ރިޔާސީ އިންތިހާބުގެ ޝަކުވާތަކާ ގުޅޭގޮތުން ޝަރީފް ވާހަކަ ދައްކާ އޯޑިއޯއެއް ލީކު ކޮށްލައިފި!
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ޝަކުވާތަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުރީގެ ރައީސް އަހުމަދު ޝަރީފް ވާހަކަ ދައްކަވާ އޯޑިއޯއެއް ލީކު ކޮށްލައިފިއެވެ.
މި އޯޑިއޯ އާންމު ކޮށްފައިވަނީ ޗެނަލް 13 އިން ދެއްކި ”ކުޑަދޮރު“ ޑޮކިއުމެންޓްރީގައެވެ. އެ އޯޑިއޯގެ ކޮޕީއެއް ”ބޮންތި“ އަށް މިހާރު ވަނީ ލިބިފައެވެ.
އޯޑިއޯގައި ވާގޮތުން ރިޔާސީ އިންތިހާބުގައި ވޯޓު ލީ ދުވަސް ކަމަށްވާ 23 ސެޕްޓެމްބަރުގެ ފަހުން 194 ޝަކުވާއެއް ކޮމްޕްލެއިންސް ބިއުރޯއަށް ލިބިފައިވާކަމަށް ޝަރީފް ވިދާޅުވެއެވެ. އޭގެ ތެރެއިން ނިމިފައި ނުވަތަ ޖަވާބު ދެވިފައި ވަނީ 88 މައްސަލައެއް ކަމަށް އޭނާ ވިދާޅުވާ އަޑު އިވެއެވެ. އަދި ޖަވާބު ނުދެވިފައި ހުރީ 106 މައްސަލައެއް ކަމަށާއި، ޖަވާބު ތައްޔާރު ކުރެވިފައި ހުރިކަމަށްވެސް ޝަރީފް ވިދާޅުވެއެވެ.
”ދެން މީގަ ސީރިއަސް އިޝޫސްތަކެއް. އާ މީ ސީރިއަސް ކްރިޓިކަލް އެއްޗެއްގެ ގޮތުގައި މިއުޅެނީ 23 ސެޕްޓެމްބަރަށް ފަހުގައި ވެއްދި އެއްޗެއް.“ ޝަރީފް ވިދާޅުވެއެވެ.
އެ މައްސަލަތައް ބެލުމަށްފަހު އެ ކަންކަން ބަދަލު ކުރަން ބޭނުން ނުވާކަމަށާއި، ސަބަބެއްގެ ގޮތުގައި ޝަރީފް ފާހަގަކުރެއްވީ، ލީގަލް ކައުންސިލްގައި ހުރި ހަދީޖާ ރަޝާ ނަމަކަށް ކިޔާ މީހަކު ހުށަހަޅާ މައްސަލައަކީ ސައްހަ މައްސަލައެއް ކަން ގަބޫލު ކޮށްގެން ނުވާނެކަމެވެ. އަދި އެކަން ގަބޫލު ނުކުރުމަށް ޝަރީފް ބިއުރޯގެ މުވައްޒަފުން ގާތު ވިދާޅުވެއެވެ.
ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހެޅޭ މައްސަލައަކީ ހިނގާފައި އޮތް ކަމެއްގެ ގޮތުގައި އެނގިފައި ނެތްނަމަ، ތަހުގީގު ކުރުމުގެ މާބޮޑު ބޭނުމެއް ނެތްކަންވެސް ޝަރީފް އެ އޯޑިއޯގައި ވިދާޅުވެއެވެ. އެގޮތަށް ހުށަހެޅިފައިވާ ބައެއް މައްސަލަތަކުގައި ހެކި ނެތްކަމަށް ކަނޑައަޅައި، ބައެއް މައްސަލަތައް ނުބަލަންވެސް ނިންމާފައިވާކަން އޭނާ ފާހަގަކުރައްވައެވެ.
ކޮމްޕްލެއިންސަ ބިއުރޯއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ސީރިއަސްކޮށް ފާހަގަވާ މައްސަލައާ ގުޅޭގޮތުންވެސް ޝަރީފް ވާހަކަ ދައްކާ އަޑު މި އޯޑިއޯގައި އިވެއެވެ.
