ޚަބަރު

މި ތިބީ ރައީސަށް ފޮނުވި ޕެޓިޝަންގެ ނަތީޖާގެ އިންތިޒާރުގަ: ކޭބަލް ޓީވީ އޮޕަރޭޓަރުން

ދިރާގާއި ދެކޮޅަށް 100 ކޭބަލް ޓީވީ އޮޕަރޭޓަރުންގެ ސޮޔާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހެޅި ޕެޓިޝަންގެ ނަތީޖާއަށް އިންތިޒާރު ކުރަމުން އަންނަ ކަމަށް އެ ފަރާތްތަކުން ބުނެފިއެވެ.

ކޭބަލް ޓީވީގެ ހިދުމަތް ފޯރުކޮށްދެމުން ގެންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން ދިރާގާއި ދެކޮޅަށް ރައީސް ސޯލިހަށް ޕެޓިޝަން ހުށަހެޅީ މި އަހަރުގެ ޖޫން މަހުގެ 6 ވަނަ ދުވަހުގައެވެ.

ސިނާއަތުގެ ވާދަވެރިކަން ގެއްލި، ދިރާގުގެ ދަށަށް މުޅި ސިނާއަތް ދިޔުމުގެ ބިރު އޮތް ކަން ފާހަގަކޮށްފައިވާ މި ޕެޓިޝަން މިހާރު އޮތީ ދިރާސާ ކުރުމަށް ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލްގައެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ”ބޮންތި“ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޕެޓިޝަންގައި ފާހަގަކޮށްފައި ހުރި ކަންކަމާ ގުޅޭގޮތުން ކުރަން ޖެހޭ ދިރާސާތައް ރައީސް އޮފީހުގެ ލީގަލް އިން މީގެ ދުވަސްތަކެއް ކުރިން ކޮށްފައިވާ ކަމަށެވެ.

”ދެން މިހާރު ޕެޓިޝަން އޮތީ ދިރާސާ ކުރުމަށް އިކޮނޮމިކް ކައުންސިލްގަ އިނގޭތޯ. ކުރިޔަށް ދާ ވަރަކުން އިތުރު މައުލޫމާތު ދޭނަން.“ މަބްރޫކް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ފައިބަރ ނެޓް ވޯކުގެ މެނޭޖިން ޑިރެކްޓަރ ރަފީއު ”ބޮންތި“ އަށް ވިދާޅުވީ ސަރުކާރުން މި މައްސަލަ ވަރަށް ރަނގަޅަށް ބަލަން ޖެހޭނެ ކަމަށެވެ.

”އަޅުގަނޑުމެންނަށް މިހާރު ހަބަރު ލިބެމުންދާގޮތުގައި މިކަންތައް ވަރަށް ސީރިއަސްކޮށް ސަރުކާރުން އެބަ ބަލާ. އަޅުގަނޑުމެން 100 ކުދި ވިޔަފާރިވެރިންގެ އުންމީދަކީ މި ޕެޓިޝަނުގެ ރަނގަޅު ނަތީޖާ ލިބުން. ސަރުކާރުން ކުދި ވިޔަފާރިތަކަށް ދެރަގޮތެއް ނަހަދާނެ ކަމަށް އުންމީދު ކުރަން.“ ރަފީދު ވިދާޅުވިއެވެ.

ރަފީއު ހާމަކުރެއްވިގޮތުގައި އޭނާ އަންނަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ވިލިމާލޭގައި 2002 ވަނަ އަހަރުން ފެށިގެން ކޭބަލް ޓީވީގެ ހިދުމަތް ފޯރު ކޮށްދެމުންނެވެ. އަދި މި ހިދުމަތް ދެމުން އައީ އުންމީދު ތަކަކާއެކު ކަން އޭނާ ފާހަގަކުރެއްވިއެވެ.

”އޭތި ބަދަލުވެގެން މިދިޔައީ މުޅިން އެހެން ގޮތަކަށް. އަޅުގަނޑުމެންނަށް ކޮމްޕީޓް ނުކުރެވޭ ވަރުގެ ބަޔަކާ އެއްކޮށް ކޮމްޕީޓް ކުރަން ޖެހުން. އަޅުގަނޑުމެން މި ހިދުމަތް ފެށިއިރު، ސަރުކާރުން ސާދާ ހުވާތަކެއް ކުރި. އޭރު ބުނި ދިވެހިންނަށް އެކަންޏޭ މި ހިދުމަތުގައި ކުރިޔަށް ދާން ފުރުސަތު ދޭނީ. ބޭރު ބަޔަކާ ވާދަ ކުރަން ނުޖެހޭނެއޭ. އެކަމަކު މިހާރު މިޖެހުނީ ދިރާގާ ވާދަކުރަން. އެމީހުންގެ މެޖޯރިޓީ ހިއްސާ އޮތީ ބާރުގަދަ ބޭރުބައެއްގެ އަތްމަތީގަ.“ ފާއިޒް ވިދާޅުވިއެވެ.

