ޚަބަރު

އިސޫ، އަހަނދު އަދި މުއާޒު ހައްޔަރަށް!

ގެއްލިފައިވާ ދެ ނޫސްވެރިން ކަމަށްވާ އަޙްމަދު ރިލްވާނާއި، ޔާމީން ރަޝީދުގެ މައްސަލައިގެ ތަހުގީގަށް ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އެކުލަވާލާފައިވާ ކޮމިޝަނުން ތަހުގީގުކުރަމުންދާ އަޙްމަދު ރިލްވާން ވަގަށްނަގައި މަރާލާފައިވާ މައްސަލައާއި، ޔާމީން ރަޝީދު މަރާލާފައިވާ މައްސަލައިގެ ތަހުގީގަށް އިތުރު 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ ދެމައްސަލައާއި ގުޅޭ ޖިނާއީ ކުށްތައް ރާވައި ހިންގުމާއި، އެ ކުށް ހިނގުމަށް މަގުފަހި ކުރުވައި، ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްލައާއި ގުޅިގެން ކޯޓު އަމުރުގެ ދަށުން އަޙްމަދު އިސްމާޢީލް (39އ)، އަޙްމަދު މުޢާޒު (40އ) އަދި އިސްމާޢީލް ޢަބްދުރަޙީމް އާދަމް (30އ) ހައްޔަރުކޮށްފައިވާކަމަށް ބަޔާނުގައި ވެއެވެ.

މީގެ ތެރެއިން އަޙްމަދު އިސްމާޢީލް (އިސޫ) ވަނީ އޭނާ ހައްތަރުކުރަން ކޯޓު އަމުރު ނެރެފައޖވާކަމުގެ މައުލޫމާތު ލިބިގެން އިއްޔެރޭ 6:00 ހާއިރު އަމިއްލައަށް ފުލުހަށް ހާޒިރުވެފައެވެ. އެހެން ނަމަވެސް އެވަގުތު އޭނާ ހައްޔަރު ނުކޮށް، މޫނު ނިވާކޮށްގެން ތިބި ފުލހުމްގެ ޓީމަކުން އައިސް އޭނާ ހައްޔަރުކުރީ މިއަދު ހެނދުނު ކާނިވާ ސަރަހައްދުންނެވެ.

ފުލުހުން ކުށްލިއަކަށް މި 3 މީހުން ހައްޔަރު ކުރުމާއި ގުޅިގެން ގިނަ ބަޔަކު ބުނަމުން ދަނީ، މިއީ އެހެން މައްސަލައަކާއި ގުޅިގެން، ހައްޔަރުކުރެވޭނެ އިތުރު ގޮތެއް ނެތުމުން، އެމީހުންގެ ބޮލުގައި އިލްޒާމެއް އެޅުވުމަށްފަހު ރާވައިގެން ކުރި ކަމެއް ކަމަށެވެ. މިކަމާ ގުޅިގެން ފުލުހުންގެ އިދާރާއަށްވަނީ ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button