ރިޕޯޓް

މާކެޓަށް ދިރާގުގެ ނުފޫޒު އޮތް ކަމަށް ބުނެ ކޭބަލް ޓީވީ އޮޕަރޭޓަރުންގެ ކަންވޮޑުވުން އިންތިހާއަށް!

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަކީ އިގްތިސާދުގެ އެންމެ މުހިންމު ބައެވެ. އެއީ ޒުވާނުންގެ އައު އީޖާދުތަކާއި ވިސްނުން އާމްދަނީއަށް ބަދަލު ކޮށްލުމަށް ހުޅުވާލެވޭ ދޮރެވެ. ޒަރޫރީ ބެންނުންތަކާއި އާންމު ދިރިއުޅުމާ ގުޅުން ހުރި ކިތަންމެ ކަމެއް ފެށިގެން އަންނަނީ ކުދި ވިޔަފާރިތަކާ ހަމައިންނެވެ. އެއީ ރާނާ ސިމެންތި ޖެހުމާއި، އިމާރާތްތަކުގައި ކުލަ ލުމާއި، ހިފާ ގެންގުޅޭ ތަކެތި މަރާމާތު ކުރުމާއި، ޑެލިވަރީގެ ހިދުމަތާއި، ގޭގާއި ތިބެގެން ކޭކު އެޅުމާއި، ފެހުމާއި، ގަރާޖުގެ ހިދުމަތާއި، ސައި ހޮޓާ ކެފޭ ފަދަ ތަންތަނާއި، ދަނޑު ހެއްދުމާއި، ކުޑަ ދޯނި ފަަހަރުގައި މަސްވެރިކަން ކުރުން ފަދަ ވިޔަފާރިތަކެވެ.

އެސްއެމީ ގާނުނެއް ހެދުމަށްފަހު ރާއްޖޭގައި އެސްއެމްމީ ބޭންކެއް ހެދި މައިގަނޑު ސަބަބަކީވެސް ލޯނު ދޫކޮށްގެން ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމަށް މަސައްކަތް ކުރުމެވެ. ވިޔަފާރި ގިންތި ކުރުމަށް ހެދި ގަވައިދަކީވެސް ހުރިހާ ގިންތިއެއްގެ ވިޔަފާރިތަކަށް އޮންނަންޖެހޭ ހަމަހަމަކަމާއި ސަލާމަތާއި ރައްކާތެރިކަން އުސޫލެއްގެ ތެރެއިން ހޯދައިދިނުމުގެ މަގްސަދުގައި ކުރެވުނު މުހިންމު މަސައްކަތެކެވެ. ހަމަ އެހެންމެ ބޮޑެތި ވިޔަފާރިތަކުގެ ގޮށް މުށުން ކުދި ވިޔަފާރި ވީއްލަން އެންޓި ކޮމްޕެޓިޝަން ގާނޫނު ނުވަތަ ވިޔަފާރީގެ ވާދަވެރިކަން ދެމެހެއްޓުމުގެ ގާނޫނެއް ވުޖޫދު ކުރީވެސް އެފަދަ ވިޔަފާރިތަކަށް ހަމަނޭވާލެވިގެން މިނިވަން ޖައްވެއްގައި ވިޔަފާރި ކުރުމުގެ ފުރުސަތު ތަނަވަސް ކުރުމަށެވެ.

ސަރުކާރުގެ ސްޓްރެޓެކިކް އެކްޝަން ޕްލޭން (ސެޕް) ހެދީވެސް ބޮޑެތި ކުންފުނިތަކުން ސަޕްލައި ޗެއިންގައި ހިމެނޭ ކުދި ވިޔަފާރިތަކާ ގުޅިގެން މަސައްކަތް ކުރެވޭނެ ނިޒާމަކަށް ވިސްނައިގެންނެވެ. ސެޕްގެ ޕޮލިސީތައްވެސް ހުރީ އެކަހަލަ ގޮތަކަށެވެ. ވިޔަފާރީގެ ބޮޑު ބާރުތަކަށް ނާޖާއިޒް ފައިދާ ނެގިޔަ ނުދީ ބާރުތައް ބަހާލެވޭ އަދި އެންމެނަށްވެސް ފައިދާ ވާ ހަމަހަމަ އުސޫލެއްގެ ތެރެއިން ކަންކަން ކުރެވޭނެ މަގުފަހި ކޮށްދިނުމަށް ސެޕުން ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އުންމީދެއް ދީފައެވެ.

