
މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގެ އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށް ރައީސް ސޯލިހުގެ ކޯލިޝަން ސަރުކާރުގެ އެއް ބައިވެރިޔާ، އެމްއާރުއެމް އިން ބުނެފިއެވެ.
އެމްއާރުއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޑރ.އަފްރާޝީމް އަވަހާރަކޮށްލިތާ ދިހަ އަހަރު ފުރިފައިވާއިރު، މި މައްސަލާގައި އެއްވެސް ކުރިއެރުމެއް ލިބިފައިނުވާކަމަށެވެ. މި ނޫސްބަޔާނުގައި ބުނެފައިވަނީ މި ސަރުކާރު އިންތިހާބުވީ މިފަދަ މައްސަލަތައް ބެލުމުގެ މަޤްޞަދުގައި ކަމާއި، ރަޢީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައި ތަހުޤީޤީ ރިޕޯޓެއް އާއްމުކޮށްފައިވާ ކަމަށެވެ. މި ރިޕޯޓުން މައްސަލަ ސާބިތުވާ ހ.ލޮބީ ހުސައިން ހުމާމް ގެ މައްޗަށް މަރުގެ ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓާފައިވާއިރު، މިއަދާއި ހަމައަށްވެސް އެ ހުކުމް ތަންފީޛު ކޮށްފައި ނުވާކަމަށެވެ.
އިތުރަށް ނޫސް ބަޔާނުގައި ބުނެފައިވަނީ، މި މައްސަލާގެ ތަހުޤީޤު މިހާރު ހުއްޓިފައިވާކަމަށެވެ. އަދި މިފަދަ މައްސަލަތައް ބެލުމަށް ހަދާފައިވާ ރިޔާސީ ކޮމިޝަނެއްގެ ބޭނުމެއް ނެތްކަމަށް ގިނަ ރައްޔިތުން ދެކޭ ކަމަށެވެ.
ދީނީ ޢިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް ޢަލީ ރަޙުމު ކުޑަ ގޮތަކަށް އަވަހާރަ ކޮށްލިތާ މިއަދަށް ދިހަ އަހަރު ފުރިފައިވާއިރު،މި މައްސަލައިގައި އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާތީ އެމް.އާރް.އެމް އިން ކަންބޮޑުވުން ފާޅު ކުރަމެވެ. pic.twitter.com/CCHV9XWTd8
— Maldives Reform Movement (MRM) 🇲🇻 (@MRM_Office) October 2, 2022
އެމްއާރުއެމުން ގޮވާލާފައިވަނީ މި މަރުގެ ތަހުޤީޤު އަލުން ފަށައިދިނުމަށާއި، މިކަމުގައި ޝާމިލްވާ އެންމެހާ ފަރާތްތައް ޝަރީޢަތުގެ މައިދާނަށް ހާޒިރުކޮށް، އެންމެ މަތީ އަދަބު ވީހާވެސް އަވަހަކަށް ދިނުމަށެވެ.