ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙުގެ ވެރިކަން ނިންމުމުގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއްބަސްވެވަޑައިންނަވާ ކެނޑިޑޭޓް ކަމުގައި ހަމަޖެއްސެވުމަކީ އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން އެދޭ ގޮތް ކަމުގައި އެޕާޓީއިން ބުނެފިއެވެ.
އިދިކޮޅުން މިކަން ހާމަކޮށްފައިވަނީ ސަރުކާރާއި ދެކޮޅު 3 ޕާޓީއަކުން މިއަދު ބައްދަލުވެ އިބްރާހީމް މުޙައްމަދު ޞޯލިޙުގެ ވެރިކަން ނިންމުމުގައި ޕީޕީއެމް އެއްބަސްވާނަމަ އެއް ކެނޑިޑޭޓަކު ނެރުމަށް އެއްބަސްވާ ކަމަށް ވިދާޅުވެ މީޑިއާތަކަށް ދެއްވާފައިވާ މަޢުލޫމާތާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސް ބަޔާނެއްގައެވެ.
”އިބްރާހީމް މުޙައްމަދު ޞޯލިޙުގެ ވެރިކަން ނިންމުމުގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަކީ ޕާޓީތަކުން އެއްބަސްވެވަޑައިންނަވާ ކެނޑިޑޭޓް ކަމުގައި ހަމަޖެއްސެވުމަކީ މިޕާޓީން އެދޭ ގޮތެވެ. އަދި އިބްރާހީމް މުޙައްމަދު ޞޯލިޙުގެ ވެރިކަން ނިންމުމުގައި ޕާޓީތަކުން ގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތަށް މިކޯލިޝަނުން މަރުޙަބާ ކިޔައި ޝުކުރު ދަންނަވަމެވެ.“ އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ.
އެބަޔާނުގައި އިތުރަށް ބުނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަމުގައި ނިންމާފައިވަނީ 2022 ޖުލައި 31 ވަނަ ދުވަހު ޕީޕީއެމް އަދި ޕީއެންސީގެ ސެނެޓްގެ އިއްތިފާޤުން ކަމަށެވެ. އަދި 2022 އޯގަސްޓް 19 ވީ ހުކުރު ދުވަހުގެ ރޭ ކާނިވަލްގައި ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީނަށް އެކޯލިޝަންގެ ރިޔާސީ ޓިކެޓް އަރުވާފައިވާކަން ފާހަގަކޮށްފައިވެއެވެ.
ނޫސް ބަޔާން pic.twitter.com/mAxifyLIzS
— Progressive Party of Maldives (@ProgressPartyMV) July 19, 2023
އިދިކޮޅުން ބުނީ މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދިނުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް އެކޯލިޝަންގެ ފަރާތުން މާލެއާއި އަތޮޅުތަކުގައި ބާރަށް ކުރިއަށް ގެންދާކަމަށެވެ.