ޚަބަރުސިޔާސީ

ރައީސް ޔާމީން މަނީ ލޯންޑަރިންގެ އަމަލު ހިންގި ގޮތުގެ ތަފްސީލް ދައުލަތަށް ނުދެވުނު

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ ދައުވާގައި އެމަނިކުފާނު މަނީ ލޯންޑަރިންގެ އަމަލު ހިންގެވި ގޮތުގެ ތަފްސީލް ޝަރީއަތުގެ މަޖިލީހުގައި ދައުލަތަށް ނުދެވުނެވެ.

މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި އޮތީ ވ.އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ނެންގެވިކަމަށާއި، މަނީ ލޯންޑަރ ކުރެއްވިކަމަށް ބުނެ ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އިބުތިދާއީ އަޑުއެހުމެކެވެ.

އާރަށު މައްސަލައިގައި ޔާމީން ހިންގި މަނީ ލޯންޑަރިންގެ އަމަލީ ކޮބައިތޯ އެމަނިކުފާނުގެ ފަރާތްޕުޅުން ދައުލަތާ ސުވާލު ކުރުމުން ސާފު ޖަވާބެއް ނުދެވުނެވެ. އެ ސުވާލު ތަކުރާރު ކުރުމުން ދައުލަތުން ބުނީ މި މައްސަލައިގައި ދައުވާ އުފުލާ ދެވަނަ ފަރާތްކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް އާރަށް ދިނުމަށް އެމަނިކުފާނު އިރުޝާދު ދެއްވިކަމުގައެވެ. އަދި އެ މުއާމަލާތުގެ ތެރެއިން ޖާއިޒް ނޫން މަންފާއެއް ޔާމީނަށް ލިބިވަޑައިގަންނަވާ ކަމުގައި ކުރީގެ ނައިބުރައީސް އަދި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ އަމިއްލަ އިއުތިރާފް އޮތް އަހުމަދު އަދީބު ވިދާޅުވި ކަމުގައެވެ. ދައުވާއަށް އިތުރު ބުރަދަނެއް ލިބިދޭ އިތުރު ކަމެއް ދައުލަތަށް ބުނެއެއް ނުދެވެއެވެ.

ރައީސް ޔާމީނަށް ކުރާ ރިޝްވަތު ގަބޫލުކުރިކަމުގެ ދައުވާގައި ވާހަކަ ދައްކަމުން ދައުލަތުން ބުނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަތު ޖަމާކުރި ކަމުގައެވެ. އެއީ މަގާމުގެ ބޭނުން ނަހަމަގޮތުގައި ހިއްޕަވައި ނުފޫޒު ފޯރުއްވައިގެން ޔާމީން ކުރެއްވި ކަމެއްގެ ގޮތުގައި ދައުލަތުން ފާހަގަކުރިއެވެ. އެކަމަކު އެމަނިކުފާނު ނުފޫޒު ފޯރުވުމަށް ހިންގި އަމަލަކީ ކޮބައިކަމެއް ދައުލަތަށް ބަޔާން ނުކޮށްދެވެއެވެ.

މިއަދުގެ އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މި މައްސަލައިގެ ސީޣާގަައި ބަޔާންކޮށްފައި ހުރި ވާހަކަތަކުގައި ސާފުނުވާ ކަންކަން ހުރި ކަމުގައެވެ. އަދި ޝަރީއަތުގެ މަޖިލީހުގައި ދެކެވުނު ވާހަކަތަކާއި ސީޣާގައި ހުރި ވާހަކަތަކާވެސް ފުށޫ އަރާ ކަންކަން އެބަހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެއަށްފަހު އެ މައްސަލައިގައި ޝަރީއަތުން ގޮތެއް ނިންމައިދޭން އެދުމުން މައްސަލަ ބައްލަވާ ގާޟީ އަހުމަދު ޝަކީލު ބުރަވެވަޑައިގެންނަވީ ދައުލަތާ އެއްކޮޅަށެވެ. އެގޮތުން ޝަކީލް ވިދާޅުވީ ”އެކަށީގެންވާ މިންވަރަށް“ ދައުލަތަށް ދައުވާ ސާފުކޮށްދެވުނުކަމަށް ކަނޑައަޅުއްވާފައެވެ. އެހެން ނަމަވެސް އެ ދެ ދައުވާއަށް ޔާމީން އިންކާރު ކުރެއްވިއެވެ.

މީގެ ކުރިން ޔާމީނަށް ކުރި 5 އަހަރުގެ ޖަލު ހުކުމާ ގުޅޭ ޝަރީއަތް ލައިވްކޮށްފައިވާއިރު މި އަޑުއެހުންތައްވެސް ލައިވް ކޮށްދިނުމަށް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައިވެސް އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ އެދިފައެވެ. އަދި މި މައްސަލައިގެ ހުކުމް އަވަސް އަރުވާލައިގެން ޖޫން މަހުގެ 30 ވަނަ ދުވަހު ކުރުމުގެ ބަދަލުގައި މީގެ ކުރިން ތާވަލު ކުރި ތާރީހު ކަމަށްވާ ނޮވެމްބަރު މަހަށް ބަދަލު ކޮށްދިނުމަށްވެސް އެމަނިކުފާނުގެ ފަރާތްޕުޅުން އެދިވަޑައިގަތެވެ، އެކަންކަމަށް ޝަރީއަތުން ދިނީ ބީރު ކަންފަތެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button