ކޭބަލް ޓީވީ އިންޑަސްޓްރީއަށް ބަލާއިރު އެ ފަރާތްތަކަކީ 100 އެއްހާ ރަށުގެ ކުދި ވިޔަފާރިތަކާ ގުޅިގެން ރީބްރޯޑްކާސްޓިންގެ ހިދުމަތް ދޭ ބައެކެވެ. އެކަމަކު ރާއްޖޭގައި އޮތް އެންމެ ބޮޑު ޓެލެކޮމިއުނިކޭޝަން ކުންފުނި ކަމަށްވާ ދިރާގުން އަންނަނީ ވިޔަފާރީގެ ވާދަވެރިކަމާ ބެހޭ ގާނޫނާ ކަނޑައެޅިގެން ހިލާފަށް 100 އެއްހާ ކޭބަލް ޓީވީ އޮޕަރޭޓަރުންގެ ކުޑަކުޑަ ވިޔަފާރިއަށް ދުއްތުރާ ކުރަމުންނެވެ.

އެކަމުގެ އެންމެ ބޮޑު ހެއްކަކީ ދިރާގާއި ދެކޮޅަށް 100 ކޭބަލް ޓީވީ އޮޕަރޭޓަރުންގެ ސޮޔާއެކު 2021 ޖޫން 6 ގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ހުށަހެޅި ޕެޓިޝަނުގައި ފާހަގަކޮށްފައި ހުރި ކަންކަމެވެ.

މިކަމާ ގުޅިގެން ފައިބަރ ނެޓް ވޯކުގެ މެނޭޖިން ޑިރެކްޓަރ ރަފީއު “ޗެނަލް 13” އަށް ވިދާޅުވީ ސަރުކާރުން މި މައްސަލަ ވަރަށް ރަނގަޅަށް ބަލަން ޖެހޭނެ ކަމަށެވެ.

“އަޅުގަނޑުމެންނަށް މިހާރު ހަބަރު ލިބެމުންދާގޮތުގައި މިކަންތައް ވަރަށް ސީރިއަސްކޮށް ސަރުކާރުން އެބަ ބަލާ. އަޅުގަނޑުމެން 100 ކުދި ވިޔަފާރިވެރިންގެ އުންމީދަކީ މި ޕެޓިޝަނުގެ ރަނގަޅު ނަތީޖާ ލިބުން. ސަރުކާރުން ކުދި ވިޔަފާރިތަކަށް ދެރަގޮތެއް ނަހަދާނެ ކަމަށް އުންމީދު ކުރަން.” ރަފީދު ވިދާޅުވިއެވެ.

ރަފީއު ހާމަކުރެއްވިގޮތުގައި އޭނާ އަންނަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ވިލިމާލޭގައި 2002 ވަނަ އަހަރުން ފެށިގެން ކޭބަލް ޓީވީގެ ހިދުމަތް ފޯރު ކޮށްދެމުންނެވެ. އަދި މި ހިދުމަތް ދެމުން އައީ އުންމީދު ތަކަކާއެކު ކަން އޭނާ ފާހަގަކުރެއްވިއެވެ.

“އޭތި ބަދަލުވެގެން މިދިޔައީ މުޅިން އެހެން ގޮތަކަށް. އަޅުގަނޑުމެންނަށް ކޮމްޕީޓް ނުކުރެވޭ ވަރުގެ ބަޔަކާ އެއްކޮށް ކޮމްޕީޓް ކުރަން ޖެހުން. އަޅުގަނޑުމެން މި ހިދުމަތް ފެށިއިރު، ސަރުކާރުން ސާދާ ހުވާތަކެއް ކުރި. އޭރު ބުނި ދިވެހިންނަށް އެކަންޏޭ މި ހިދުމަތުގައި ކުރިޔަށް ދާން ފުރުސަތު ދޭނީ. ބޭރު ބަޔަކާ ވާދަ ކުރަން ނުޖެހޭނެއޭ. އެކަމަކު މިހާރު މިޖެހުނީ ދިރާގާ ވާދަކުރަން. އެމީހުންގެ މެޖޯރިޓީ ހިއްސާ އޮތީ ބާރުގަދަ ބޭރުބައެއްގެ އަތްމަތީގަ.” ރަފީއު ވިދާޅުވިއެވެ.

