ޚަބަރު

ތިޔާގިކަމާއި މުއްސަނދިކަމަކީ ވޯޓުން ހޮވޭ މީހުންގެ އެކަނި ހައްގެއްތޯ؟ : ރައީސް

ތިޔާގިކަމާއި މުއްސަނދިކަމަކީ ވޯޓުން ހޮވޭ މީހުންގެ އެކަނި ހައްގެއްތޯ ސުވާލުކުރައްވައި، ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު  ރައްދު ދެއްވައިފިއެވެ.

”ކަންގަތި އެވޯޑް“ ހަފުލާގައި ރައީސް ވަނީ މައިގަނޑު ތިން ސުވާލެއް ކުރައްވާފައެވެ. ފުރަތަމަ ސުވާލަކީ ރައްޔިތުންގެ އުއްމީދުތަކާ ގުޅޭ، ސަރުކާރުތަކުގެ ވައުދުތައް ހާސިލުނުވެ ކޮންމެ ފަސް އަހަރަކުން ދިވެހިން ވޯޓުލާން މި ޖެހެނީ ކީއްވެތޯއެވެ.

ދެވަނަ ސުވާލެއްގެ ގޮތުން ދިވެހި އާންމު ރައްޔިތުންނަށް މި ގައުމުގައި އޮތް ހަމައެކަނި ހައްގަކީ ވޯޓުމުގެ ހައްގުތޯ ވަނީ ސުވާލު ކުރައްވާފައެވެ.

ރައީސްގެ ތިންވަނަ ސުވާލަކީ ތިޔާގިކަމާއި މުއްސަނދިކަމަކީ ވޯޓުން ހޮވޭ މީހުންގެ މިލްކެއްތޯއެވެ.

”އަޅުގަނޑަކަށް މި ގޮތް ގަބޫލެއް ނުކުރެވޭ. ގަބޫލެއް ނުވެސްކުރާނަން. ފުރާވަރު ކުދިން އުފަލުގައި އުޅޭތަން ދެކެން އަޅުގަނޑު ބޭނުން. އާ ކައިވެނީގެ ގުޅުންތައް ހަރުދަނާވެ ރީތި ގެޔެއްގައި ތަހުޒީބު ދިރިއުޅުމެއް އުޅޭތަން ދެކެން އަޅުގަނޑު ބޭނުން، ޒުވާނުންނާއި ދުވަސްވީ އިސްރަށްވެހީން ސަމާސާކޮށްލާ އިހްތިރާމާ ކަމޭ ހިތުމާ އެކު އުޅޭތަން ދެކެން ވެސް އަޅުގަނޑު ޝައުގުވެރިވަން،“ ރައީސް ވިދާޅުވި އެވެ.

ރައީސްއާއި ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑު ކުރަން ނިންމާފައިވުމުން އެކަމަށް އާންމުން ދަނީ ފާޑުކިޔަމުންނެވެ. މުސާރަތައް ބޮޑު ކުރަން ނިންމީ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުގެ މާލިއްޔަތު ކޮމިޓީންނެވެ.

އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ރައީސްގެ މުސާރައަށް ބޮޑުކުރާ ބައި، ކުޑަކުދިންގެ ހިޔާ ފަދަ އިޖުތިމާއީ ފަންޑަކަށް ހަދިޔާކުރަން ރައީސް ވަނީ ނިންމަވާފައެވެ. އަދި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ކެބިނެޓް ވެސް ވަނީ އެގޮތަށް ނިންމަވާފައެވެ.

ކޮމިޓީގެ އިއްތިފާގުން ނިންމާފައިވަނީ ރައީސްގެ މުސާރަ 120،000ރ. އަށް ބޮޑުކުރާށެވެ. މީގެ ކުރިން އެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ލިބިވަޑައިގަންނަވަމުން ގެންދެވީ 100،000ރ. އެވެ. ނައިބު ރައީސަކަށް 75،000ރ. ލިބިވަޑައިގެންނެވި ކަމުގައިވީ ނަމަވެސް، މުސާރައަށް އަލަށް ގެނައި ބަދަލުތަކާއެކު މަހު މުސާރަ 93،000ރ. އަށް އަރާނެއެވެ.

މިނިސްޓަރުންނަށް މިހާރު ލިބިވަޑައިގަންނަވާ މުސާރައަކީ 66،000ރ. އެވެ. އެކަމަކު، އެ އަދަދު ބޮޑުކުރީ 72،000ރ. އަށެވެ. މަޖިލިސް މެންބަރުންގެ މުސާރަ އާއި އެލަވަންސް 100,000ރ. އާ ހަމަޔަށް ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމާފައިވާއިރު، އެމްޑީޕީން މިއަދު ވަނީ އެ ނިންމުން ދިފާއު ވެސް ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button