
އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީނާމެދު ސަރުކާރުން ނިޒާމުގެ ތެރެއިން އަނިޔާވެރިވަމުން ދާކަމަށްބުނެ އެކަމުގެ ކަންބޮޑުވުންތައް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އާ ހިއްސާކުރެއްވުމަށް އިދިކޮޅު ލީޑަރޝިޕުން މިއަދު އެޗްއާރުސީއެމަށް ވަޑައިގަތުމުން އެ ބޭފުޅުންނާ ބައްދަލުނުކުރައްވައި ކޮމިޝަނުގެ މެންބަރުން ފިއްލަވައިގެން ވަލު ދޮރާށިން ގެއަށް ވަޑައިގެންފިއެވެ.
ރައީސް ޔާމީންގެ މައްޗަށް ދަޢުވާކުރާ ރ.ފުއްގިރި ކުއްޔަށް ދިނުމާ ގުޅޭ މުޢާމަލާތާ ގުޅިގެން ދަށުކޯޓުގައި ހިންގަމުންދާ ޝަރީޢަތް 13 ގަޑިިއިރަށް ދަންމާލުމުން އިދިކޮޅު ލީޑަރޝިޕާއި އިދިކޮޅު ކޯލިޝަންގެ މެމްބަރުން އަދި ރައީސް ޔާމީންގެ ސަޕޯޓަރުން ދަނީ ކަންބޮޑުވުން ފާޅުކޮށް ކަމާއި ގުޅުންހުރި މުއައްސަސާތައް ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރަމުންނެވެ.
ރައީސް ޔާމީންގެ ޝަރީޢަތުގެ އަޑުއެހުންތައް މެދުކެނޑުމެއް ނެތި ފަޓާސްބަރިއެއްހެން ބާއްވަމުން ދާތީ އެކަމުގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް އިދިކޮޅުގެ މަޖިލިސް މެންބަރުންނާއި ލީޑަރުން އަދި އެ ކޯލިޝަންގެ އާންމުމެމްބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޖޭއެސްސީ އަދި އެޗްއާރުސީއެމްއަށް ވަޑައިގަންނަވާފައެވެ. ޖޭއެސްސީގެ މެމްބަރުން އިދިކޮޅާއި ބައްދަލުކުރެއްވިއެވެ. އެހެން ނަމަވެސް އިއްޔެ ރައީސުލް ޖުމްހޫރިއްޔާވެސް އިދިކޮޅު ލީޑަރޝިޕާއި ބައްދަލު ނުކުރައްވާ އީމެއިލް އެޑްރެސްއެއް ދެއްވުމަށްފަހު ވަޑައިގެންނެވީއެވެ. އަދި މިއަދު އިދިކޮޅުން އެޗްއާރުސީއެމްއަށް ވަޑައިގެންނެވުމުން އެތަނުގެ ވެރިންވެސް ކޮމިޝަނުގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް އެދިވަޑައިގެން އެތަނުގައި ތިއްބަވާތާ 4 ގަޑިއިރުވީއިރުވެސް އެއްވެސް ބޭފުޅަކު އެ ބޭފުޅުންނާ ބައްދަލު ނުކުރައްވާ ވަޑައިގެންނެވީއެވެ.
މިކަމާއި ގުޅޭގޮތުން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ވިދާޅުވީ ކޮމިޝަނުގެ މެންބަރުންނާ ބައްދަލުކުރެއްވުމުގެ އިންތިޒާރުގައި އިދިކޮޅުގެ ލީޑަރުން ކޮމިޝަނުގައި ތިއްބަވާތާ 4 ގަޑިއިރުވީ ފަހުން ކޮމިޝަނުގެ މެންބަރުން ރަސްމީ ގަޑި ނިމުމުން އޮފީހުން ވަޑައިގެންނެވީ ބައްދަލުކުރައްވައި އިދިކޮޅުގެ ޝަކުވާތައް އަޑުނާއްސަވާ ކަމަށެވެ.
Our coalition leadership has been forced to wait at the Human Rights Commission of Maldives since 12:45 noon & while @hrcmv refuses to meet our leadership, the police is denying entry& exit to HRCM. Our leadership has also been denied access to drinking water and the restroom. pic.twitter.com/fGFUctxusE
— Progressive Party of Maldives (@ProgressPartyMV) June 14, 2023
އެޗްއާރްސީއެމްގެ މެމްބަރުން އެފަދައިން ޢަމަލުކުރެއްވުމުން އިދިކޮޅު ކޯލިޝަނުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާ ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި ބުނީ އެކޯލިޝަންގެ ލީޑަރޝިޕުން އެޗްއާރްސީއެމަށް ވަޑައިގަތުމުން ކޮމިޝަންގެ މެންބަރުންގެ ފަރާތުން ފެނިގެންދިޔަ ލާއިންސާނީ ޢަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި ހަވާލުކުރެވިފައިވާ ޒިންމާ އަދާނުކުރެވޭތީ އެޗްއާރުސީއެމްގެ މެމްބަރުން ވަގުތުން އިސްތިއުފާ ދެއްވުމަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލާފައެވެ.