ޚަބަރުސިޔާސީ

އީވާގެ އިސްތިއުފާ: ކާމިޔާބަކީ ހިޔާނާތުގެ ކުރިމަތީގައި ތިމަންނާގެ މެންބަރު ދުވަހަކުވެސް ފަހަތަށް ޖައްސާނުލެވޭނެކަން ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންނަށް އޮތުން

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މަޖިލިސް ރައީސް މުހައްމަދު އަސްލަމް ރިޔާސަތުގައި އިންނަވައި، އީވާ މަގާމުން ވަކި ކުރުމުގެ ގަރާރުގެ ބަހުސަށް މިއަދުގެ ޖަލްސާގައި ހުޅުވާލުމުން، ލިބިވަޑައިގެންނެވި ފުރުސަތުގެ ބޭނުން ހިއްޕަވައި އީވާ ވަނީ އެކަމަނާ މަގާމުން ވަކި ކުރަން އެމްޑީޕީން ގަދައަޅާ މަސައްކަތް ކުރާ ސަބަބު ވަރަށް ތަފްސީލުކޮށް ހިއްސާ ކުރައްވާފައެވެ.

އީވާ ވިދާޅުވީ އެކަމަނާ މަގާމުން ވަކި ކުރަން އުޅެނީ އެމްޑީޕީން ނެރުނު ވިޕްލައިނަކުންނެވެ. ސަބަބެއްގެ ގޮތުގައި އީވާ ފާހަގަކުރެއްވީ އެޕާޓީއަކަށްޓަކައި ހުރިހާ ކަމެއް ގުރުބާންކުރި އެމްޑީޕީން ވެރިކަމަށް އައިސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްވެ ހުންނަވައިގެން ހިންގަވަން ފެއްޓެވި ސަރުކާރުގެ ނާގާބިލް ކަމާއި ކިބުރުވެރިކަމުގެ ވާހަކަ ދައްކަވަން ފެއްޓެވެމުން އެކަމުގެ އަދަބެއްގެ ގޮތުގައި ކަމުގައެވެ.

”ހަގީގަތަކީ އެ ސަރުކާރުން އަޅުގަނޑާއިމެދު ނުރުހުނީ، އަޅުގަނޑުވެސް އެ ސަރުކާރާ މާބޮޑަށް ނުރުހުނީ. އެހެންވީމާ އިއްޔެގެ އެމްޑީޕީ ސަރުކާރާ އަޅުގަނޑު ނުރުހިގެން އަޅުގަނޑު ބަސްބުނެގެން ދޭ އަދަބު. މިއީ ވެރިކަން ގެއްލުނީމާ އަޅުގަނޑަށް ދިން އަދަބު.“ އީވާ ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ސަރުކާރުގައި ހިނގި އެންމެ ހަޑިހުތުރު އެއް ކޮރަޕްޝަން ކަމުގައިވާ، ކޯވިޑް 19 ގެ ހާލަތުގައި ރާއްޖެއަށް ގެންނަން ބުނި ވެންޓިލޭޓަރުތަކުގެ ވައްކަމުގެ މައްސަލައާ ގުޅިގެން އެދުވަސްވަރު އީވާ މަޖިލިސް އަށް ހުށަހެޅުއްވި ގަރާރު ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ، އެގަރާރުގެ ސަބަބުން އޭރުގެ އޮޑިޓަރ ޖެނެރަލް ކުރެއްވި ދިރާސާއިން، އެ ވައްކަން ފަޅާއެރި ދުވަހު އެމްޑީޕީގެ ސަރުކާރުން އެކަމަނާއަށް އަދަބު ދޭނެކަން އެނގިވަޑައިގަންނަވާ ކަމުގައެވެ.