”ވަރަށް ސީރިއަސްކޮށް ނަގާފަ އެބައިން ޔޫވީ ލައިޓް ބޭނުން ނުކުރާ މައްސަލަ. އޭތި އިންނަނީވެސް ސުޕްރީމް ކޯޓުގެ ގައިޑްލައިނަކާ ހަވާލާދީފަ. އޭގަ އިންނަނީ ސެކިއުރިޓީ ފީޗަސް ޗެކް ކުރާ ވާހަކައެއް ނޫން. އެ ފީޗަސް ހުންނަންޖެހޭ ވާހަކަ. ޗެކް ކުރުމަކީ.. (ދެން ކިޔާ އެއްޗެއް ސާފެއް ނޫން) ޔޫވީ ލައިޓް ބޭނުން ކުރަން އީސީއިން ދޭ އިރުޝާދަކީ ގަވަައިދެއްގައި ނުވަތަ ވަކި ލިޔުމެއްގައި އޮންނަ އެއްޗެއް ނޫން.“ ޝަރީފް ވިދާޅުވެއެވެ.
ސުޕްރީމް ކޯޓުގެ ގައިޑްލައިންގައި އީސީއިން ލާޒިމް ކުރަނީ ވޯޓު ކަރުދާހުގައި ސެކިއުރިޓީ ފީޗަސް ހުންނަން ޖެހޭ ވާހަކަ ކަމުގައި ޝަރީފް ވިދާޅުވެއެވެ.
”ގާނޫނީ، މިސާލަކަށް ކޯޓު މަރުހަލާއެއް އައިމަ ދެން ބަލާނީ ސެކިއުރިޓީ ފީޗަސް ހުރިތޯ ނުވަތަ ނޫންތޯ. އަޅުގަނޑުމެން އެކަމަކު ވޯޓު ލީ މީހުންގެ ޝައްކު ފިލުވައިލުމަށް ޔޫވީ ލައިޓް ބޭނުން ކުރީ. ޔޫވީ ލައިޓް ބޭނުން ނުކުރުމަކީ ގާނޫނާ ހިލާފް ކަމެއް ނޫން.
އޭނާ މިފަދައިން ވިދާޅުވިއިރު، އިންތިހާބު އޮޅުވާލި ކަމަށް ބުނާ މައްސަލައިގެ ތަހުގީގެއް ފުލުހުން ކުރިޔަށް ގެންދަނިކޮށް ވޯޓު ކަރުދާސްތައް ވަނީ އަންދާލާފައެވެ. ޝަރީފް ފުލުހުންނަށް ދިން ބަޔާނުން އެނގޭގޮތުގައި ފުލުހުންގެ ތަހުގީގެއް ކުރިޔަށް ދާކަން އޭނާއަށް ނޭނގެއެވެ. އަދި ރަސްމީކޮށް ފުލުހުން އެފަދަ ތަހުގީގެއް ހިންގާކަން ނާންގާ ކަމަށް ޝަރީފް ވަނީ އެދުވަސްވަރު ވިދާޅުވެފައެވެ. އޭނާ އެހެން ވިދާޅުވި ނަމަވެސް ވޯޓު ކަރުދާސް ރައްކާކޮށްފައި ހުރި ސެކިއުރިޓީ ރޫމަށް ގޮތް ނޭނގޭ ބަޔަކާ އެއްކޮށް ޝަރީފް ވަދެފައިވާ މައްސަލައިގައި ފުލުހުންގެ ފަރާތުން ގާނޫނީ އިންޒާރު ދީފައިވާކަމަށާއި، އެކަން ފަހުމްވާ ކަމަށް ޝަރީފް ފުލުހުންނަށް ދިން ބަޔާނުން އެނގެއެވެ. އަދި އެ މައްސަލައިގެ ތަހުގީގު ފުލުހުން ކުރިޔަށް ގެންދާކަން ރަސްމީކޮށް އީސީއަށް ނާންގާ އޮތުމަކީވެސް ސުވާލު އުފެދޭ ކަމެކެވެ.
ޝަރީފް ވިދާޅުވިގޮތުގައި، އޮފިޝަލަކު ކުރާ ޖިނާއީ ކުށެއްގެ ސަބަބުން ވޯޓު ފޮށި ބާތިލް ކުރާ ހާލަތެއްގައިވެސް އިންތިހާބުގެ ނަތީޖާއަށް ބަދަލު އާދޭތޯ ނުވަތަ ނާދޭތޯވެސް ބަލަން ޖެހެއެވެ. އަދި ޖަވާބު ނުފޮނުވާ އޮތް 106 ޝަކުވާއަކީ 10 އެއް ނުވަތަ 12 ވަރަކަށް ވޯޓި ފޮށި ކަމަށާއި، ސީރިއަސް މައްސަލަތަކެއް އުޅެނީ މައިގަނޑުގޮތެއްގައި 4 ފޮށީގައި ކަން އޭނާ ފާހަގަކުރައްވައެވެ.
