ޚަބަރުސިޔާސީ

ރައީސް ޔާމީންގެ މައްސަލަތަކަށް ފޯރުވަމުންދާ ނުފޫޒު ހުއްޓާލުމަށް ގޮވާލައިފި

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ އަބްދުﷲ ރައީސް ޔާމީން އަބްދުލް ޤައްޔޫމްގެ މައްޗަށް ކޮށްފައިވާ ޙުކުމާއިގުޅިގެން ހައިކޯޓުގައި މައްސަލަ އިސްތިޢުނާފު ކުރަމުންދަނިކޮށް މި މައްސަލަ އާއި އަދި ދަޢުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު ދަޢުވާތަކުގެ މައްސަލަތަކަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ތުހުމަތުކޮށް އެ ފޯރުވަމުންދާ ނުފޫޒު ހުއްޓާލުމަށް އިދިކޮޅު ކޯލިޝަނުން ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހުއަށް ގޮވާލައްވައިފިއެވެ.

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީންގެ މައްޗަށް މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި ކްރިމިނަލް ކޯޓުން ކުރި ޙުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލަ މަޑުޖެހިފައި އޮތުމާއި ގުޅިގެން އިދިކޮޅުގެ އޮތް ކަންބޮޑުވުންތަކާއެކު މިއަދު އިދިކޮޅު ލީޑަރުން ހައިކޯޓަށް ވަޑައިގެންނެވުމުން ހައިކޯޓުން އެ މައްސަލައިގެ އަޑުއެހުމެއް ދެން ތާވަލުކުރާނެ ދުވަހަކާއި ގުޅޭ މައުލޫމާތެއް ހިއްސާކޮށްފައި ނުވުމުން އިދިކޮޅު ލީޑަރުން ވަނީ ޖުމްހޫރީ މައިދާނަށް އެއްވެފައެވެ. އަދި އެތަނުގައި އިށީނދެގެން ތިބެ ރައީސް ޔާމިން މިނިވަންކުރުމަށް ގޮވާލާ އިހުތިޖާޖުކުރަންފެށުމާއިއެކު އިދިކޮޅު ލީޑަރޝިޕްގެ 4 ބޭފުޅަކާއި މާލެ ސިޓީ ކައުންސިލްގެ 2 ކައުންސިލަރަކާއި ޕީޕީއެމްގެ ސްޓިއަރިންގ ކޮމިޓީއެއްގެ ރައީސް ވަނީ ހައްޔަރުކޮށްފައެވެ.

މިކަމާއި ގުޅިގެން އިދިކޮޅުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެބޭފުޅުން ހައްޔަރުކުރީ އެއްވެސް ކުށެއްނެތި ކަމަށާއި، އެބޭފުޅުން ހައްޔަރުކުރީ ދިވެހީންގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އިންސާފުވެރި ޝަރީޢަތެއް ހޯދައިދިނުމާއި ގުޅޭ ޕެނަލް ޑިސްކަޝަނެއްގައި ޖުމްހޫރީ މައިދާނުގައި ތިއްބަވަނިކޮށް ކަމަށެވެ. އަދި އެ ޕެނަލް ޑސްޚަޝަންއަކީ ބައެއް ޓީވީ ތަކުން ލައިވްކޮށް ގެނެސްދެމުން ގެންދިޔަ ޕްރޮގްރާމެއްކަން އެބަޔާނުގައި ބުނެފައިވެއެވެ.

ހައްޔަރުކުރި ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ 4 މެންބަރުން އަދި މާލޭ ސިޓީ ކައުންސިލްގެ މެންބަރުންނާއި އިދިކޮޅު ކޯލިޝަންގެ ސްޓިއަރިންގ ކޮމިޓީއެއްގެ ރައީސް ހިމެނިވަޑައިންނަވާކަމަށާއި، ސަރުކާރުގެ އެ އަނިޔާވެރި ޢަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ބަޔާނުގައި ވެއެވެ. އަދި ކަނބަލެއްގެ ފަޔަށް ފުލުހެއްގެ އެންކަލުން އަރައި ޒަޚާމްވުމާއި ގުޅިގެން ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމާއި، ފުލުހެއްގެ ކިބައިން ދިވެހި ކަނބަލަކަށް އެވަރުގެ އަނިޔާއެއް ލިބުނުއިރުވެސް ފުލުހުންގެ އެއްވެސް އަޅާލުމެއް ނުލިބުނު ކަމީ ހިތާމަހުރި ކަމެއް ކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އިދިކޮޅުގެ ބަޔާނުގައި ދިވެހި ރައްޔިތުންނަށް އަނިޔާވެރިވުން ހުއްޓާލުމަށާއި، ރައީސް ޔާމީންގެ މައްސަލަތަކަށް ނުފޫޒު ފޯރުވުމަށް ކުރަމުން ގެންދާ އެންމެހާ މަސައްކަތްތައް މިހާރުން މިހާރަށް ހުއްޓާ ލުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙަށް ވަނީ ގޮވާލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button