ކޭބަލް ޓީވީ އޮޕަރޭޓަރުންގެ މައިގަނޑު ކަންބޮޑުވުމެއްގެ ގޮތުގައި މި ޕެޓިޝަންގައި ފާހަގަކޮށްފައިވަނީ ސިނާއަތުގެ ވާދަވެރިކަން ގެއްލި، އެއް ކުންފުންޏެއްގެ ދަށަށް މުޅި ސިނާއަތް ދިޔުމުގެ ބިރު އޮތް ވާހަކައެވެ. އެގޮތުން އެފަރާތްތަކުން މިހާރު ހިދުމަތް ފޯރުކޮށްދެނީ މީޑިއާނެޓާއި އެކީ ވެވިފައިވާ ޕާޓްނަރޝިޕް އެއްބަސްވުމެއްގެ ދަށުން، ދެފަރާތަށް މަންފާ ވާގޮތަށް ކަމަށް ބުނެފައިވެއެވެ. ނަމަވެސް މިހާރު މި ވިޔަފާރިވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ ދިރާގުން މި ސިނާއަތުގެ ތެރެއަށް ވަދެ، ހިދުމަތްދޭން ފެށުމެވެ. އެގޮތުން ދިރާގުން ދަނީ އެކުންފުނީގެ އިންޓަރނެޓް ހިދުމަތްތަކާއި ބަންޑަލް ކޮށްގެން ކޭބަލްޓީވީ ހިދުމަތްތައް ދެމުންނެވެ. މިފަދައިން މިކަން ވަމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން މުޅި ސިނާއަތުގެ ވާދަވެރިކަން ގެއްލި، އެއްކުންފުންޏެއްގެ ދަށަށް މުޅި ސިނާއަތް ދާނެ ކަމަށް ޕެޓިޝަނުގައި ބުނެފައިވެއެވެ.

“އަޅުގަނޑުމެންގެ ވިޔަފާރީގެ ތެރެއަށް ދިރާގުން ވަނީ އަޅުގަނޑުމެންގެ ވިޔަފާރި ފުނޑާލުމަށޭ ބުނެވޭ ފަދަ ގޮތަކަށް އެމީހުންގެ އަމަލުތައް ހުންނަނީ. ޕްރޮމޯޝަންތައް ވެސް އިންތިހާއަށް. އަދި އަގުތައްވެސް ހުންނަނީ އަޅުގަނޑުމެންނަށް ނުއުފުލޭ ވަރަށް ކުޑަކޮށްފަ.” ޕެޓިޝަންގައި ބުނެފައިވެއެވެ.

މި ޕެޓިޝަނުގައި، ކޭބަލް އޮޕަރޭޓަރުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދައިދިނުމަށް އެކަށައަޅަންޖެހޭ ސިޔާސަތުތަކާއި، އަޅަން ޖެހޭ ފިޔަވަޅުތައް ވީ އެންމެ އަވަހަކަށް އަޅައިދިނުމަށް ވަނީ އެދިފައެވެ. އަދި ރައީސް ސޯލިހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒު އިސްމާއިލަށްވެސް ޕެޓިޝަން ހުށަހަޅާފައިވެއެވެ.

މިއީ ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ގާނޫނު ތަސްދީގު ވީ ފަހުން ބިޔަ ބޮޑު ކުންފުންޏަކާ ދެކޮޅަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިން ރައީސް އޮފީހަށް ޕެޓިޝަނެއް ހުށަހެޅި ފުރަތަމަ ފަހަރެވެ. މި ގާނޫނު ބުނާގޮތުން ވާދަވެރި އެހެން ވިޔަފާރި ހިންގާ ފަރާތެއްގެ ވިޔަފާރި ނައްތާލުމުގެ ގޮތުން ކުރެވޭ ކަންކަމަކީ ޣައިރު ގާނޫނީ އަމަލުތަކެވެ. އަދި އެފަދަ މައްސަލަތައް ބެލުމަށް އިކޮނިމިކް މިނިސްޓްރީގެ މައްޗަށް މި ގާނޫނު ލާޒިމް ކުރެއެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button