ޚަބަރު

ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ ޕާކުކޮށްފައި ވާތީ އިދިކޮޅުން އަނެއްކާވެސް ހައިކޯޓަށް!

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ އިސްތިޢުނާފް މައްސަލަ ދިވެހި ރާއްޖޭގެ ހައިކޯޓުގައި މަޑުޖެހިފައިވާތީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދުވެސް ހައިކޯޓަށް ހާޒިރުވެއްޖެއެވެ.

ހައިކޯޓުގައި ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ ޕާކު ކޮށްފައިވާތީ މައްސަލައިގެ އަޕްޑޭޓެއް ހޯދުމަށް އިދިކޮޅު ލީޑަރޝިޕް ވަނީ ހައިކޯޓަށް ހާޒިރުވީ ނަމަވެސް އެ މައްސަލައިގެ އެއްވެސް އަޕްޑޭޓެއް ދީފައެއް ނުވެއެވެ. ހައިކޯޓުގެ ރިސެޕްޝަނުން އިދިކޮޅު ކޯލިޝަނަށް ދެއްވި ޖަވާބަކީ  ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލައާއި ގުޅޭ ޑިޕާޓްމެންޓްގެ އެއްވެސް ބޭފުޅަކު މިއަދު އޮފީހަށް ހާޒިރުވެފައި ނުވާކަމަށާއި، އެ މައްސަލައިގެ އިތުރު އަޕްޑޭޓެއް ދެވެން ނެތްކަމަށެވެ.
މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން އިދިކޮޅު ކޯލިޝަން ހިންގެވުމާއި ވަގުތީގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ފެންނަމުންދަނީ ރައީސް ޔާމީންގެ މައްސަލަ ހިނގިޔަ ނުދިނުމަށް މަސައްކަތް ކުރަމުންދާތަން ކަމަށެވެ.
”ފެންނަމުންދަނީ ރައީސް ޔާމީންގެ މައްސަލަ ހިނގިޔަ ނުދިނުމަށް މަސައްކަތް ކުރަމުންދާތަން. މިއަދުވެސް މީގެ އަޕްޑޭޓެއް ހޯދަން އައިމަ ކައުންޓަރުން ދިން ޖަވާބަކީ ރައީސް ޔާމީންގެ މައްސަލަބަލާ ސެކްޝަނުގެ އެއްވެސް މީހަކު ނެތޭ. މިއީ ޒިންމާދާރުކަން ކުޑަކަން ހުރިވަރު. ދިވެހި ރާއްޖޭގެ ހައިކޯޓުގެ ވާހަކަ މިދައްކަނީ . ދެން މަޑުކޮށްގެން ތިއްބާ މިތަނުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިތުރު އަޕްޑޭޓެއް ނެތޭ“ އަދުރޭ ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅުން ހައިކޯޓަށް ހާޒިރުވަނީ އެންމެ މީހެއްގެ މަސްލަޙަތު ހިމެނޭ ކަމެއްގައި ނޫންކަމަށާއި،  ރައީސް ޔާމީންގެ މައްސަލައިގެ އަޕްޑޭޓް ހޯދުމަށް ހައިކޯޓަށް ހާޒިރުވަނީ އެއްލައްކަ އެތައްހާސް ރައްޔިތެއްގެ ޙައްޤު ހޯދަން ކަމަށެވެ.
އަދުރޭ ވަނީ މިއީ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހު ގަސްތުގައި ރާވައިގެން ދިވެހި ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަށް އަނިޔާދިނުމަށް ކުރާ ކަމެއްގޮތުގައި ސިފަކުރައްވާފައެވެ.
އޭނާ ވިދާޅުވީ މިއީ ރައީސް ޞޯލިހުއަށް ރައީސް ޔާމީން އާއި ވާދަކުރައްވަން ކެރިވަޑައި ނުގަންނަވާތީ ގަދަކަމުން ދެވަނަ ދައުރެއް ހޯދުމަށްޓަކާ ކުރަމުންދާ ކަމެއް ކަމަށެވެ.