ޝަރީފް މިފަދައިން ވިދާޅުވާއިރު 2013 ގެ ރިޔާސީ އިންތިހާބު ސުޕްރީމް ކޯޓުން ބާތިލް ކުރި މައިގަނޑު ސަބަބަކީ މަރުވެފައިވާ ބައެއްގެ ނަން ވޯޓާސް ލިސްޓުގައި އޮވެގެންނެވެ.
އޯޑިއޯގައި ޝަރީފް ވިދާޅުވިގޮތުގައި އިންތިހާބުގެ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ޝަކުވާއެއް ހުއްޓަސް ”ދާއިމީ“ ނަތީޖާ އިއުލާން ކުރެވޭނެ އެވެ. އަދި ދާއިމީ ނަތީޖާ އިއުލާން ކުރުމުގެ ކުރިން އިންތިހާބުގެ ނަތީޖާއަށް އަަސަރު ކުރާނެ ވަރުގެ މައްސަލައެއް އޮތްތޯ ބެލުމަށް ކޮމްޕްލެއިންސް ބިއުރޯގައި އެދުނު ކަން އޭނާ ފާހަގަކުރައްވައެވެ.
”އަނެއްހެން ބަލާއިރު، ދާއިމީ ނަތީޖާ އިއުލާން ކުރެވޭނެ (ޝަކުވާ) ހުއްޓަސް. ސަބަބަކީ އޭގެ ފަހުން 14 ދުވަސް އެބައޮވޭ ޝަކުވާ ހުށަހަޅަން.“ ޝަރީފް ވިދާޅުވެއެވެ.
އެކަމަކު އީސީއަށް ހުށަހެޅޭ ޝަކުވާތަކަކީ ދާއިމީ ނަތީޖާ އިއުލާން ކުރުމުގެ ކުރިން ބަލަންޖެހޭ މައްސަލަތަކެވެ. އަދި ދާއިމީ ނަތީޖާ އިއުލާން ކުރުމަށްފަހު ޝަކުވާއެއް ހުށަނޭޅޭނެއެވެ.
”އަޅުގަނޑު ރަޝާ ކައިރީގަ ބުނިން ތި ޖަވާބު އަލުން ދިރާސާ ކުރާށޭ ކިޔާފަ ކޮމްޕްލެއިންސް ބިއުރޯއަށް ފޮނުވައިގެން އިތުރު ވަގުތުތަކެއް ނަގާލާކަށް. މިއަދު އަޅުގަނޑު ޕްރެސްގަ ބުނަން މިއުޅެނީ ކޮމްޕްލެއިންސް ބިއުރޯއިން ހުށަހަޅާފަ ހުރި ހުރިހާ އެއްޗަކަށް އަޅުގަނޑުމެން ޖަވާބު ދީފީމޭ. އެހެންވީމަ މިހާރުން މިހާރަށް މި އެއްޗެހި ޑިސްޕެޗް ކުރައްވާ. ޑިސްޕެޗް ކުރައްވާއިރުގަ ކޮމްޕްލެއިންސް ބިއުރޯއަށް މައްސަލަ ހުށަހެޅިކަމުގެ ސްލިޕް އެމީހުންގެ އަތުން އަތުލަން ޖެހޭނެ.“ ޝަރީފް ވިދާޅުވެއެވެ.
ޝަރީފް ވިދާޅުވިގޮތުގައި ކޮމްޕްލެއިންސް ބިއުރޯއަކީ މާބޮޑު ގާނޫނީ ބާރެއް އޮންނަ ތަނެއް ނޫނެވެ. އަދި ކޮމްޕްލެއިންސް ބިއުރޯއަކީ މިނިވަންކަމާއެކު މައްސަލަތަކެއް ބަލާ ވަކި މުއައްސަސާއެއްގެ ގޮތުގައި އާންމުނަށް ވިސްނައިދޭން ބަޔަކު މަސައްކަޔް ކުރިކަމަށް ވިދާޅުވެ ޝަރީފް ވަނީ ކޮމްޕްލެއިންސް ބިއުރޯގެ މަސައްކަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.