އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލެއް ގާއިމްކޮށް އެގައުމުގެ ވިޔަފާރިތައް ފުޅާ ކުރަނީ!
ކޮންސިއުލޭޓް ޖެނެރަލެއް އައްޑޫ ސިޓީގައި ގާއިމް ކޮށް އިންޑިއާގެ ވިޔަފާރިތައް ފުޅާ ކުރަން އެގައުމުގެ ޔޫނިއަން ކެބިނެޓުން ނިންމައިފިއެވެ. ޔޫނިއަން ކެބިނެޓް ޗެއަރ ކުރައްވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.
އިންޑިއާގެ ޑީޑީ ނިއުސް އިން ރިޕޯޓް ކުރިގޮތުގައި މި ކޮންސިއުލޭޓުގެ ސަބަބުން ރާއްޖޭގައި އަދި ވަކިން ހާއްސަކޮށް އައްޑޫ ސިޓީގައި އިންޑިއާގެ ހާރިޖީ ނުފޫޒު ވަރުގަދަވެގެން ދާނެއެވެ. އަދި މިހާރަށްވުރެ ބޮޑަށް ދެގައުމުގެ މެދުގެއި އޮންނަ ގުޅުން ވަރުގަދަވެގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ. މޯދީގެ ބީޖޭޕީ ސަރުކާރުން ގެންގުޅޭ ސިޔާސީ ފިކުރު އިތުރަށް ފުޅާ ކުރުމަކީވެސް މި ކޮންސިއުލޭޓުގެ އެއް ބޭނުމެވެ.
މި ނިންމުމުގެ ސަބަބުން އިންޑިއާގެ އުފެއްދުންތައް އައްޑޫގައި މާކެޓުކޮށް، އެގައުމުގެ ވިޔަފާރިވެރިންގެ އުފެއްދުންތައް އިތުރު ކުރުމަށް ފުރުސަތު ހުޅުވިގެން ދެއެވެ. މުދާ އުފެއްދުން އިތުރުވުމުގެ ސަބަބުން އިންޑިއާގެ ވަޒީފާގެ ބާޒާރު ތިޔާގިވެގެންދާނެކަމަށް މި ނިންމުމުގައި ވެއެވެ. މީގެ އިތުރުން އިންޑިއާއަކީ އަމިއްލަ ގައުމަށް އެކަނި ބަރޯސާވެފައިވާ ގައުމިއްޔަތު ވަރުގަދަ ގައުމަކަށް ވެގެންދާނެ ކަމަށް މޯދީ ޗެއަރ ކުރެއްވި މި ބައްދަލުވުމުން ނިންމާފައިވެއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުން އަންނަނީ އިންޑިއާ އާއި ރާއްޖެއާއި ދެމެދު ހާއްސަ ގުޅުންތަކެއް ބަދަހި ކުރަމުންނެވެ. އެ ގުޅުންތަކުގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ބާރުތަކަށާއި އަމިއްލަ ވަންތަކަމަށް ބުރޫ އަރަމުންދާ ކަމަށް ރާއްޖޭގެ މަސްރަހު ދިރާސާ ކުރައްވަވާ ބޭފުޅުން ވިދާޅުވެއެވެ. ހާއްސަކޮށް މިލިޓަރީގޮތުން ކުރެވެމުންދާ މަޝްވަރާ ތަކާއި ހެދޭ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރަމުންދާކަން އޭބޭފުޅުން ފާހަގަކުރައްވައެވެ.
އިންޑިއާއިން ހަދިޔާކޮށްފައިވާ 2 ހެލިކޮޕްޓަރާއި، ޑޯނިއާ މަތިންދާ ބޯޓު އޮޕަރޭޓް ކުރުމަށް އެގައުމުގެ ގިނަ އަދަދެއްގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވުމާއި، ހަނިމާދޫ، ލާމު އަތޮޅު އަދި އައްޑޫ ސިޓީގައި އެގައުމުގެ ޖާސޫސުންނާއި ސިފައިން ހަރަކާތްތެެރިވަމުންދާ މައްސަލައިގައި އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ރައީސް ސޯލިހަށް ވަނީ އަމާޒުވެފައެވެ. މީގެ އިތުރުން އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ މައްސަލަވެސް ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ގިނަ އާންމުން ތުހުމަތު ކުރާގޮތުގައި ރައީސް ސޯލިހުގެ ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖެ އިންޑިއާގެ މިލިޓަރީގެ ބެލުމުގެ ދަށުން އޮޕަރޭޓް ކުރާ ގައުމަކަށް ހެދުމަށެވެ. އެކަމަކު ސަރުކާރުން އެކަން ދޮގު ކުރެއެވެ.