ނިޝާމާ މަރާލިކަމުގެ ތުހުމަތު ކުރެވޭ ފައިސަލް މަރުވެއްޖެ
މި މަހުގެ 10 ވަނަ ދުވަހު ހދ. ނޮޅިވަރަމުގައި މަރާލާފައިވާ ނިޝާމާ މުހައްމަދުގެ މައްސަލައިގައި ތުހުމަތުކުރެވޭ އަބޫބަކުރު ފައިސަލް މިއަދުގެ ވަގުތެއްގައި މަރުވެއްޖެކަމަށް މައުލޫމާތު ލިބެއެވެ.
އޭނާ މަރުވެފައިވަނީ އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބަންދުގައި އޭނާ ބަހައްޓާފައި ހުއްޓާ އަމިއްލައަށް މަރުވުމަށްޓަކައި ދަންޖެހެން މަސައްކަތްކުރަނިކޮށް އެކަން ހުއްޓުވުމަށްފަހު، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ފަރުވާދެމުންދަނިކޮށެވެ.
ނިޝާމާގެ މަރާ ގުޅިގެން ފައިސަލަށް ތުހުމަތުކުރެވޭ ކަންތައްތަކެއް ހުރުމުން ނިޝާމާގެ އާއިލާއިންވެސް ވަނީ އެ މަރުގެ ތުހުމަތު ފައިސަލަށް ކޮށްފައެވެ. ފުލުހުން އޭނާ ހައްޔަރުކުރުމުން ކޯޓުންވެސް ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ. ޑިސެންބަރު 13 ވަނަ ދުވަހު އަމިއްލައަށް ދަންޖެހިފައި ހުއްޓައި ފުލުހުންނަށް އޭނާ ފެނިފައިވާއިރު، ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންދެވި ފަރުވާދޭން ފަށާފައިވެއެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް އޭނާގެ ހާލަތު ވަރަށް ސީރިއަސް ކަމަށްވެއެވެ. އަދި އޭނާއަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނިކޮށް މިއަދު ހެނދުނު މަރުވެފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ފައިސަލް ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ދަންޖެހިފައިވުމުން، ފުލުހުންގެ އިހުމާލެއް އެކަމުގައި އޮތްތޯ ބަލައިދިނުމަށްއެދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފްވަނީ އެ މައްސަލަ މަޖިލީހަށްވެސް ހުށަހަޅާފައެވެ.