ޚަބަރު

ފުއްގިރި މައްސަލަ: ރައީސް ޔާމީންގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ދަޢުލަތަށް ލިބެންޖެހޭ ފައިސާއިން މަންފާ ނެންގެވިކަމުގެ ތުހުމަތުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން ކުރާ ދަޢުވާތަކުގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި އެވެ.

މާދަމާ ހެނދުނު 09:00 އަށް އަޑުއެހުން ތާވަލުކޮށްފައިވާއިރު، މި މައްސަލައިގައި މި ފަހުން ތާވަލު ކުރި ހަ އަޑުއެހުމެއް ވަނީ ޖެހިޖެހިގެން ކެންސަލްވެފަ އެވެ. މި މައްސަލައިގައި އިއްޔެ ބާއްވަން ތާވަލްކުރި އަޑުއެހުންވެސް ދަޢުލަތުގެ ހެކިވެރިން ހުށަނޭޅިގެން ވަނީ ކެންސަލް ވެފައެވެ.

ފުއްގިރި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ގެ ހެކި ބަސް ވަނީ ނަގާފައެވެ. އޭނާއަކީ ފުއްގިރި ކުއްޔަށް ނެގުމުގައި ދުބާއީ ކުންފުނީގެ ރާއްޖޭގެ މަންދޫބެވެ.

ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެން ރައީސް ޔާމިންގެ މައްޗަށް ދަޢުލަތުން އުފުލާފައިވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދަޢުވާއެވެ.

ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދަޢުލަތުން ކުރާ ދަޢުވާތަކުގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ފުލުފުލުގައި ޝަރީޢަތްތައް ވަނީ ތާވަލްކޮށްފައެވެ. މިއާއިއެކު ހައި ކޯޓުގައި ހިނގަމުންދިޔަ ރައީސް ޔާމީންގެ އިސްތިޢުނާފް މައްސަލަ ހުއްޓުމަކަށް އައިސްފައިވާތީ އިދިކޮޅު ކޯލިޝަނުން ދަނީ ކަންބޮޑުވުން ފާޅުކޮށް އިސްތިޢުނާފް އަވަސްކުރުމަށް ޖުޑީޝަރީއަށް ގޮވާލަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button