ޚަބަރު

ޔޯގާ ހަރަކާތާ ގުޅިގެން ފަހުން ހައްޔަރު ކުރި 7 މީހުންގެ ބަންދަށް 45 ދުވަސް

މި މަހުގެ 21 ވަނަ ދުވަހުގެ ހެދުނު ނެޝަނަލް ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތަށް ހުރަސް އެޅި މައްސަލައާ ގުޅިގެން އިތުރު ހަތް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މި މަހުގެ 24 ވަނަ ދުވަހު، ނ. ވެލިދޫ، މިލާނޯ، އިބްރާހީމް ޒިހާނު (25އ) އާއި އއ. މާޅޮސް، ލަކީސްޓަރ، ޢަލީ މިރުޝާދު (31އ) އާއި ލ. މުންޑޫ، އަންނާރުމާގެ، މުހައްމަދު ޝާން (32އ) އާއި ކ. މާލެ، ގ. ފީނިކްސް، އަބްދުﷲ ނިޔާޒު (41އ) އަދި ތ. ތިމަރަފުށި، އަލީއާބާދު، އަލީ މުހައްމަދު (36އ) ހައްޔަރުކޮށްފައިވާކަމަށެވެ. ފުލުހުން ބުނީ އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެ އެންމެންވެސް 45 ދުވަހަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ޖުމުލަ 19 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

ޔޯގާ ޑޭގެ ހަރަކާތަކީ ގިނަ އަދަދެއްގެ އާންމުންނާއި، ރާއްޖޭގެ އެތައް އިލްމުވެރިންތަކެއް އެ ހަރަކާތް ނުބޭއްވުމަށް ގޮވާލާ، އަޑުއުފުލަމުން ދަނިކޮށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތް ނުބޭއްވުމަށް އެފަރާތްތަކުން އަޑު އުފުލާފައިވަނީ މިއީ އިސްލާމްދީނުގެ އަސްލުތަކާއި ޚިލާފު ކަމެއް ކަމަށް ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button