އެމްޑީޕީ ވެރިކަމަށް އައުމަށް ވައުދުވީ ފަދައިން ދައުލަތުގެ ދަރަނި އަލުން އެކުލަވާ ނުލުމުގެ ސަބަބުން އެކަމާ ގުޅިގެން މަޖިލިސްއަށް ގަރާރެއް ހުށަހެޅުއްވުމަކީވެސް އެމްޑީޕީން އެކަމަނާއަށް އަދަބުދޭން ބޭނުންވާ ކަމެއްގެ ގޮތުގައި އެކަން އީވާ ފާހަގަކުރެއްވިއެވެ.

”ފުށާއި ތެލާއި ކާނާ ގަންނާން ދައުލަތުގެ ފޮރިން ޔޫޒަބަލް ރިޒާވް ހުރީ ކިހާވަރަކަށްތޯ މާލީ ވަޒީރާ ސުވާލު ކޮށް، އެ މައުލޫމާތު ނުދެއްވީމާ މަޖިލީހުގައި އިހުތިޖާޖު ކުރި ދުވަހު އަޅުގަނޑަށް އެނގޭ މަނިކުފާނުގެ ޕާޓީންނާއި ސަރުކާރުން އަޅުގަނޑާ ދިމާކުރާނޭކަން. ރައީސް ސޯލިހުގެ މޭޒުކޮޅުމަތީގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ އޮވެ އެއަށް އަޅާނުލައްވާ 3 އަހަރު ވެގެން ދިޔާމާ، އެވާހަކަ ދެއްކުމުން އަޅުގަނޑަށް އެނގޭ އިއްޔެގ ސަރުކާރުން އަޅުގަނޑާ ދިމާކުރާނޭކަން.“ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި ރައީސް ސޯލިހުގެ ރަނިންގމޭޓު މުހައްމަދު އަސްލަމަށް އިޝާރާތްކުރައްވައި އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން ބަލަން ބުނި އެއްވެސް މަރެއް ނުވަތަ ގެއްލުވާލުމެއްގެ އިންސާފާ ހަމައަށް ވާސިލް ނުވުމުގެ ސަބަބުން އެވާހަކަ ދައްކަވަން ފެއްޓެވެމުން އެމްޑީޕީ އާއި އަސްލަމް ނިސްބަތްވެވަޑައިގަންނަވާ ސަރުކާރުން އެމަނާއާއި ދިމާކޮށްގެން އުޅޭނެކަން އެނގިވަޑައިގަންނަވާ ކަމުގައެވެ. އަދި އެމްޑީޕީގެ ވެރިކަމުގެ ސުންގަޑި ހަމަވިއިރުވެސް، މާލެ ސަރަހައްދާއި ރާއްޖޭގެ މުޅި ޖުމްލަ ރައްޔިތުންގެ ބޯހިޔާވަހިމުގެ ވައުދަށް ހިލަމެއް ނުވެގެން 5 އަހަރު ވާންދެން އެވާހަކަ ހުއްޓާނުލަައްވާ ދެއްކުމުގެ ނަތީޖާއެއްގެ ގޮތުން މިއަދު އެކަމަނާ މަގާމުން އެކަހެރިކުރަނީކަން އީވާ ފާހަގަކުރެއްވިއެވެ.

”ބޮޑެތި ރޭޕްކޭސްތައް، ޖިންސީ ކުށާއި، ގާތްމީހުންގެ ރޭޕް ކޭސްތކާއި، ގާތް މީހުންގެ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ވޯޓަށްޓަކަައި އޮއްބަހަައްޓާލައިގެން ތިބެން ފެށީމާ އަޅުގަނޑަށް އެނގޭ އަޅުގަނޑާ ދިމާކުރާނޭކަން. ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ސިއްރިޔާތުގައި ވިއްކައިގެން މިތަނުގައި އިހުތިޖާޖު ކުރަން ފެށީމާ އެނގޭ އަޅުގަނޑާ ދިމާކުރާނޭކަން. މަޖިލީހުގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މާލޭގައި ގޮއްވާލި ބޮމުގެ މައްސަލައިގައި އެމަނިކުފާނަށް އިންސާފު ނުލިބި 3 އަހަރުވީމާ އެވާހަކަ ދެއްކުމުން މަނިކުފާނުގެ ސަރުކާރާއި އެމްޑީޕީން ދިމާކުރާނޭކަން އަޅުގަނޑަށް އެނގޭ.“ އީވާ ވިދާޅުވިއެވެ.

