ރިޕޯޓް

ފޫ ދިޔައީ ދެ ކޮމާންޑުން ފޯކަސް ގެއްލުމުން؟

ދިވެހި ސަރުކާރާރި އިންޑިއާ ސަރުކާރު ގުޅިގެން މިމަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގެ ތެރެއަށް އާންމުންގެ ބަޔަކު ވަދެ، ދިދަތައް ހޫރާ، އެތަނުގައި ހުރި އިންޑިއާ ސަފީރު މުނޫ މަހާވަރާއި ބޭރުގެ ޑިޕްލޮމެޓުންގެ އިތުރުން ގިނަ ބަޔަކަށް އިންޒާރުދީ، އެކަން ހުއްޓުވިއެވެ. އެކަމާ ގުޅިގެން މިހާތަނަށް 21 މީހަކު ހައްޔަރުކޮށްފައިވެއެވެ.

މިކަމާ ގުޅިގެން ހޯމަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވިގޮތުގައި އެގޮތަށް ބަޔަކަށް ދަނޑަށް ވަދެވުނީ ފުލުހުންގެ ފެއިލިއަރ އަކުންނެވެ. ފުލުހުން އެއަށްވުރެ ޕްރޮފެޝަނަލްކޮށް އެކި ހަރަކާތްތަކުގައި މީގެ ކުރިން މަސައްކަތް ކޮށްފައިވާ ކަމަށާއި، އެކަމާ ގުޅިގެން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދުގެ ބެއްލެވުމުގެ ދަށުން ހަދަމުންދާ އިންކުއަރީގެ ރިޕޯޓު އަންނަ އާދީއްތަ ދުވަހު ފުލުހުންގެ އެގްޒެކެޓިވް ބޯޑަށް ހުށަހަޅަން ނިންމާފައިވާ ކަމުގައި ޝުޖާއު ވިދާޅުވިއެވެ.

ލައިން އޮފް ކޮންޓްރޯލް ގެއްލުނީ ކިހިނެއް؟

އެދުވަހު ހިނގި މި ހާދިސާގެ ބައެއް ތަފްސީލްތައް ފުލުހުންގެ ތެރެއިން ”ބޮންތި“ އަށް ވަނީ ލިބިފައެވެ. އެގޮތުން ފުލުހުންގެ ”ލައިން އޮފް ކޮންޓްރޯލް“ ގެއްލި ހަމަނުޖެހުމުގެ އަސްލަކީ ސިޔާސީ ޕާޓީތަކާއި އެނޫން ގްރޫޕުތަކުން ހިންގާ މުޒާހަރާތައް ނުވަތަ ޕްރޮޓެސްޓްތައް ކޮންޓްރޯލް ކުރުމަށް ފުލުހުންގެ ”ސްޕެޝަލް އޮޕަރޭޝަންސް“ ގެ ތެރޭގައި އޮންނަ ސްޕެޝަލް ރެސްޕޮންސް ޑިޕާޓްމަންޓް ޔުނިޓް (އެސްއާރުޑީޔޫ)ގެ ވެރިޔާގެ ނާގާބިލުކަމުގެ ސަބަބުން ކަމުގައި އިތުބާރު ހުރި މަސްދަރަކުން ”ބޮންތި“ އަށް ވަނީ ކަށަވަރު ވެފައެވެ. އޭނާއަކީ އެފަދަ ހަމަ ނުޖެހުމެއް ހުއްޓުވުމުގެ ގޮތުން ހަދަން ޖެހޭ އަސާސީ ތަމްރީނު ކަމަށްވާ ”ޕަބްލިކް އޯޑާރ ޓްރެއިނިންގ (ޕޮޓް) ހަދާފައިވާ މީހެއް ނޫނެވެ. އެނގިފައިވާގޮތުގައި އޭނާ ކުރިން މަސައްކަތް ކުރީ ޕޮލިސް ކަސްޓޯޑިއަލް (އަތޮޅުވެހި) ގައެވެ. އަދި އެސްއޯގެ ރަޔަޓް ޔުނިޓްގެ ހެޑަކަށް އޭނާ އައީ ވެރިންގެ ބާރުގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އެސްއޯ ފުލުހުންނަށް އެ މައުލޫމާތު ކުރިން ނޭނގުނީ ކީއްވެ؟

