
ކުލި ކޮންޓްރޯ ކުރެވޭނީ ދިރިއުޅޭނެ ތަންތަން އިތުރުކޮށްގެން ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އާދީއްތަ ދުވަހުގެ ރޭ ޗެނަލް 13 އިން ގެނެސްދިން އެންމެ ފުރަތަމަ ގައުމު ޕްރޮގްރާމުގައި ސިނަމާލެ ބުރިޖު މުހިންމުވީ ކީއްވެތޯ ނޫސްވެރިޔާ ސުވާލު ކުރުމުން ބުރިޖުގެ މުހިންމުކަމާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގެ ތެރޭގައެވެ.
ރައީސް ޔާމީން ވިދާޅުވީ އާންމުން ދިރިއުޅޭނެ ތަންތަން މާލޭގައި އިތުރު ކުރެވެން ނެތްކަމުގައެވެ. މާލޭގެ އާބާދީގެ ބޮޑު ބައެއް ދާން އޮތި ހުޅުމާލެއަށް ކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ހުޅުމާލޭގައި ޒުވާނުންނަށް މުސްތަގުބަލެއް އެބައޮތް ކަމުގައެވެ.
”އެހެންވީމަ އެބަޖެހޭ ހުޅުމާލެ އާއި މާލެ އާއި ދޭތެރޭގައި މިއޮތް ދަތުރުފަތުރު އަވަސްވާން. ޝަކުވާއެއް ނެތި ފަސޭހަކަމާއެކީ ދަތުރު ކުރެވެން ޖެހޭ. އެއީ ބުރިޖުގެ ކޮންސްޕްޓަކީ.“ ރައީސް ޔާމީން ވިދާޅުވިއެވެ.
ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ފޭސް 2 ހިއްކުމަށްފަހު ބިނާ ކުރި ހިޔާ ފްލެޓްތަކުގައި މިހާރު އާންމުން ދިރިއުޅެމުންދާއިރު ބުރިޖުގެ ސަބަބުން ބޮޑެތި ލުއިފަސޭތަކެއް ވަނީ ލިބިފައެވެ. މީގެ އިތުރުން ހުޅުމާލެއާއި، އެއާޕޯޓު އަދި މާލޭގައި ވަޒީފާ އަދާ ކުރާ ފަރާތްތަކަށްވެސް ބުރިޖުގެ ސަބަބުން ވަނީ ބޮޑެތި ފަސޭހަތަކެއް ލިބިފައެވެ.
އެމަނިކުފާނުގެ ވެރިކަމުގައި ފުށިދިއްގަރު ފަޅު ހިއްކުމަށްފަހު 3 ލައްކައަށްވުރެ ބޮޑު އާބާދީއަކަށް ބޭނުންވާ ވަސީލަތްތައް އެތަނުގައި ގާއިމްކޮށް މާލެ އާއި، ވިލިމާލެ އާއި ފުށިދިއްގަރު ފަޅު ބުރިޖަކުން ގުޅާލުމުގެ ޕްލޭން އޮތީ ހެދި، އެކަމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ފެށިފައެވެ. މިހާރުގެ ސަރުކާރުން ތިލަމާލެ ބުރިޖުގެ ނަމުގައި ފަށަން ނިންމާފައިވާ މަޝްރޫއަކީ ޔާމީންގެ ތަސައްވުރެކެވެ. އެކަމަކު އެކަމުގެ މާބޮޑު އަމަލީ މަސައްކަތެއް އަދިވެސް ނުފެނެއެވެ.