ޚަބަރުސިޔާސީ

ނައިފަރުގެ ފެނުގެ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކޮށްފައެއް ނެތް: ފެނަކަ

ޅ.ނައިފަރުގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ނިންމުމަށްފަހު، އެ ނިޒާމު އޮޕަރޭޓުކުރުމުގެ މަސައްކަތް ފެނަކައާ ހަވާލުކުރި އިރު ފެނުގެ ނިޒާމު ޤާއިމުކުރުމުގައި ޖެހިފައިހުރި ބޮޑެތި މައްސަލަތައް ހައްލު ކޮށްފަ ނުވާ ކަމަށް ފެނަކައިން ބުނެފިއެވެ.

ނައިފަރުގެ ފެނުގެ ނިޒާމުގައި މައްސަލަ ދިމާވެ ފެން ކެނޑުމަށްފަހު، ފަހުން ފެނުގެ ޚިދުމަތް ފެށިފަހުން ވެސް އިރު އިރުކޮޅާ ފެން ކެނޑުމުގެ މައްސަލަ ކުރިމަތިވަމުން ގޮސްފައިވާތީ ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި އެކަމާމެދު މައާފަށް އެދުމާއެކު، އެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާކަމުގެ ޔަގީންކަން ދީފިއެވެ.

ފެނަކައިން ބުނި ގޮތުގައި ނައިފަރުގެ ފެނުގެ ނިޒާމުގެ މަސައްކަތަކީ 2017 ވަނަ އަހަރު ފެށި މަސައްކަތެކެވެ. ނަމަވެސް ދިމާވި މައްސަލަތަކަކާ ގުޅިގެން 2019 ވަނަ އަހަރު އެ މަސައްކަތް މެދުކަނޑައިލުމަށްފަހު އަލުން މަސައްކަތް ފެށީ 2020 ވަނަ އަހަރުއެވެ. މަސައްކަތް ނިމުނީ 2022 ވަނަ އަހަރުއެވެ.

އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނި ގޮތުގައި އެ ނިޒާމު ފަރުމާކުރި ތާރީޚާއި ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ނިމުނު ތާރީޚާ ދެމެދުގައި ގިނަ ދުވަސްތަކެއް ފާއިތުވުމުގެ ސަބަބުން، މީހުން ދިރިއުޅޭ ގޭބީސީތައް އިތުރުވެ ފެނަށް އޮންނަ ޑިމާންޑު ވަނީ އިތުރުވެފައެވެ.

މި އަހަރު ފެނުގެ ނިޒާމު ފެނަކައާ ހަވާލުކުރި ބޮޑެތި މައްސަލަތަކެއް އެ ނިޒާމުގައި ހުރިކަމަށާއި، އެގޮތުން ފެނުގެ ވިއުގައިން ފެން ފޭދުމާއި، ޕްލާންޓުގައި ހުރި އެކި ފަންނީ މައްސަލަތަކާއި، ފޯރުކޮށްދޭ ފެނުގެ ފެންވަރުގެ މައްސަލަތައް ފާހަގަކުރެވިފައިވާކަމަށް ފެނަކައިން ބުނެއެވެ.

އެ ނިޒާމު ފެނަކައާ ހަވާލުކޮށް ޚިދުމަތް ދޭން ފެށިއިރު އެ މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ގެނެވިފައި ނެތްކަމަށާއި، ފެން އުފައްދާ ނިސްބަތަށްވުރެ ފެން ބޭނުންކުރާ މިންވަރު އިތުރުވުމުގެ ސަބަބުން ބައެއް ވަގުތުތަކުގައި މުޅި ރަށުން ފެނުގެ ޚިދުމަތް މެދުކަނޑައިލަން ޖެހޭކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ފެން ފޯރުކޮށްދެވޭ މިންވަރަށްވުރެ ފެން ބޭނުންކުރާ މިންވަރު އިތުރުވުމުން ނައިފަރަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުކުރުމަށް އިތުރު ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ވަރަށް ބޮޑަށް އިސްކަންދީގެން ފެނަކައިން ކުރަމުންދާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ފެނަކައިން ބުނީ އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ އެ ފިޔަވަޅުތައް ހަލުއިކޮށް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މުސްތަޤުބަލުގައި އެފަދަ ކަންކަމަށް ޚާއްޞަ ސަމާލުކަމެއްދީގެން ޚިދުމަތް މެދު ނުކެނޑި ލިބޭނެ ހަރުދަނާ އިންތިޒާމުތަކެއް ހަމަޖައްސާނެކަމުގެ ޔަގީންކަން ވަނީ ދީފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button