ހޯމް މިނިސްޓްރީ އިން ޖުމްހޫރީ މައިދާނަށް ގެއްލުން ދިނުމުން މޭޔަރު ކަންބޮޑުވުން ފާޅުކޮށްފި

ހޯމް މިނިސްޓްރީ އިން ޖުމްހޫރީ މައިދާނަށް ގެއްލުން ދިނުމުން މާލޭ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް ޓެގް ކުރައްވައި މޭޔަރު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖުމްހޫރީ މައިދާނުގެ ވިނަގަނޑު ރަނގަޅަށް ހެދެން އަދި ވަގުތު ބޭނުންވާ ކަމުގައެވެ. ވިނަގަނޑު ނުހެދެނީސް އެއްވެސް އެއްޗެއް ވިނަ މަތީ ނުބެހެއްޓުމަށް މިނިސްޓްރީ އާއެކު ބޭއްވި ބައްދަލުވުމެއްގައި ތަކުރާރުކޮށް ދެންނެވުމުންވެސް އެއްވެސް ބެލުމެއްނެތި އެކަން ކޮށްފައިވާކަން މުއިއްޒު ފާހަގަކުރެއްވިއެވެ.
ވިނަގަނޑު ރަނގަޅަށް ހެދެން އަދި ވަގުތު ބޭނުންވާ ކަމަށާއި، ވިނަގަނޑު ނުހެދެނީސް އެއްވެސް އެއްޗެއް ވިނަ މަތީ ނުބެހެއްޓުމަށް މީޓިންގ ގައި ތަކުރާރުކޮށް ދެންނެވުމުންވެސް، އެއްވެސް ބެލުމެއްނެތި މިކަން ކޮށްފައިވާތީ ހިތާމަކުރަން. @ShimranAb @HomeMinistrymv pic.twitter.com/0Sl63TXti2
— Dr Mohamed Muizzu (@MMuizzu) December 26, 2021
ޖުމްހޫރީ މައިދާނުގައި ވިނަ އިންދުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފެށީ މިދިޔަ މަހުގެ 16 ވަނަ ދުވަހުގައެވެ. އެ މަސައްކަތް އެއް މަސް ދުވަހުގެ ތެރޭގައި ސިޓީ ކައުންސިލުން ނިންމިއެވެ. އަދި ވިނަގަނޑު ހެދެން ވަގުތު ބޭނުންވާނެ ކަމަށް ސިޓީ ކައުންސިލްގެ ފަރާތުން ހޯމް މިނިސްޓްރީއާއެކު ކުރެވުނު މަޝްވަރާތަކުގައި ވަނީ ހިއްސާކޮށްފައެވެ.
ހޯމް މިނިސްޓްރީ އިން ވަނީ ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ ޖަލްސާ ބޭއްވުމަށްޓަކައި ޖުމްހޫރީ މައިދާނުގައި ޓެންޓްފަދަ ތަކެތި ބެހެއްޓުމަށް ވިނަގަނޑުގެ ބޭނުންކުރުމަށް ސިޓީ ކައުންސިލްގެ ހުއްދައަށް އެދި ސިޓީއެއް ފޮނުވާފައެވެ. އެކަމަކު ކައުންސިލްގެ ފަރާތުން ވަނީ ވިނަގަނޑު ހަލާކުވާނެފަދަ އެއްވެސް ކަމެއް ނުކުރުމަށް އެދި ލިޔުމުން އެ މިނިސްޓަރީއަށް އަންގާފައެވެ.