
ކަފާލާތުގެ ދަށުން އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް މިނިވަންކޮށްދިނުމަށް ހައިކޯޓުގައި އެދިވަޑައިގަންނަވާނެކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލު އަދި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑރ.މުހައްމަދު ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރު ދުވަހުގެ ޖަލު ހުކުމް އިސްތިއުނާފް ކުރުމަށް އަންނަ ހަފްތާގައި ހައިކޯޓަށް ހުށަހަޅާނެކަމަށާއި އަދި އިންތިހާބީ ހައްގުން އެމަނިކުފާނު މަހްރޫމްވެވަޑައިގެން ހުންނަވަން ނުޖެހޭނެކަމަށެވެ.
މައްސަލަ އިސްތިއުނާފް ނުކުރެވި ލަސްވެގެން ދިޔައީ ޝަރީއަތް ނިމުނު ގޮތުގެ ތަފްސީލީ ރިޕޯޓު ނުލިބިގެން ކަމަށާއި ފަނޑިޔާރު އިއްވި ހުކުމުގެ ހުލާސާ ރިޕޯޓު ލިބުނީ ހުކުމް ކުރިތާ އެތައް ގަޑިއިރެއްވީ ފަހުން ކަމަށްވެސް ވިދާޅުވިއެވެ. އަދި ދެ ހަފްތާ ފަހުން ރިޕޯޓު ލިބުނު އިރު އޭގައިވެސް ބައިވަރު މައްސަލަތައް ހުރިކަން ފާހަގަކުރެއްވިއެވެ.
”މި ފެށޭ ހަފްތާގެ ތެރޭގައި މި ގަބޫލުކުރަނީ އިސްތިއުނާފު ކުރިއަށް ގެންދެވޭނެ ކަމަށް“ޑރ. ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ ހައިކޯޓުން މަހެއް ނުވަތަ ދޮޅުމަހެއްހާ ދުވަހުން ރައީސް ޔާމީންގެ މައްސަލަ ބައްލަވައި ނިމޭނެކަމަށާއި އާއްމުގޮތެއްގައި އިސްތިއުނާފީ ކޯޓުތަކުގައި ބާއްވަން ޖެހޭނީ ދޭއް ނުވަތަ ތިން އަޑުއެހުން ކަމުގައެވެ.
ސަރުކާރުން ޖުޑިޝަރީއަށް ބާރުފޯރުވައި މީގެ ކުރިންވެސް ރައީސް ޔާމީންގެ މައްސަލަ ވަނީ ހައިކޯޓުން އަހަރެއްހާ ދުވަހަށް ދިގު ދައްމާލާފައެވެ.
ވައްކަން ކުރީމާ ޖަލަށްލާން ޖެހެއެވެ. އެހެރަ ހަދަމުންދާ ގަޑުވަރު ދިވެހިންގެ މިލްކަކަށް ވާނެ ދުވަހުގެ އިންތިޒާރުގައި އެތަށް ބަޔަކު އެބަތިއްބެވެ.