އިންޓަނެޓްގެ އަގަށް އަންނަ ބަދަލުތައް އިއުލާން ކުރުން ބުރާސްފަތި ދުވަހަށް ފަސްކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޓަރނެޓްގެ ހިދުމަތާ ގުޅޭ ސަރުކާރުގެ އައު ސިޔާސަތު އަންނަ ބުރާސްފަތި ދުވަހުގެ 10 ޖަހާއިރު އިއުލާނުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
Our new policy on internet services will be made on Thursday, May 27, 2021, at 10 am.
އިންޓަރނެޓްގެ ޚިދުމަތާ ގުޅޭ ސަރުކާރުގެ އައު ސިޔާސަތު އަންނަ ބުރާސްފަތި (2021 މޭ 27) ދުވަހުގެ 10 ޖަހާއިރު އިޢުލާނުކުރުމަށް ވަނީ ހަމަޖެހިފައި.
— Miuvaan Mohamed (@MvSpokesperson) May 25, 2021
މައުލޫމާތު ލިބިފައިވާގޮތުގައި މިކަން އިއުލާން ކުރަން އެންމެ ފުރަތަމަ ހަމަޖެހިފައިވަނީ ހޯމަ ދުވަހުގައެވެ. އެއަށްފަހު މިއަދުގެ ހެނދުނު 10:00 ގައި ނެޓުގެ އަގަށް އަންނަ ބަދަލުތައް އިއުލާން ކުރުމަށް ހަމަޖެއްސިއެވެ. އެކަމަކު މަބްރޫކު ވިދާޅުވީ ކުރިން ވަކި ތާރީހެއް ކަނޑަނާޅާ ކަމަށެވެ. އެއަށްފަހު އޭނާ ޓުވީޓު ކުރައްވައި ތާރީހު އިއުލާން ކުރެއްވީއެވެ.
މިއަދު 10 ޖަހާ ބޮޑުވެއްޖެ. ހެޔޮކުރަން ބުނި އަގު އިޢުލާން ނުކުރެވުނު. މިނިސްޓަރ ޝައުނާއަށް ވެސް މިހާރު ދިމާވަމުން އެދަނީ އޭގެ ކުރީގައި އަޅުގަނޑަށް ދިމާވި ހާލަތު. އެއީ ހުރިހާ ކަމެއް ނިމުނީމަވެސް ފައިނަލް ޑެސިޝަން ނަގަންޖެހޭ ފަރަތުން ނަގަން ނުކެރުން. ނަގަން ފަސްޖެހުން. ވަރަށް ދެރަ.
— Mohamed Maleeh Jamal (@maleehjamal) May 25, 2021
ނެޓު ހެޔޮ ކުުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުގެ ވައުދެކެވެ. އެހެން ނަމަވެސް މިއަދާ ހަމަޔަށް އެ ވައުދު ނުފުއްދި އޮތުމުގެ ސަބަބުން ރައީސް ސޯލިހަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. އަދި ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު މަގާމުން ވަކި ކުރީވެސް އެކަން ނުވެ އޮތުމުން ކަމަށް ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިދާޅުވެފައިވެއެވެ.
މިކަމާއި ގުޅިގެން މަލީހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދުވެސް 10 ޖަހާ ބޮޑުވެއްޖެ ކަމަށާއި، ހެޔޮކުރަން ބުނި އަގު އިއުލާން ނުކުރެވުނު ކަމަށެވެ. އަދި މިހާރުގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ އައިމިނަތު ޝައުނާއަށް މިހާރު ދިމާވަމުން ދަނީ އޭނާއަށް ދިމާވި ހާލަތު ކަމަށެވެ. އެ ހާލަތަކީ ހުރިހާ ކަމެއް ނިމުމުން ވެސް ރައީސް ސޯލިހަށް އެކަން ކުރައްވަން ކެރިވަޑައިނުގެންނެވުމާއި ފަސްޖެހިވަޑައިގަތުން ކަން މަލީހު ފާހަގަކުރެއްވިއެވެ.
ބުރާސްފަތި ދުވަހު ނެޓުގެ އަގަށް ބަދަލު އަންނަ ކަން ސަރުކާރުން އިއުލާން ކުރުމާގުޅިގެން އެންމެން ކަހަލަ ގޮތަކަށް މިހާރު ތިބީ އެކަމުގެ އިންތިޒާރުގައެވެ.