ޚަބަރު

ސުޕްރީމް ކޯޓުގެ ލަފާހޯދަން އުޅުމުން އެންމެފަހުން ރިފްޢަތު ޖަވާބުދާރީވާން ނިންމަވައިފި

ޗާގޯސް މައްސަލާގައި ރާއްޖޭގެ ކަނޑުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ބޮޑު ބައެއް ވިއްކާލިކަމަށް ބުނެ މަޖިލީހަށް ހުށަހެޅި ބަންޑާރަ ނާއިބު އިބްރާހިމް ރިފްޢަތު ގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވުމަށް އޭނާ މަޖިލީހަށް ހާޒިރުވެވަޑައިނުގަތްް މަޖިލީހަށް ލިޔުމުން ޖަވާބު ފޮނުއްވުމުން މަޖިލީހުން މިކަމުގައި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދަން ނިންމުމުން އެންމެފަހުން މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީވުމަށް ރިފްޢަތު ނިންމަވައިފިއެވެ.

ބަންޑާރަ ނައިބު އިބްރާހިމް ރިފްޢަތު މަޤާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލާގައި ޤާނޫނާ އެއްގޮތަށް ޖަވާބުދާރީވުމުގެ ފުރުސަތު ދެއްވުމަށް ރިފްޢަތު ވަނީ މިހާރު އެދިވަޑައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އެޑްރެސް ކުރައްވާ ރިފްޢަތު މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ލިޔުމުން ޖަވާބުދާރީވެވަޑައިގަތީ އެ މައްސަލާގައި ބައެއް ފަރާތްތަކުން ރައްޔިތުންނަށް ޙަޤީޤަތް އޮޅޭގޮތަށް ވާހަކަ ދައްކަމުންދާތީ ތަފްސީލީ ގޮތެއްގައި ރައްޔިތުންނަށް ކަމުގެ ޙަޤީޤަތް ހާމަކޮށްދެވޭނީ ލިޔުމުން ޖަވާބުދާރީވެވަޑައިގަންނަވާތީ ކަމަށް ފެނިވަޑައިގަތުމުން ކަމަށެވެ. އެހެންނަމަވެސް އޭނާގެ ޖަވާބު މަޖިލީހުގައި އިއްވިފައިނުވާތީ މަޖިލީހުގައި ދެން މިމައްސަލަ ކުރިއަށް ގެންދާ ދުވަހަކުން އަނގަބަހުން ޖަވާބުދާރިވެވަޑައިގަތުމަށް ފުރުސަތު ދެއްވުމަށް އޭނާ އެދިވަޑައިގެންފައިވެ އެވެ.

އެދުވަހުގެ ޖަލްސާއަށް ރިފްޢަތު ވަޑައިނުގަތުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ ބަންޑާރަ ނައިބު ޖަވާބުދާރީވުމަށް އޭނާ އެދުވަހުގެ ޖަލްސާއަށް ހާޒިރުނުވުމުން އެ އިދާރާއިން ކަންތައްކުރާނެ ގޮތަކާމެދު ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ގޮތެއް ނުނިންމުމުން ދެން ޖެހޭނީ ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ކަމަށެވެ.

މި މައްސަލައަށް މަޖިލީހަށް ހާޒިރު ވެގެން ނުވަތަ، ލިޔުމުން ޖަވާބުދާރީވުމަށް ރިފްޢަތު އަށް މަޖިލީހުން އަންގާފައިވާއިރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބަންޑާރަ ނައިބަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުން އެބޭފުޅާ ނިންމެވީ ލިޔުމުން ޖަވާބު ފޮނުއްވަން ކަމަށެވެ.

އެއާއެކު ބަންޑާރަނައިބު މަޖިލީހަށް ޖަވާބުދާރީވެލައްވަން ޖެހިވަޑައިގަންނަވާ ގޮތާއި ގުޅިގެން މެމްބަރުންގެ މެދުގައި ޚިޔާލުތަފާތުވެ ޙައްލު ނުކުރެވުމުން ރިޔާސަތުން ވަނީ އެ މައްސަލަ މަޑުޖައްސާ ސުޕްރީމް ކޯޓުގެ ލަފާ ހޯދައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.

ރިފްޢަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވުމަށް އޭނާ އަށް މަޖިލީހަށް ހާޒިރުވެވަޑައިގަންނަން ކެރިވަޑައި ނުގަތްް މަޖިލީހަށް ލިޔުމުން ޖަވާބު ފޮނުއްވުމުން ރާއްޖޭގެ ޤާނޫނީ ދާއިރާގެ ފުންނާބު އުސް ފަރާތްތަކެއްގެ ފާޑުކިޔުންވެސް ވަނީ ރިފްޢަތަށް އަމާޒު ވެފައެވެ.

ރިފްޢަތު ޢަމަލު ކުރެއްވި ގޮތާއި ގުޅިގެން ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުالله ދީދީ ވިދާޅުވީ މަޖިލީހުގެ މަސްއޫލިއްޔަތަށް ހުރަސްއެޅުމުގެ ބާރު ބަންޑާރަނައިބަށް ލިބިގެން ނުވާކަމަށެވެ. ޑރ. އަހުމަދު އަބްދުالله ދީދީ މިފަދައިން ވިދާޅުވީ، ބަންޑާރަނައިބުގެ ނިންމުންތަކާމެދު މަޖިލީހަށް ގޮތެއް ނިންމޭނެކަމަށް މިހާރުގެ ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ދެކެވަޑައި ނުގަންނަވާ ކަމަށް ހަބަރު ފެތުރުމާ ގުޅިގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button