ޚަބަރުސިޔާސީ

ކޮތަރުތައް ބަލިވުމާ ސިޓީ ކައުންސިލުން ބޭނުންކުރި ގަސްކާނާ އާ ގުޅުމެއް ނެތް

ޖުމްހޫރީ މައިދާނަށް ޖަމާވާ ކޮތަރުތައް ބަލިވުމާ މާލެ ސިޓީ ކައުންސިލުން ބޭނުންކުރި ގަސްކާނާ އާއި ގުޅުމެއް ނެތްކަމަށް ސިޓީ ކައުންސިލްގެ ތަރުޖަމާނު މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.

ކޮތަރުތައް ބަލިވީ ސިޓީ ކައުންސިލުން ބޭނުންކުރި ބާރުގަދަ ކެމިކަލަކުން ކަމަށްބުނެ ދެކެވޭ ވާހަކަތައް ޝިއުނާ ވަނީ ދޮގުކުރައްވާފައެވެ.

”އަޅުގަނޑު އެކަން ހިނގައިދިޔަ ގޮތް ބަލައިފިން. އެއްވެސް ބާވަތެއްގެ ކެމިކަލެއް މިތާނަށް ބޭނުންކޮށްފައެއް ނުވާނެ. ކަމުގެ ފަންނީ މާހިރުންނާވެސް ކައުންސިލުން ވަނީ މަޝްވަރާކޮށްފަ.“ ޝިއުނާ ވިދާޅުވިއެވެ.

ފަންނީ ތަޖުރިބާކާރުންނާ ހަވާލާދީ ޝިއުނާ ފާހަގަކުރެއްވިގޮތުގައި އެހާ ވިހަ އެއްޗެއް ބޭނުން ކުރިނަމަ ވިނަގަނޑަށްވެސް އޭގެ އަސަރުކުރާނެއެވެ. އޭނާ ވިދާޅުވީ ކޮތަރަށް އެއްޗެއް ކެވިގެން ބޮވިގެން ނުވަތަ ޖެހޭ ބައްޔެއްގެ ސަބަބުން އެފަދަ ކަމެއް މެދުވެރިވުން ގާތް ކަމުގައެވެ. އަދި އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭއިން) ވެސް އެކަން ބަލަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ”ސަން“ އަށް ވިދާޅުވީ ކެމިކަލް ބޭނުންކޮށްފައިވާނެ ކަމަށާއި ކޮތަރު އައުން ސިޓީ ކައުންސިލަށް ނުހުއްޓުވޭނެ ކަމުގައެވެ. މިކަމާ ގުޅިގެން ”ބޮންތި“ އިން ސުވާލު ކުރުމުން ޝިއުނާ ވިދާޅުވީ ވިނަގަނޑު ރަނގަޅު ކުރުމަށް ގަސްކާނާ ބޭނުންކޮށްފައިވާކަން މުނިސިޕަލްޓީގެ ވިނަގަނޑު ބަލަހައްޓާ ޓީމްގެ ފަރާތުން މައުލޫމާތު ލިބިފައިވާކަމަށާއި، އެއީ ބާރުގަދަ އެއްޗެއް ނޫންކަން އެނގިފައިވާކަމުގައެވެ.

”އަޅުގަނޑު އެކަމުގައި ޑެޕިއުޓީ މޭޔަރާ މަޝްވަރާ ކުރިން. ޑެޕިއުޓީވެސް ވިދާޅުވީ ކެމިކަލްގެ ގޮތުގައި މާނަކޮށްފައިވާނީ މުނިސިޕަލްޓީގެ އެކަމާބެހޭ ޓީމުން ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް ވިދާޅުވި ކެމިކަލެއްގެ ވާހަކަ ކަމަށް. އެއީ މިދަންނަވާ ވިނަގަނޑު ހެދި ބޮޑުވުމަށް ބޭނުން ކުރެވޭ ގަސްކާނާ. ފަންނީ ރައުޔުތަކުންވެސް އެބަ އެނގޭ ކޮތަރަށް އަސަރު ކުރާވަރުގެ ކެމިކަލެއް ވިނަގަނޑަށް ބޭނުންކޮށްގެން ވިނަގަނޑު މަރުނުވެ ނުހުންނާނެކަން.“ ޝިއުނާ ވިދާޅުވިއެވެ.

ކޮތަރުތަކަށް ޖެހިފައިވާ ބަލި ދެނެގަތުމަށްޓަަކައި އީޕީއޭއިން މިހާރު އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. ކޮތަރުތަކުގެ ބޭރުފުށުން ފެންނަގޮތުގައި، އެ ބަލި ވައްތަރީ ޕިޖަން ޕޮކްސްއާއެވެ. އެ ބައްޔަކީ ދޫނިތަކުގެ ގައިންގަޔަށް އަރާ ބައްޔެއް ކަމަކު އިންސާނުންނަށް ނުރައްކަލެއް އޮންނަ ބައްޔެއް ނޫނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button