ޚަބަރުސިޔާސީ

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ޔުނާން ޕްރޮވިންޝަލް ކޮމިޓީގެ ސެކްރެޓަރީއާ ނައިބު ރައީސް ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ޔުނާން ޕްރޮވިންޝަލް ކޮމިޓީގެ ސެކްރެޓަރީ ވަންގް ނިންގއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުކީ، ”ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން“ ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ޔުނާން ޕްރޮވިންޝަލް ކޮމިޓީގެ ސެކްރެޓަރީ މައިގަނޑު ގޮތެއްގައި ވާހަކަފުޅު ދައްކަވާފައިވަނީ، ދެ ޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންނެވެ. އެގޮތުން ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، ތިމާވެއްޓާ ރަށްޓެހި ހަކަތައާއި، މަތީ ތަޢުލީމާއި، ކުޅިވަރާއި، އިޤްތިޞާދާއި، ވިޔަފާރީގެ ދާއިރާއިން ދެޤައުމުގެ ދެމެދުގައި މަތީ ފެންވަރުގެ މުޢާމަލާތްތައް ކުރިއަށްގެންދިއުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އުއްމީދުކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ.) އިން އިންތިޒާމުކޮށްގެން ބޭއްވި ”ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން“ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިއަދު ވާހަކަފުޅު ދައްކަވާފައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ބައިވެރިވެވަޑައިގަންނަވައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button