ރައީސް ސޯލިހާއި މޯދީގެ ފޯނު ކޯލުން އެނގުނީ ރާއްޖޭގެ މާލީ ހާލަތު ގޯސްކަން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިއަދު ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފިއެވެ.
މި ފޯނު ކޯލުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާފައި ވަނީ ކޯވިޑު-19 ގެ ސަބަބުން ދުމަވެފައިވާ އިގްތިސާދީ އަނދަވަޅުން އަރައިގަތުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކާއި ގުޅޭގޮތުންނެެވެ. އެގޮތުން މޯދީ ވަނީ ކޯވިޑުގެ ހާލަތުން އަރައިގަތުމަށް ރާއްޖެއަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ.
އިންޑިއާއިން މީގެ ކުރިންވެސް ވަނީ ރާއްޖެއަށް ދިމާވެފައިވާ އިގޮތިސާދީ އަނދަވަޅުން އަރައި ގަތުމަށް ހިލޭ އެހީގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ރާއްޖެއަށް ދީފައެވެ. އަދީ ލޯނުގެ ގޮތުގަވެސް ވަނީ ބޮޑެތި އަދަދުތަކުން ރާއްޖެއަށް އެހީތެރިވެދީފައެވެ.
ނަމަވެސް ރައީސް ސޯލިހު މިއަދު ކުރެއްވި ފޯނުކޯލުގައި ވަނީ އަނެއްކާވެސް އިންޑިއާގެ އެހީ ހޯދުމަށް މަޝްވަރާ ކުރައްވާފައެވެ. މި ކަމުން ރާއްޖޭގެ މާލި ހާލަތު ވަރަށް ރަނގަޅަށްވެސް ސިފަކުރެވިގެންދެއެވެ.
ސަރުކާރުން ކޯވިޑް-19 އާއި ގުޅިގެން ވަނީ 4 ބިލިއަނަށް ވުރެ ގިނަ ފައިސާ ހަރަދު ކޮށްފައެވެ. 4 ބިލިއަނެއްހާ ފައިސާ ޗާޕުވެސް ކޮށްފައި ވެއެވެ. ޓުއަރިޒަމްވެސް ފެށި ބޭރު ފައިސާ ލިބެންފަށާފައިވާއިރު، އިގްތިސާދު ރަނގަޅު ކުރުމަށް ހަރަދުކުރި ފައިސާތަކުން ނެރެވުނު އެއްވެސް ނަތީޖާއެއްނެތެވެ. ރާއްޖޭގެ މާލީހާލަތަށްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
ރާއްޖޭގެ މާލީހާލަތު ގޯސްއިރު ރައީސް ސޯލިހު ގެންގުޅުއްވާ ޕޮލޮސީ ތަކަށް ގިނަބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. އަދި ރާއްޖޭގެ ދަރަނި އިތުރުވަމުން ދާތީ އެކަމާވެސް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.