ސަރުކާރަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ހަތަރު ޕާޓީން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ދީފައިވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސުް ބައްދަލުކުރެއްވި ބޭފުޅުންނަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އޮނަރަބަލް ޤާސިމް އިބްރާހީމާއި މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އޮނަރަބަލް އަޙްމަދު ޞިޔާމް މުޙައްމަދާއި މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް (ރިޓަޔާޑް) މުޙައްމަދު ނާޒިމާއި ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލްއުސްތާޛު ޙަސަން ލަޠީފެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ވަކިވަކިން ބޭއްވި މި ހަތަރު ބައްދަލުވުމުގައި ވެސް މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ގައުމުގެ ކަންކަން ކުރިއަށް ގެންދިއުމުގައި އެންމެން ގުޅިގެން ރައްޔިތުންގެ ފައިދާ އާއި ލާބައަށް މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުންނެވެ.
މި ބައްދަލުވުންތަކުގައި ޕާޓީތަކުގެ ވެރިން، ގައުމުގައި ސުލްހަ އާއި ހަމަޖެހުން ގާއިމުކުރުމާއި ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކާއި ދާހީލީ އަދި ހާރިޖީ އެކި ކަންކަމުގައި ގައުމީ މަސްލަހަތު އިސްކޮށް ސަރުކާރަށް އެ ޕާޓީތަކުގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ދޭނެ ކަމަށް ފާހަގަކުރެއްވި ކަމުގައި ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މި ބައްދަލުވުންތަކުގައި ރައީސް ވަނީ ސަރުކާރު ހިންގެވުމުގައި ސިޔާސީ ހުރިހާ ފަރާތްތަކެއްގެ ހިޔާލާއި މަޝްވަރާ ވަރަށް މުހިންމު ކަމަށާއި މިފަދަ އިތުރު ބައްދަލުވުންތައް ކުރިމަގުގައި ވެސް ބާއްވަވާނެ ކަމަށް ވިދާޅުވެފައެވެ.