”މިއީ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހު ގަސްތުގައި ރާވައިގެން ދިވެހި ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަށް އަނިޔާދިނުމަށް ކުރާކަމެއް. މިކަމަކީ ރައީސް ޞޯލިހުއަށް ރައީސް ޔާމީން އާއި ވާދަކުރައްވަން ކެރިވަޑައި ނުގަންނަވާތީ ރައީސް ޔާމީންއަށް އަނިޔާކޮށް ގަދަކަމުން ދެވަނަ ދައުރެއް ހޯދުމަށްޓަކާ ރައީސް ޔާމީންއަށް ތާއީދުކުރާ މީހުން މާޔޫސް ކޮށްލުމަށްޓާކާ ކުރަމުންދާ ކަމެއް“ އަދުރޭ ވިދާޅުވިއެވެ.
މީގެ އިތުރުން އަދުރޭ ވިދާޅުވީ ދިވެހި ރާއްޖޭގެ ފަނޑިޔާރުންނަށް ވަރަށް އިޙްތިރާމް ކުރައްވާ ކަމަށާއި، އެހެންނަމަވެސް މާތްﷲ ގަންދީ ހުވާކޮށްގެން ތިއްބަވައިގެން މިފަދަ ކަންކަން ކުރުމަކީ ހިތާމަ ކުރަންޖެހޭ ކަމެއް ކަމަށާއި ވަރަށްބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި ފަނޑިޔާރުންނަކީ އެއްވެސް ނުފޫޒެއްނެތި މައްސަލަތައް ނިންމަންތިބޭ ބަޔަކަށް ވީއިރު، މިފެނުނީ ރައީސް ޔާމީންގެ މައްސަލަ ނިމެން 2 ދުވަހަށް ވެފައިވަނިކޮށް ފަނޑިޔާރުން ޗުއްޓީ ނެންގެވި މަންޒަރު ކަމަށާއި، މިއީ ސީދާ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހު އަޑީގައި ހުންނަވައިގެން ހިންގަވާ ކަމެއް ކަމުގައި އަބްދުއްރަހީމް ތުހުމަތު ކުރެއްވިއެވެ.
”ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ފަނޑިޔާރުންނަށް އަޅުގަނޑު ވަރަށް އިޙުތިރާމާއި އެކީގަ ދަންނަވަން. ތިހެން ނުހައްދަވާށޭ، އަދިވެސް ފުރުޞަތު އެބައޮތޭ. އަވަސްކޮށް މި މައްސަލަ ނިންމަވާ ދެއްވާށޭ. މިއީ ދިވެހި ރައްޔިތުންގެ ޙައްޤުގަ ނިންމަން ޖެހޭ މައްސަލައެއް، މި ޤައުމުގެ ޙައްޤުގަ ނިންމަން ޖެހޭ މައްސަލައެއް. މިފަދަ ކަންތައްކުރީމަ ރައްޔިތުންނަށް ޙަރާމްކޯރު ވެވޭނީ. މިވަރުގެ ކަންތައްތައް ކުރާކަށް ނުވާނެ“ އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ މިއީ އެއްގޮތަކަށްވެސް ފަނޑިޔާރުންގެ މަސްޢޫލިއްޔަތާއި ބެހުން ނޫންކަމަށާއި، މިކަމުގައި އިދިކޮޅުގެ ޒިންމާއެއް ވާކަމާއި، އެ ޒިންމާ އަދާކުރަން މަޖުބޫރު ކަމަށެވެ. އަދި މި މައްސަލައަކީ ވަގުތުން ބައްލަވަންޖެހޭ މައްސަލައެއް ކަމަށް ޤަބޫލުކުރައްވާ ކަމަށާއި، މި މައްސަލަ މަޑުޖެހިފައި އޮތުމުން އިންތިހާއަށް ކަންބޮޑުވުން އޮތްކަމަށެވެ.
ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ ދިވެހި ރާއްޖޭގެ ހައިކޯޓަށް ވައްދާފައިވަނީ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ. މިހާތަނަށް 2 އަޑުއެހުމެއް ކުރިއަށް ގެންގޮސްފައިވާއިރު، އެންމެ ފަހުން އޮތް އަޑުއެހުން ބޭއްވުމަށް ތާވަލްކުރުމަށް 2 ދުވަހަށް ވެފައިވަނިކޮށް ފަނޑިޔާރުން ވަނީ ޗުއްޓީއަށް ވަޑައިގެންފައެވެ. އެއާއިއެކު ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ މިވަނީ ޕާކުކުރެވިފައެވެ. އަދި އެމަނިކުފާނަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތުވެސް ވަނީ ހަނިވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button