ރިޕޯޓްސިޔާސީ

ކޭބަލް ޓީވީ އޮޕަރޭޓަރުންގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް

ރާއްޖޭގައި ކޭބަލް ޓީވީގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް އައިސްފިއެވެ.

ކޭބަލް ޓީވީ އޮޕަރޭޓަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބި ގިނަ ދުވަސްވުމުން، އެމައްސަލަތައް ފާހަގަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒު އިސްމާއިލަށް ޕެޓިޝަނެެއް ހުށަހެޅީ މި އަހަރުގެ ޖޫން މަހުގެ 6 ވަނަ ދުވަހުގައެވެ.

އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ގެއްލުންވާ ގޮތަށް މުވާސަލާތީ ކުންފުނިތަކުން ހިންގާ އަމަލުތައް ހުއްޓުވުމަށް، ފިޔަވަޅު އެޅުމަށް ވަނީ ހުށަހަޅާފައެވެ. އެއީ ކޮމިނިއުނިކޭޝަން، ޓެކްނޮލިޖީ އަދި ސައިންސްގެ ދާއިރާގައި ރާއްޖޭގެ ހާލަތު ދެނެގަތުމަށް މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ހެދި ދިރާސާގެ މައްޗަށް އެކުލެވޭ ރިޕޯޓެވެ. އެ ރިޕޯޓު އިއްޔެގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.

މި ރިޕޯޓުގައި ކޮމިއުނިކޭޝަނާ ގުޅޭގޮތުން ޖުމްލަ 6 ކަމެއް ހުށަހަޅާފައިވެއެވެ. އެއީ؛

  1. ޓެލެކޮމިއުނިކޭޝަންދޭ ބޮޑެތި ކުންފުނިތަކަކީ އެފަރާތްތަކުން ދޭ ހިދުމަތްތަކުގައި ނުވަތަ ހިދުމަތްތައް ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި، އެ މަސައްކަތް ކުރާ ކުދި ވިޔަފާރިތަކަށް އެެހީތެރިވެދިނުމާއި، ވިޔަފާރީގެ ވާދަވެރިކަމަށް ހުރަސްއަޅާ އަމަލުތަކާއި، ވިޔަފާރީގައި ހިންގޭ ބޭއިންސާފު މުއާމަލާތް ހުޓުވައި މަނާކުރުން.
  2. ކުދި ވިޔަފާރިތަކަށް އުނދަގޫވާގޮތަށް ބޮޑެތި ކުންފުނިތަކުން އަޅަމުންދާ ހުރަސްތައް ހުއްޓުވުން
  3. ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އިން އެކުލަވާލަންޖެހޭ ގަވައިދުތައް ނެހެދިފައިވާތީ އެކަން ކުރުމަށް ބާރު އެޅުން.
  4. މި ދާއިރާގައި ދުނިޔެ ހޯދަމުންދާ ކުރިއެރުންތަކާއެކު، އަލަށް އުފެދިފައިވާ ޒަމާނީ ހިދުމަތްތައް ރާއްޖެއަށް ގެނައުމަށް ބާރުއެޅުމާއި، އެކަންކަމާ ގުޅޭގޮތުން ގާނޫނުތަކާއި ގަވައިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން.
  5. އާންމުންނަށް އެންމެ ފައިދާހުރި ގޮތަށް، ވާދަވެރި މާހައުލެއްގައި ފްރިކުއެންސީތައް ދޫކުރުމާއި މެނޭޖު ކުރުން.
  6. އާމްދަނީ އިތުރުކޮށް، ރާއްޖޭގައި ދެވޭ ހިތުމަތްތަކުގެ އަގު ހެޔޮކުރުމަށް ބާރު އެޅުން. މިއެވެ.

