މަސްދަރު ހާމަކުރުމާ ދެކޮޅަށް ނޫސްވެރިން މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރީގައި އިހުތިޖާޖު ކޮށްފައިވަނިކޮށް، މިނިވަން ނޫސްވެރިކަން ނެތިކޮށްލާ ގޮތަށް ހެއްކާ ބެހޭ ބިލަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފިއެވެ.
ހެއްކާއި ބެހޭ ގާނޫނަށް ސަރުކާރުން ހުށައެޅި އިސްލާހުގެ ބިލް ހުށައަޅާފައިވަނީ ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލް މުޣުނީ އެވެ. އަދި މި ބިލާއި ގުޅިގެން ނޫސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ހެއްކާއި ބެހޭ ގަނޫނުގެ 136 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހެވެ.
މި އިސްލާހު ފާސްކޮށްފައިވަނީ 50 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް 5 މެންބަރަކު ވޯޓު ދެއްވިއިރު، ވަކިގޮތަކަށް ވޯޓު ދެއްވަން ބޭނުންފުޅު ނުވާ 2 މެންބަރަކު ތިއްބެވެ. ވަކިގޮތަކަށް ވޯޓު ނުދެއްވީ މި ބިލު ދިރާސާ ކުރި ޖުޑިޝަރީ ކޮމެޓީގައި ތިއްބަވާ ދެ މެންބަރުންނެވެ.
ނުފެންނަ ކަމަށް ވޯޓު ދެއްވި މެންބަރުން:
މަހިބަދޫ ދާއިރާގެ ޕީޕިއެމް މެންބަރު އަހްމަދު ތޯރިގް (ޓޮމް)
މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެންބަރު އާދަމް ޝަރީފް
ނައިފަރު ދާއިރާގެ ޕީޕީއެމް މެންބަރު އަހްމަދު ޝިޔާމް
ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމް މެންބަރު ހުސައިން މުހައްމަދު ލަތީފް
ފެލިދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު
ވަކިގޮތަކަށް ވޯޓު ނުދެއްވި މެންބަރުން:
ކެންދޫ ދާއިރާގެ ޖޭޕީގެ މެންބަރު އަލީ ހުސައިން
ވިލިމާލޭ ދާއިރާގެ އެމްއެންޕީ މެންބަރު އަހްމަދު އުޝާމް
މި އިސްލާހުގައި ވާގޮތުން މަސްދަރުގެ މައުލޫމާތު އާންމުކުރުމުން، އެ މީހަކާއި އެ މީހަކާ ގުޅުން ހުރި ބަޔަކަށް އަނިޔާއެއް ނުލިބޭނެ ކަމުގެ ޔަގީން ކަމެއް ނެތް ކަމަށްބުނެ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި އިސްލާހުގެ އެންމެ ބޮޑު ނުރައްކަލަކީ މަސްދަރު ހާމަ ކުރަން ޖެހޭ ހާލަތުގެ ގޮތުގައި ބުނެފައިވާ ”ގައުމީ ސަލާމަތަށް ނުރައްކާވުން“ މާނަ ކުރާނެ ގޮތާއިމެދު އޮތް ކަންބޮޑުވުމެވެ. ފުޅާ ދާއިރާއެއްގައި އެކަން މާނަކުރެވޭއިރު އޭރެއްގައި އޮންނަ ސަރުކާރަކުން ގައުމީ ސަލަމާތަށް ނުރައްކާ ވެދާނެ ކަމަށް ކަނޑައަޅާ ކޮންމެ ކަމެއްގެ ތެރޭގައި ނޫސްވެރިން ތާށިވާނެއެވެ.
ހެއްކާއި ބެހޭ ގާނޫނުގައި މިހާރު ބަޔާންކުރަނީ ވަކި ހާލަތެއްގައި މަސްދަރު ބަޔާންކުރުމަށެވެ. މި މާއްދާގެ (ހ)ގައި ބަޔާންކުރާ ގޮތުން މަސްދަރު ހާމަކުރުމުގެ ސަބަބުން އެ މީހާ އަށް ނުވަތަ އެހެން ފަރާތަކަށް ވެސް ވެދާނެ ގެއްލުމަށް ވުރެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު ބޮޑުވާ ހާލަތްތަކުގައި މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެއެވެ. އެފަދަ ހާލަތެއްގައި ނޫސްވެރިންނަށާއި، މީޑިއާއަށް މަސްދަރު ހާމަކުރުމަށް މަޖުބޫރުކުރުމުގެ ބާރު ފަނޑިޔާރަށް އޮވެއެވެ.