ފުއްގިރި މައްސަލައިގަ ރައީސް ޔާމީންގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފި
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅުވާ އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ ދަޢުވާތަކާއި ގުޅޭ ޝަރީއަތުގެ އަޑުއެހުމެއް މާދަމާގެ ހެނދުނު 9:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.
ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެން ރައީސް ޔާމިންގެ މައްޗަށް ދަޢުލަތުން އުފުލާފައިވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދަޢުވާއެވެ.
އެ ދަޢުވާތައް ސާބިތުކޮށްދިނުމަށް ދައުލަތުން ހުށައަޅާ ޝަފަވީ ހެކިންގެ ހެކިބަސް ނެގުމުގެ މަރުޙަލާ މިހާރު ކުރިއަށްދާއިރު، މިހާތަނަށް 6 ފަރާތެއްގެ ހެކިބަސް ވަނީ ނަގާފައެވެ. އޭގެތެރޭގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ކުށް ސާބިތުވެފައިވާ ކުރީގެ ނައިބުރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހިމެނެއެވެ.
ރައީސް ޔާމިނާއި ދެކޮޅަށް އަދީބާއި ޒިޔަތުގެ ހެކިބަސް ނުނެގޭނެ ކަމަށާއި، އެ ދެމީހުންނަކީވެސް ރައީސް ޔާމިނުގެ ޢަދާވާތްތެރިންކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުން ވަނީ ފާހަގަކުރައްވާފަ އެވެ. އެހެން ނަމަވެސް ދަޢުލަތުން ބުނީ މި މައްސަލައިގައި ދަޢުލަތުން ރައީސް ޔާމިނުގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް ސާބިތުކުރުމަށް އަދީބާއި ޒިޔަތުގެ ހެކިބަސް ނޫން އިތުރު ކާފީ ހެއްކެއް ނެތުމުން، އެ ދެމީހުންގެ ހެކިބަސް ބަލައިގަންނަން ޖެހޭ ކަމަށެވެ.
ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދަޢުލަތުން ކުރާ ދަޢުވާތަކުގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ފުލުފުލުގައި ޝަރީޢަތްތައް ވަނީ ތާވަލްކޮށްފިއެވެ.
ރައީސް ޔާމީންގެ މައްޗަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅުވާ ދަޢުލަތުން ކޮށްފައިވާ ދަޢުވާތަކުގެ އަޑުއެހުންތައް ޖުލައި މަހުގެ 2، 4، 6، 9، 11، އަދި 13 ވަނަ ދުވަހަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލް ކޮށްފައެވެ.