ލިޔެކިޔުންތަކާއެކު ލިބިފައިވާ ސީޑީތަކުގެ އެތެރޭގައި ހުރި ފައިލްތައް ނުފެންނަކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވަކީލުން ވިދާޅުވެއްޖެއެވެ.
ރިސޯޓެއްގައި ގޮތުގައި ތަރައްގީ ކުރުމަށް ވ.އާރަށް ކުއްޔަށް ދޫކުރުމުގައި ރައީސް ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާ އަކާއި ރިޝްވަތު ގަބޫލުކުރެއްވި ކަމަށް ބުނެ ކުރާ ދައުވާއެއްގެ އިބުތިދާއީ އަޑުއެހުމެއް މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ވަނީ ބާއްވާފައެވެ.
މިއަދުގެ އަޑުއެހުން ބޭއްވީ ދައުލަތުން ދައުވާ އުފުލައިފައިވާ ދެ ފަރާތަށް ގާނޫނުން ލިބިދީފައިވާ ހައްގުތައް ކަށަވަރުކުރުމުގެ މަސައްކަތް ކުރުމަށެވެ. މި އަޑުއެހުމުގައި ޔާމީންގެ ވަކީލުންވަނީ ލިޔެކިޔުންތަައް ލިބިފައިވާކަން ފާހަގަކުރައްވާފައެވެ.
”އެކަމަކު މަދުވާ ލިޔެކިޔުމެއް އޮތްތޯ ބަލައި އެ ލިޔެކިޔުންތައް ހޯދައި ދިރާސާކުރުމަށް އިތުރު ވަގުތު ބޭނުންވޭ. މައްސަލައިގެ ލިޔެކިޔުންތަކާއެކު ލިބުނު ސީޑީތަކުގެ އެތެރޭގައި ހުރި އެއްޗެއް ފެންނާކަށްވެސް ނެތް.“ ޔާމީންގެ ވަކީލުން ވިދާޅުވިއެވެ.
މި މައްސަލާގައި ރައީސް ޔާމީން ރިޝްވަތު ދެއްވިކަމަށް ތުހުމަތުކުރާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފު ނައީމްގެ ވަކީލުވެސް ވަނީ ސީޑީތަކުގެ އެތެރޭގައި ހުރި ފައިލްތައް ނުފެންނަކަމަށް ވިދާޅުވެފައެވެ. އަދި ހަމަކުރަންޖެހޭ ލިޔެކިޔުންތައް ދެނެގަތުމަށާއި، ލިޔެކިޔުންތައް ދިރާސާކުރުމަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށްވެސް އޭނާގެ ވަކީލު ވަނީ ޝަރީއަތަށް ހުށަހަޅާފައެވެ.
ރައީސް ޔާމީންގެ ވަކީލުންވަނީ ޝަރީއަތް ލައިވްކޮށް ކުރިއަށް ގެންދިޔުމަށް ޝަރީއަތަށް ހުށަހަޅުއްވާފައެވެ. އެކަމަކު ޔޫސުފް ނައީމްގެ ވަކީލުން ވަނީ އެކަމަށް ދެކޮޅު ހައްދަވާފައެވެ. މައްސަލަ ބައްލަވާ އިސް ގާޒީ މުހައްމަދު ޝަކީލް ވިދާޅުވީ އެކަމާމެދު ޝަރީއަތުން ގޮތެއް ނިންމަވާނެ ކަމުގައެވެ.
ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ މިމަހުގެ 27 ވަނަ ދުވަހުގައެވެ.