ކޭބަަލް ޓީވީ އޮޕަރޭޓަރުންގެ މައިގަނޑު ކަންބޮޑުވުމަކީ ސިނާއަތުގެ ވާދަވެރިކަން ގެއްލި، އެއް ކުންފުންޏެއްގެ ދަށަށް މުޅި ސިނާއަތް ދިޔުމުގެ ބިރު އޮތް ކަމެވެ. އެގޮތުން އެފަރާތްތަކުން މިހާރު ހިދުމަތް ފޯރުކޮށްދެނީ މީޑިއާނެޓާއެކު ވެވިފައިވާ ޕާޓްނަރޝިޕް އެއްބަސްވުމެއްގެ ދަށުން، ދެފަރާތަށް މަންފާ ވާގޮތަށެވެ. އެކަމަކު މިހާރު އެ ވިޔަފާރިވެރިންގެ މައިގަނޑު ކަންބޮަޑުވުމަކީ ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް (ދިރާގުން) މި ސިނާއަތުގެ ތެރެއަށް ވަދެ، ހިދުމަތްދޭ ގޮތެވެ. އެގޮތުން ދިރާގުން ދަނީ އެކުންފުނީގެ އިންޓަރނެޓް ހިދުމަތްތަކާއި ބަންޑަލް ކޮށްގެން ކޭބަލް ޓީވީ ހިދުމަތްތައް ދެމުންނެވެ. މިފަދައިން މިކަން ވަމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން މުޅި ސިނާއަތުގެ ވާދަވެރިކަން ގެއްލި، އެއް ކުންފުންޏެއްގެ ދަށަށް މުޅި ސިނާއަތް ދާނެ ކަމަށް ކޭބަލް ޓީވީ އޮޕަރޭޓަރުންގެ ޕެޓިޝަނުގައިވެސް ބުނެފައިވެއެވެ.

“އަޅުގަނޑުމެންގެ ވިޔަފާރީގެ ތެރެއަށް ދިރާގުން ވަނީ އަޅުގަނޑުމެންގެ ވިޔަފާރި ފުނޑާލުމަށޭ ބުނެވޭ ފަދަ ގޮތަކަށް އެމީހުންގެ އަމަލުތައް ހުންނަނީ. ޕްރޮމޯޝަންތައް ވެސް އިންތިހާއަށް. އަދި އަގުތައްވެސް ހުންނަނީ އަޅުގަނޑުމެންނަށް ނުއުފުލޭ ވަރަށް ކުޑަކޮށްފަ.” ހއ.ހޯރަފުށީގެ ކޭބަލް އޮޕަރޭޓަރ އަހްމަދު ފާއިޒް “ބޮންތި” އާއި ވާހަކަ ދައްކަމުން ބުނެފައިވެއެވެ.

ދިރާގަކީ މެޖޯރިޓީ ހިއްސާ ބޭރުގެ ކުންފުންޏަކަށް އޮންނަ ތަނެއް ކަމަށާއި، ރަށްރަށުން ހޯދާ ފައިސާ ރާއްޖެއިން ބޭރުވާތީ އެކަމުގެ ކަންބޮަޑުވުންވެސް ފާއިޒްވަނީ ފާހަގަކޮށްފައެވެ.

މިއީ ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ގާނޫނު ތަސްދީގު ވީ ފަހުން ބިޔަ ބޮޑު ކުންފުންޏަކާ ދެކޮޅަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިން ރައީސް އޮފީހަށް ޕެޓިޝަނެއް ހުށަހެޅި ފުރަތަމަ ފަހަރެވެ. މި ގާނޫނު ބުނާގޮތުން ވާދަވެރި އެހެން ވިޔަފާރި ހިންގާ ފަރާތެއްގެ ވިޔަފާރި ނައްތާލުމުގެ ގޮތުން ކުރެވޭ ކަންކަމަކީ ޣައިރު ގާނޫނީ އަމަލުތަކެވެ. އަދި އެފަދަ މައްސަލަތައް ބެލުމަށް އިކޮނިމިކް މިނިސްޓްރީގެ މައްޗަށް މި ގާނޫނު ލާޒިމް ކުރެއެވެ.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button