ޚަބަރުސިޔާސީ

މޮޓޯސްޕޯޓްސް އަކީ ރޭސިން އެސޯސިއޭޝަނަށް އެކަނި ލިބެންޖެހޭ ހައްގެއް ނޫން: ޑްރިފްޓް އެސޯސިއޭޝަން

މޮޓޯސްޕޯޓްސް އަކީ ރޭސިން އެސޯސިއޭޝަނަށް އެކަނި ލިބެންޖެހޭ ހައްގެއް ނޫން ކަމަށާއި، ޑްރިފްޓު ކުރުމުގެ ހަރަކާތަށް ދިން ހުއްދަ ބާތިލުކުރީ ބައެއްގެ ނުފޫޒުންކަމަށް ޑްރިފްޓް އެސޯސިއޭޝަނުން ބުނެފިއެވެ.

15 ސެޕްޓެމްބަރު 2022 ވީ، (ބުރާސްފަތި) ދުވަހުގެރޭ ހުޅުމާލޭގައި ހިނގައިދިޔައީ މިހާރު ރާއްޖޭގައި މޮޓޯސްޕޯޓްސް އަށް ލޯބިކުރާނެ ބަޔަކު ހިންގާނެ ކަހަލަ ހަރަކާތް ތަކެއް ނޫން ކަމަށް ރޭސިން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (ރޭމް) އިން ނެރުނު ބަޔާނަކަށް ރައްދު ދިނުމުގެ ގޮތުން ޑްރިފްޓް އެސޯސިއޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގައި މޮޓޯސްޕޯޓްސް ސަރުކާރުން ބަލައިނުގަންނަ ކަމަށާއި، އެ ކުޅިވަރަށް އެއްބާރުލުން ނުދޭކަމަށް ބުނެ މީސް މީޑިއާގައި ދެކެވޭ ވާހަކަތަކާއި ގުޅިގެންކަމަށް ބުނެ ރޭމް އިން ނެރުނު ނޫސްބަޔާން ކުށްވެރި ކުރާ ކަމުގައެވެ.

ޑްރިފްޓް އެސޯސިއޭޝަނުން ބުނީ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ޕޮލިސްޓޭޝަން ސަރަހައްދުގައި އެއްވެސް ހަމަނުޖެހުމެއް ނުވަތަ ފުލުހުންނާއި އެއްވެސް ކުރިމަތިލުމެއްވެސް ހިންގާފައި ނުވާނެ ކަމުގައެވެ.
”ތާޒްޑޭ ނައިޓް އިވެންޓަކީ ފުވައްމުލަކު މޮޓޯސްޕޯޓްސްއިން ޔޫތް މިނިސްޓްރީގައި އެދިގެން އެޗްޑީސީއިން ދިން ހުއްދައެއްގެ ދަށުން ހިންގާ ހަރަކާތެއް. ފަހުން އެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ޑްރިފްޓް އެސޯސިއޭޝަންގެ ބައިވެރިވުމާއި އެކީ.“ އެ ބަޔާނުގައި ބުނެފައިވެއެވެ.
އެ އެސޯސިއޭޝަނުން ބުނީ ބުރާސްފަތި ދުވަހުގެ ހަރަކާތުގައި ބައިވެރިވާ ގިނަ ކާރުތަކަކީ އާންމުކޮށް މާލޭ މަގުތަކުގައި ދުއްވާ ކާރުތަކެއް ނޫން ކަމުގައެވެ، އަދި އެއީ ހަމައެކަނި ހުކުރުވިލޭރޭގެ ހަރަކާތުގައި ބައިވެރިވާން ނިކުންނަ ކާރުތަކެއްކަން އެސޯސިއޭޝަނުން ފާހަގަކުރިއެވެ،
”ސަރުކާރުގެ ވުޒާރާތަކުން ނަގަންޖެހޭ ހުރިހާ ހުއްދައެއް ނެގިން. އެކަމަކު ބައެއްގެ ނުފޫޒުގެ ސަބަބުން ފުލުހުންގެ އެދުމުގެ މަތިން އެޗްޑީސީން ދިން ހުއްދަ ބާތިލްކުރީ.“ އެ ބަޔާނުގައި ބުނެފައިވެއެވެ.

ވޭތުވެދިޔަ ތިން އަހަރު އެ ހަރަކާތް ކޮންމެ ހަފްތާއަކު ބާއްވަމުން އައިއިރުވެސް މިހާތަނަށް އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށާއި، އެ ހަރަކާތަށް ދީފައިވާ ހުއްދަ ކުއްލިއަކަށް ބާތިލްކުރި ކުރުމުން ސުވާލު އުފެދޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ޒުވާނުންގެ ސިޓީ ހުޅުމާލޭގައި ކާރު އަދި ސައިކަލު ޑްރިފްޓް ޖެއްސުން ފުލުހުން ހުއްޓުވުމުން ހުޅުމާލޭ ޕޮލިސް ސްޓޭޝަން ކުރިމަތީ ގިނަ އަދަދެއްގެ ޒުވާނުން މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ވަނީ މުޒާހަރާ ކޮށްފައެވެ. ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހުގެ ރޭގަނޑު ބާރަ ޖަހާއިރު ޒުވާނުންގެ ސިޓީ ހުޅުމާލޭގައި މޯލްޑިވްސް ޑްރިފްޓް އެސޯސިއޭޝަނުން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތަށް ގިނަ އަދަދެއްގެ ފުލުހުން އެރޭ ވަނީ ހުރަަސް އަޅާފައެވެ.

އެތަނުގައި އުޅުނު ޒުވާނަކު ‘ބޮންތި’ ނޫހަށް މައުލޫމާތު ދިންގޮތުގައި މިހަރަކާތް ބާއްވަނީ މީހުން ދިރި ނޫޅޭ ހިސާބެއް ކަމުގައިވާ އިންޑަސްޓްރިއަލް ޒޯންގައެވެ. އެތަނުގައި އެފަދަ ހަރަކާތެއް ބާއްވައިގެން އެއްވެސް ރައްޔިތަކަށް އުނދަގުލެއް އަދި ނުރައްކަލެއް ނެތްކަންވެސް އޭނާ ފާހަގަކުރިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button