ޚަބަރުސިޔާސީ

ދޫނިތައް މަރާލުމަށްފަހު ފިޝަރީޒް މިނިސްޓްރީއިން ހިތާމަ ފާޅުކޮށްފި

500 އެއްހާ ދޫނި މަރާލުމަށްފަހު ފިޝަރީޒް މިނިސްޓްރީއިން ހިތާމަ ފާޅުކޮށްފިއެވެ.

އެ މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނީ ދޫނި އެތެރެކުރުމާބެހޭ ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ 5 ޝިޕްމަންޓެއްގައި ހިމެނޭ ދޫނިތަކެއް މިނިސްޓްރީގެ ދަށުން ހިންގާ ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ސާރވިސްއިން 8 ފެބްރުއަރީ 2022 ގައި ނައްތާލުމާއި ގުޅިގެން، ރައްޔިތުން ފާޅު ކުރަމުން ގެންދާ ކަންބޮޑުވުންތަކާއި އިހުސާސްތައް ބަލައިގަނެ، އެކަމާމެދު ހިތާމަކުރާ ކަމުގައެވެ.

ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ހިދުމަތް ރާއްޖޭގައި އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށްޓަކައި، ގާނޫނާއި ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް، ކަމާބެހޭ ފަރާތްތަކުގެ ލަފަޔާއި އިރުޝާދާއިއެކު ކުރިއަށް ގެންދާނެކަމުގެ ޔަގީންކަންވެސް މިނިސްޓްރީއިން ވަނީ ދީފައެވެ. އަދި މިކަމާއި ގުޅިގެން ގާނޫނާއި ގަވާއިދާއި ހިލާފަށް އަމަލުކޮށްފައިވާ އެންމެހާ ފަރާތްތަކާއިމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ވެސް މިނިސްޓްރީއިން ދިނެވެ.

މިނިސްޓްރީއިން ބުނިގޮތުގައި ރާއްޖެއަށް ދިރޭތަކެތި އެތެރެކުރާ ފަރާތްތަކުން، އެކަންކަމަށް ކަނޑައަޅާފައިވާ ގާނޫނީ އިޖުރާއަތްތަކާއި އެއްގޮތަށް އަމަލުކުރުމަކީ އެ މިނިސްޓްރީގެ އިލްތިމާސެކެވެ.

ސަރުކާރުގެ އެންގުމަށް ދޫނިތައް މަރާލި މައްސަލައިގައި ދޫނިތަކަށް ލޯބިކުރާ ޒުވާނުންތަކެއް އިސްނަގައިގެން މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި އިއްޔެ ހަވީރު 16:00 އިން 18:00 އާ ހަމައަށް ވަނީ މުޒާހަރާ ކޮށްފައެވެ. މި މުޒާހަރާގައި ބައެއް އާންމުން ވަނީ އެމީހުން ގެންގުޅޭ ދޫނިތައްވެސް ބައިވެރިކޮށްފައެވެ.

ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި 130 އެއްހާ ދޫނިތަކެއް ހިފަހައްޓާފައި ބެހެއްޓުމަށްފަހު އެ ތަކެތި އަންގާރަ ދުވަހު ފިޝަރީޒް މިނިސްޓްރީގެ އެންގުމަށް މަރާލި މައްސަލައިގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އެގޮތުން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަކީ ތިމާވެށީގެ ޗެމްޕިއަނުން ކަމަށް ވަކާލާތު ކުރައްވާ ވެރިންތަކެއް ހިމެނޭ ޕާޓީއެއް ކަމަށާއި، އެމްޑީޕީ ވެރިކަމުގައި އޮވެ މިފަދަ ކަމެއް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ދޫނި ގެންގުޅޭ ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.

ސަރުކާރުގެ އެންގުމަށް އިއްޔެގެ ވަގުތެއްގައިވެސް 266 އެއްހާ ދޫނި މަރާލާފައިވެއެވެ. އަދި މިހާތަނަށް މަރާލި ދޫނިތަކުގެ އަދަދު 500 އާ ގާތްކުރާނެ ކަމަށް ”ވަގުތު“ އޮންލައިނުން ރިޕޯޓް ކޮށްފައިވެއެވެ.

މި މައްސަލައިގައި މިނިސްޓްރީން ބުނީ އެ ތަކެތި ނައްތާލީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ލަފާ ހޯދުމަށްފަހު އޮންނަ އުސޫލުތަކުގެ ތެރެއިން ކަމުގައެވެ. އެކަމަކު އެޓާނީ ޖެނެރަލް އޮފީހުން ބުނާގޮތުގައި އެތެރެކުރި ދޫނިތައް މަރާލުމުގެ ބަދަލުގައި އަނބުރާ ފޮނުވާލުމުގެ ފުރުސަތު އޮންނާނެއެވެ. އަދި އެގޮތަށް އަމަލު ނުކުރީ މިނިސްޓްރީއިން ކަމުގައި އޭޖީ އޮފީހުން ބުންޏެވެ.

މިކަމާގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ބަހުސްކޮށްފައިވާއިރު ދޫނި މަރާލި މައްސަލަ ބެލުމަށް ރައީސް ސޯލިހު ވަނީ ނިންމަވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button