަށް ދެ އަހަރާ ބައި ވެއްޖެއެވެ. ގައުމަށް ނުވަތަ ރައްޔިތަކަށް ކަމެއް ނުކޮށްދެވިގެން އުޅެނީ ކޮން އުނދަގުލަކާ ހެދިތޯ ވިސްނާ ވިސްނާ ނޭނގުނެވެ. އެހެން ނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގެ މާޒީން މިއަދާ ހަމައަށް ވަރަށް ބޮޑު ފިލާވަޅެއް ނަގައިދީފިއެވެ. އެއީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ”ކަނދިކަމަނާ މަސްތެލުލުން“ ބައެއްގެ ތެރޭގައި އޮންނަކަމެވެ. އެއީ ތިމާ ކުރަން އުޅޭ ކަމެއް އެހެން މީހުން ލައްވައި ކުރުވައިފައި، އެ ކުރިކަމެއް ތިމާ ބޭނުންވިގޮތަށް ރަނގަޅަށް ގޮސްފިނަމަ، އެއީ ތިމާ ކުރިކަމަކަށް ހަދައި ސަޅި ކަނޑުމެވެ. އަދި ނުބައިވެއްޖެނަމަ އެހެންމީހުން މަތިއަޅުވައި، ތިމާ އެކަމުން ރެކުމެވެ. ނަޝީދަކީ އޭގެ މިސާލެއް ހެއްޔެވެ. އެމަނިކުފާނުގެ ކިބައިން އެދުރުވަމުން ދަނީ ރައީސް ސޯލިހު ހެއްޔެވެ؟

ބުނެވެން އޮތް ވަރަކީ މިއަދު ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމަށް އެއްވެސް ހުރަހެއް ނެތްކަމެވެ. ނުވަތަ ނަޝީދު ވިދާޅުވި އުނދަގުލެއް ނެތްކަމެވެ. އެމްޑީޕީ އާއި އެޕާޓީއާއި ގުޅިފައިވާ ކޯލިޝަން އުނދަގުލަކަށް ވުމަކީ ރައްޔިތުން ބަލަން ޖެހޭ ކަމެއް ނޫނެވެ. އަދި އެމްޑިޕީގެ ދެކަފި ތަޅާފޮޅުންގަނޑުގެ ސަބަބުން ވެރިންގެ ތެރޭގައި އޮތް އުނދަގުލަކީ ރައްޔިތުންނަށް ތަކުލީފު ޖައްސަން ޖެހޭ ސަބަބެއްވެސް ނޫނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button