ޚަބަރުސިޔާސީ

ރައީސް ޔާމިންއަށް މިސަރުކާރުން ދެމުންދާ އަނިޔާތައް އިންތިހާއަށް ގޮސްފި: ޑރ. މުޢިއްޒު

 އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އާއިމެދު މިސަރުކާރުން ދެމުންގެންދާ އަނިޔާތައް އިންތިހާއަށް ގޮސްފައިވާކަމަށް ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެެވެ.
ޑރ. މުޢިއްޒު މިފަދައިން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ދަޢުލަތުން ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދަޢުވާގެ ޝަރީއަތް އިއްޔެ 13 ގަޑިއިރަށް ކުރިއަށް ގެންދިއުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.
13 ގަޑިއިރަށް ދިގު ދަންމާލި ރައީސް ޔާމީންގެ ޝަރީޢަތް ޑރ. މުޢިއްޒު ސިފަކުރެއްވީ ރައީސް ޔާމީން އައި މެދު ރައްޔިތުންގެ ހިތްތަކުގައި އޮތް ލޯބި ފިލުވާލެވޭނެކަމަށް ހީކޮށް ސަރުކާރުން ހިންގެވި ފިނޑި ޢަމަލެއްގެ ގޮތުގައެވެ.
ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އާއިމެދު މިސަރުކާރުން ދެމުންގެންދާ އަނިޔާތައް އިންތިހާއަށް ގޮސްފައިވާކަމަށާއި، އެ ނާތަހުޒީބު ފިނޑި ޢަމަލު ތަކުން އިރާދަކުރެއްވިއްޔާ ރައީސް ޔާމީންއަށް އޮތް ތާއީދު ދަނީ އިތުރުވަމުން ކަމަށް ޑރ. މުޢިއްޒު ގެ ޓްވީޓްގައި ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އިސްތިޢުނާފު މައްސަލަ މަދު ޖައްސާލުމަށްފަހު ދަށު ކޯޓުގައި ހިނގަމުންދާ ފުއްގިރި މައްސަލައާއި ގުޅޭ ޝަރީޢަތްތައް ދިގުދަންމަމުންދާތީ އިދިކޮޅުގެ ލީޑަރޝިޕާއި އެކު ރައީސް ޔާމީންގެ ސަޕޯޓަރުން މިއަދު ވަނީ ރައީސް އޮފީސް ހިމެނޭ ސަރަޙައްދުގައި އަޑު އުފުލާ ނުރުހުން ފާޅުކޮށްފައެވެ. އަދި އެކަމާގުޅިގެން މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލް މެމްބަރު އަހުމަދު އައިފާން އާއި އިތުރު ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.

ރައީސް ޔާމީންގެ ޝަރީޢަތްތައް ދިގު ދެންމުމާއި، މަޖިލިސް ހުއްޓުވާފައި އޮތްއޮތުމާއި ގުޅިގެން ރައްޔިތުންގެ ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ރައީސުލް ޖުމްހޫރިއްޔާ އާއި ހިއްސާކުރުމަށް އިދިކޮޅު ލީޑަރޝިޕުން މިއަދު ވަނީ ރައީސް އޮފީހަށް ވަޑައިގަންނަވާފައެވެ. އަދި އެ ފުރުޞަތު ސަރުކާރުން ދީފައި ނުވާ ކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކުން ވަނީ ޖޭއެސްސީ އަށްވެސް ވަޑައިގަންނަވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button