ޚަބަރުސިޔާސީ

ވައުދު ފުއްދުމަށް މޭޔަރު މުއިއްޒު ގޭގެއަަށް ޒިޔާރަތް ކުރަނީ

ލޯކަލް ކައުންސިލް އިންތިހާބުގައި ވެވަޑައިގަތް ވައުދު ފުއްދުމަށްޓަކައި މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު  މާލޭގެ ގެތަކަށް ޒިޔާރާތް ކުރަން ނިންމަވައިފިއެވެ.

”ބޮންތި“ އަށް މިއަދު ޑރ.މުއިއްޒު ދެއްވި އިންޓަވިއުގައި ވިދާޅުވީ އެމަނިކުފާނު ވީ ވައުދާ އެއްފަދައިން ގޭގެ އަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލުއަހުވާލު ބައްލަވާނެ ކަމުގައެވެ.

މުއިއްޒު ވިދާޅުވީ މި ”ޑޯޓުޑޯ“ ޕްރޮގްރާމް ފަށާނީ ކުރިއަށް އޮތް އޮގަސްޓު މަހުގައި ކަމަށެވެ. އެގޮތުން ހަފްތާއަކު އެއްދުވަހަކު ގޭގެ އަށް ޒިޔާރަތް ކުރާނެކަން މުއިއްޒު ފާހަގަކުރެއްވިއެވެ.

”އަޅުގަނޑު މިބަލަނީ މާލޭގެ ހުރިހާ ގެޔަކަށް ޒިޔާރަތް ކުރެވޭތޯ. ހަފްތާޔަކު އެއް ދުވަސް ސީދާ މިކަމަށް ހާއްސަކޮށްގެން“ ޑރ.މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ޒިޔާރަތް ކުރާނީ  މާލޭ ރައްޔިތުން ދިރިއުޅޭ ގޭގެއަށް އެކަނި ނޫން ކަމަށާއި މާލޭގެ ހުރިހާ ގެޔަކަށްވެސް ޒިޔާރަތް ކުރައްވާނެކަމަށެެވެ.

”ރާއްޖޭގެ އެހެން ރަށް ރަށުގެ މީހުން ކުއްޔަށް މި އުޅެނީ ވެސް ހަމަ މާލޭ ރައްޔިތުންގެ ގެތަކުގައި ދެއްތޯ. އަޅުގަނޑުގެ އަމާޒަކީ އެއްވެސް ގެއެއް ދޫނުކޮށް ހުރިހާ ގެޔަކަށް ޒިޔާރާތް ކުރުން. ކުއްޔަށް މީހުން ދިރިއުޅޭ ގޭގެއަށް ވެސް ޒިޔާރާތް ކުރާނަން.“ ޑރ.މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ކުރިން ގޭގެއަށް ޒިޔާރަތް ނުކުރެވުނީ މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button