ނާޖާއިޒު ކަންކަން ކުރާ މީހުންގެ ވާހަކަ ދެއްކުމުން، ބޭއިންސާފުން ކަންކަން ތަރުތީބުވެގެން ދިޔަ އެ ހާލަތުގައި، މަގާމުގެ ދިފާއުގައި ބޭއިންސާފުގެ ވާހަކަ ނުދައްކައި، ދޫ ބަންދުކޮށްގެން ހުންނެވުމަކީ އެކަމަނާ ދަސްކުރެއްވި ތަރުބިއްޔަތެއް ނޫންކަން ފާހަގަކުރައްވައި އީވާ ވިދާޅުވީ އެމްޑީޕީއަށްޓަކައި ހަޔާތުގެ ބޮޑުބައެއް ހޭދަކުރެއްވި އެ ޕާޓީ ދިރިގެން އައި އަސާސްތަކުގެ ތެރޭގައި އެންމެ މުހިންމު އެއް އަސާސަކީ ވައްކަމާ ދެކޮޅުވުން ކަމުގައެވެ. އަދި އިންސާފުވެރި ފަނޑިޔާރުގެއަކާއި ފަރުދުންގެ ހައްގުތައް ކަށަވަރުކުރުންފަދަ އަސާސްތަކުގެ މައްޗައް ޕާޓީ ފައްކާކުރަމުން އައި އައުން ރައްޔިތުން ބަލައިގަތީ 30 އަހަރުގެ ވެރިކަމަކާއި، ބަޣާވާތަކުން އަރައިގަނެގެން ކުރި ފޮނި އުންމީދާ އިތުބާރުގެ މައްޗައްކަން އީވާ ފާހަގަކުރެއްވިއެވެ.

”ވެރިކަން ލިބުނު ހިސާބުން އެ އަސާސްތައް ހަނދާން ނައްތާލީ. ރައްޔިތުންގެ މަންފާއަށް މަސައްކަތް ކުރުމުގެ ބަދަލުގައި އެމްޑީޕީ ވީ ދެތިން މަޖިލިސް މެންބަރުންނާއި ދެތިން ވަޒީރުންނާއި، ދެތިން އެމްޑީންގެ ޑީލްތައް ވަށައިގެން އެނބުރޭ ޕާޓީއަކަށް. ޕާޓީގެ މެންބަރުން ކުރި ބުރަ މަސައްކަތް ބީރަށްޓެހިން ހިސާރުކުރީ. އާންމު މެންބަރުންނަށް ދިނީ ކެހި. “ އީވާ ވިދާޅުވިއެވެ.

އީވާ ހާމަކުރެއްވިގޮތުގައި އެކަމަނާ މަގާމުން ވަކިކުރަން ނިންމި ހިސާބަކީ، ވައްކަމުގެ ހާއްޔެއްގައި އެކަމަނާ ތާށިކޮށް، އެކަމުގެ ތެރެއަށް ގަންބާނުލެވުމެވެ.

ދިވެހިން ކުރި އިސްލާހީ މަސައްކަތުގެ ބޮޑު ހިއްސާއަކާއި ދައުރެއްގެ މާޒީއެއް އޮތް، އީވާ ވިދާޅުވީ އެކަމަނާގެ ޔުނިވާސިޓީ ހަޔާތާއި، ދަރިކަލުންނަށް އާލާސްކަންފުޅާ އުޅުއްވި ދުވަސްވަރުވެސް ހުންނެވީ މުޒާހަރާތަކުގެ ހަލަބޮލިކަމުގެ ތެރޭގައި ކަމުގައެވެ.