ކޭބަލް ޓީވީ އޮޕަރޭޓަރުންގެ މައިގަނޑު ކަންބޮޑުވުމެއްގެ ގޮތުގައި މި ޕެޓިޝަންގައި ފާހަގަކޮށްފައިވަނީ ސިނާއަތުގެ ވާދަވެރިކަން ގެއްލި، އެއް ކުންފުންޏެއްގެ ދަށަށް މުޅި ސިނާއަތް ދިޔުމުގެ ބިރު އޮތް ވާހަކައެވެ. އެގޮތުން އެފަރާތްތަކުން މިހާރު ހިދުމަތް ފޯރުކޮށްދެނީ މީޑިއާނެޓާއި އެކީ ވެވިފައިވާ ޕާޓްނަރޝިޕް އެއްބަސްވުމެއްގެ ދަށުން، ދެފަރާތަށް މަންފާ ވާގޮތަށް ކަމަށް ބުނެފައިވެއެވެ. ނަމަވެސް މިހާރު މި ވިޔަފާރިވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ ދިރާގުން މި ސިނާއަތުގެ ތެރެއަށް ވަދެ، ހިދުމަތްދޭން ފެށުމެވެ. އެގޮތުން ދިރާގުން ދަނީ އެކުންފުނީގެ އިންޓަރނެޓް ހިދުމަތްތަކާއި ބަންޑަލް ކޮށްގެން ކޭބަލްޓީވީ ހިދުމަތްތައް ދެމުންނެވެ. މިފަދައިން މިކަން ވަމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން މުޅި ސިނާއަތުގެ ވާދަވެރިކަން ގެއްލި، އެއްކުންފުންޏެއްގެ ދަށަށް މުޅި ސިނާއަތް ދާނެ ކަމަށް ޕެޓިޝަނުގައި ބުނެފައިވެއެވެ.

“އަޅުގަނޑުމެންގެ ވިޔަފާރީގެ ތެރެއަށް ދިރާގުން ވަނީ އަޅުގަނޑުމެންގެ ވިޔަފާރި ފުނޑާލުމަށޭ ބުނެވޭ ފަދަ ގޮތަކަށް އެމީހުންގެ އަމަލުތައް ހުންނަނީ. ޕްރޮމޯޝަންތައް ވެސް އިންތިހާއަށް. އަދި އަގުތައްވެސް ހުންނަނީ އަޅުގަނޑުމެންނަށް ނުއުފުލޭ ވަރަށް ކުޑަކޮށްފަ.” ޕެޓިޝަންގައި ބުނެފައިވެއެވެ.

ޕެޓިޝަނުގައި، ކޭބަލް އޮޕަރޭޓަރުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދައިދިނުމަށް އެކަށައަޅަންޖެހޭ ސިޔާސަތުތަކާއި، އަޅަން ޖެހޭ ފިޔަވަޅުތައް ވީ އެންމެ އަވަހަކަށް އަޅައިދިނުމަށް ވަނީ އެދިފައެވެ. އަދި ރައީސް ސޯލިހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒު އިސްމާއިލަށްވެސް ޕެޓިޝަން ހުށަހަޅާފައިވެއެވެ.

މިއީ ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ގާނޫނު ތަސްދީގު ވީ ފަހުން ބިޔަ ބޮޑު ކުންފުންޏަކާ ދެކޮޅަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިން ރައީސް އޮފީހަށް ޕެޓިޝަނެއް ހުށަހެޅި ފުރަތަމަ ފަހަރެވެ. މި ގާނޫނު ބުނާގޮތުން ވާދަވެރި އެހެން ވިޔަފާރި ހިންގާ ފަރާތެއްގެ ވިޔަފާރި ނައްތާލުމުގެ ގޮތުން ކުރެވޭ ކަންކަމަކީ ޣައިރު ގާނޫނީ އަމަލުތަކެވެ. އަދި އެފަދަ މައްސަލަތައް ބެލުމަށް އިކޮނިމިކް މިނިސްޓްރީގެ މައްޗަށް މި ގާނޫނު ލާޒިމް ކުރެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button