ސަރުކާރު ޑިފެންސަށް ފޭބުމަށްފަހު ނައިބު ރައީސް ފައިސަލް ނަސީމް ވެސް ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަން ކެމްޕެއިނަށް އެ ދާއިރާއަށް ވަޑައިގެންފިއެވެ.
ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް އެމްޑީޕީ އިން ވާދަކުރައްވާ ކެނޑިޑޭޓު މުހައްމަދު ރާޝިދަށް ތާއީދު ހޯއްދެވުމުގެ ގޮތުން ނައިބު ރައީސް ފައިސަލް ވަނި މިއަދުގެ ވަގުތެއްގައި ފޯކައިދޫއަށް ވަޑައިގެންފައެވެ،
މިދަތުރުފުޅުގައި ނައިބު ރައީސްގެ ކޮއްކޯފުޅު އަދި ރައީސް އޮފީހުގެ ޗީފް އެގްޒެކެޓިވް ޓު ވައިސް ޕްރެޒިޑެންޓް ނަޒްރާ ނަސީމްގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި ސަރުކާރު ކޯލ؛ިޝަނަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިވަގުތު ނައިބު ރައީސް ހުންނެވީ މަރޮށީގައެވެ. މަރޮށްޓަށް ވަޑައިގެން އެމަނިކުފާނު ވަނީ އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދަން ރާޝިދަށް ވޯޓު ދެއްވަން އެދިވަޑައިގެންފައެވެ. ނައިބު ރައީސް ވިދާޅުވިގޮތުގައި މި ސަރުކާރަކީ އަތޮޅުތަކުގެ ތަރައްގީއަށް މަސައްކަތް ކުރާ ސަރުކާރެކެވެ.
އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި އެމްޑީޕީގެ ޗެއަރޕާސަން އަދި ހެންވޭރު ހުޅަނގުދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ ސިޔާސަތު ތަންފީޒު ކުރެވޭނީ ރާޝިދަށް ވޯޓު ދީގެން ކަމުގައެވެ.
އެމްޑީޕީއިން ކޮމަންޑޫ ދާއިރާގައި ކެމްޕެއިން ކުރަމުން އަންނައިރު އިދިކޮޅު ޕީޕީއެމުންވެސް އަންނަނީ އެދާއިރާގައި ހަރަކާތްތެރިވަމުންނެވެ. އެގޮތުން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުވެސް ހުންނެވީ އެދާއިރާގައެވެ. އެމަނިކުފާނަށް ކޮމަންޑޫ އާއި މަރޮށިން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި މިއަދު ހަވީރު ރައީސް ޔާމީން ފޯކައިދޫއަށް ވަޑައިގަންނަވާނެއެވެ.
އިދިކޮޅުގެ ކެމްޕެއިން ވަރުގަދަ ކުރަމުންދާ ވަރަކަށް ސަރުކާރުގެ އިސްވެރިން އެއްކޮށް ކަހަލަ ގޮތަކަށް އެ ދާއިރާއަށް ވަޑައިގެން ރާޝިދުއަށް ވޯޓު އިތުރު ކުރެވޭތޯ އަންނަނީ މަސައްކަތް ކުރަމުންނެވެ.