”ޔޯގާ ޑޭ“ ގެ ހަރަކާތެއް ބާއްވަން އުޅޭކަން ފުލުހުންގެ އިންޓެލިޖެންސުން، ފުލުހުންގެ ކަމާގުޅޭ ޑިޕާޓްމަންޓް ތަކުގެ ވެރިން ހިމެނޭ ގްރޫޕަކަށް ހިއްސާ ކުރިއެވެ. އަދި އެ މެސެޖް ސެންޓްރަލް ޕޮލިސިންގ ކޮމާންޑް (ސީޕީސީ) އާއި ހިސާބުން ހޯލްޑް ކުރެވި، އެސްއޯ އާއި ހަމައަށް މެސެޖް ޕާސް ނުވާކަމަށްވެސް މައުލޫމާތުވަނީ ލިބިފައެވެ. މައުލޫމާތު ލިބުމުގެ ދަތިތަކެއް ކުރިމަތިވުމުން އެފަދަ ކަންކަމުގައި އަމަލުކުރާ އުސޫލަށް ރިއާޔަތްކޮށް، 20 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެެއްގައި ތިން ސްކޮޑެއް އެލާޓަށް ގެނައެވެ. އަދި މައުލޫމާތު ނުލިބުމުގެ ސަބަބުން އެސްއޯ ލައިނަޕަށް ހީވެފައިއޮތީ ފުލުހުންގެ އިސްވެރިން އިހުތިޖާޖުގެ ބައިވެރިންނަށް ދަނޑުގެ ބޭރުގައި ތިބެން ފުރުސަތު ދިން ކަމެވެ. ހޯމަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭސީޕީ ޝުޖާއުވެސް އެފަދަ ވާހަކައެއް ހިއްސާކުރެއްވިއެވެ. އޭނާ ވިދާޅުވީ ޔޯގާ ހަރަކާތާ ދެކޮޅަށް އިހުތިޖާޖު ކުރަން ޖާގަ ދިން ކަމުގައެވެ. އޭނާ ވިދާޅުވިގޮތުގައި މާލޭގައި ކުރާ މުޒާހަރާތަކާއި އެއްވުންތަކަށް ފުލުހުން ފުޅާ ދާއިރާއަކަށް ފުރުސަތު ދެއެވެ. އެގޮތުން އެދުވަހުގެ ފަތިހުވެސް ސުލްހަވެރި އިހުތިޖާޖަކަށް ފުލުން ފުރުސަތު ދިންކަން އޭނާ ފާހަގަކުރެއްވިއެވެ.

“އެކަހަލަ ބިހޭވިއާއެއް ސްޕެސިފިކަލީ އަތުވެދާނެ ކަމަށް ހިއެއް ނުކުރަން.” ޝުޖާއު ވިދާޅުވިއެވެ.

އޭނާ ހާމަކުރެއްވިގޮތުގައި އިހުތިޖާޖުގެ ބައިވެރިންނަށް ދަނޑަށް ވަދެވުނީ އެތަނުގައި ތިބި ފުލުހުންގެ އަދަދު މަދުވެގެން ނޫނެވެ. އަދި އެ އިހުތިޖާޖަކީ އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދެވެން އޮތް އިމުގެ ތެރެއިން ފުލުހުން ޖާގަ ދިން އެއްވުމެއްކަން ޝުޖާއު ތަކުރާރު ކުރެއްވިއެވެ. އެހެން ނަމަވެސް ކަންކަން ބޮއްސުންލައިގެން ހިނގައިދާނެކަން ކުޑަކޮށްވެސް ހީ ނުކުރައްވާކަމަށް ދޭހަވާ ފަދަ މޭރުކަމުން އޭނާ ވަނީ ވާހަކަ ދައްކަވާފައެވެ.

ފޫ ދިޔައީ ދެ ކޮމާންޑުން ފޯކަސް ގެއްލުމުން؟

އެދުވަހުގެ ސެކިއުރިޓީ ރޭވިފައި އޮތް ގޮތަށް ބަލާއިރު، އިންޑިއާ ސަފީރު މުނޫ މަހާވަރުގެ ހަށިފާރަވެރިންގެ ގޮތުގައި ތިބެނީ އިންޑިއާ ސިފައިންނެވެ. އަދި ސަފީރުގެ ސެކިއުރިޓީ ޓީމުން ފުލުހުންނަށް އަމުރު ކުރީ ސަފީރު އާއި ދަނޑުގެ އެތެރޭގެ ސެކިއުރިޓީ އެމީހުން ބަލަހައްޓާގޮތަށެވެ. އެގޮތުގެ މަތިން ފުލުހުން ދަނޑުން ފޮނުވާލީއެވެ. އެހިސާބުން ފުލުހުންގެ ފޯކަސް ބަދަލުވީއެވެ. އަދި ފުލުހުންގެ ޗެއިން އޮފް ކޮމާންޑުން އެމީހުންނަށް އެންގީ ދަނޑުގެ ބޭރުގައި މަޑު ކުރުމަށެވެ. އެކަން ދަލީލުކޮށްދޭ އެންމެ ބޮޑު ހެއްކަކީ ދަނޑުގެ ތެރެއަށް އާންމުގެ ބަޔަކު ވަތްއިރުވެސް ފުލުހުން ހަމަޖެހިލައިގެން ބަލަހައްޓަން ތިބުމެވެ. އަދި މިވަރުގެ އިވެންޓެއްގެ ސެކިއުރިޓީ ރޭވިފައި އޮންނަ ގޮތް ކޮމިޝަނަރ އޮފް ޕޮލިސް އާއި އިންޑިއާ ސަފީރަށް ނޭނގިއެއް ނޯންނާނެއެވެ.

ފުލުހުން އަމަލު ކުރާނީ އަބަދުވެސް މަތިން އަންނަ އޯޑަރަށް ކަމަށް ވާއިރު، މިއީ ނޭނގިގެން ހިނގި ކަމަކަށްވުރެ ދެ ދިމާލަކުން ކޮމާންޑު ދިނުމުގެ ސަބަބުން މުޅި ސެކިއުރިޓީ ޕެރިމީޓާގެ ތެރޭގައި ފުލުހުންގެ ދައުރު އޮޅުން ބޮޅުން އަރައިގެންދިޔަ ކަމެެއްގެ ގޮތުގައި ބެލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button