”އަޅުގަނޑުގެ ބަނޑަށް އޭރު 9 މަސް. އައިޖީއެމްއެޗަށް އަޅުގަނޑު ވިހާން ދިޔައީ އެ މުޒާހަރާގެ މެދުގައި ހުރެފައި. އެދުވަހު ބަނޑުގައި އޮތް ދަރިފުޅަށް 18 އަހަރުވެ، މި އިންތިހާބުގައި ދަ ޑިމޮކްރެޓްސްއަށް ވޯޓު ލީ. އެ ޒުވާނުން ލީ ފުރަތަމަ ވޯޓަކީ، ނަޖިސް ނޫން، ތަޣައްޔަރު ނޫން، ލަދުވެތި ނޫން، ފަހުރުވެރި، އުފާވެރި ވޯޓަކަށް ހެދުމަށް.“ އީވާ ވިދާޅުވިއެވެ.

ފައްސިޔައިގަައި ނުވަތަ ޖެހޭ ވަޔާ އެއްކޮޅަށް ދާ އޮޑިއެއްގެ ދިރުބާކޮޅުގައި ހުރުމުގެ މިސާލު ނަންގަވައި އީވާ ވިދާޅުވީ މަޖިލީހުގެ ފުރިހަމަ އަޣްލަބިއްޔަތާއެއްކޮޅަށް ނައިބު ރައީސް ކަމުގެ މަގާމުގައި ނުހުންނަވާނެ ކަމަށާއި، ”އައްޓަށް“ ފަސޭހަގޮތް އެކަނި ހެދުމަކީ އެކަމަނާގެ ”ހައްޓަށް“ ފަސޭހަފުޅު އަދި ދެނެވަޑައިގަންނަވާ ތަރުބިއްޔަތެއް ނޫން ކަމުގައެވެ.

ރައީސް ސޯލިހުގެ ސަރުކާރުގައި އެކަނި 70 ވަރަކަށް ބިލިއަން ރުފިޔާއިން ގައުމު ދަރުވާލިކަން ފާހަގަކުރެއްވައި އީވާ ވިދާޅުވީ ވެރިކަން ގެއްލުނީ ބަޔަކު ދެއްކި ވާހަކައަކުން ނޫން ކަމަށާއި ވެރިކަން ގެއްލުނީ ކުރެވުނު ކަމަކުން ކަމުގައެވެ.

”މަނިކުފާނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑާ މަނިކުފާނާ ދޭތެރޭ އޮތް އިހުތިރާމަށް ކުޑަވެސް ބަދަލެއް ނާދޭ. ބޭބެ ދިފާއުކުރަންށޭ ކިޔައި ހުއްޓާނުލާ 7މަސް ވާންދެން މަނިކުފާނުމެން ޕްރެސް ބޭއްވިއިރު،  ވެރިކަމުގައި(އެއިރު) ހުރީވެސް އަޅުގަނޑުގެ ބޭބެ. ހިލާފު އުފެދޭ ދަަނޑިވަޅުގައި ބާރުގަދަ ބޭބެ، ދެރަވަރު ބޭބެ، ފައިސާވެރި ބޭބެ ނުވަތަ ފައިސާ ނެތް ބޭބެ. މިއީ ޒާތީކަމެއް ނޫން. ދުރަށް ދިޔައީ އަޅުގަނޑު ގަބޫލުކުރާ އަސާސްތަކާ ދުރަށް ދިޔައީމަ.“ އީވާ ވިދާޅުވިއެވެ.

މެންބަރުންގެ ހާޒިރީއާ ހުޅުވައި މުސާރަ ހަމަޖެއްސުމާއި ހަރަދު ކުޑަކުރުމާއި، ޔޫޓިއުބް ލައިވް އަދި ސައިން ލެންގުއޭޖާއެކު ޖަލްސާ ކުރާ އަދި ދެފުށް ފެންނަގޮތަށް ހިންގާ ތަނަކަށް މަޖިލިސް ހެދިފައިވާކަން ފަހުރުވެރިކަމާއެކު ފާހަގަކުރައްވަމުން އީވާ ފާހަގަކުރެއްވީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ އަނބިކަނބަލުން މިޝެލް އޮބާމާގެ ”ވެން ދޭ ގޯ ލޯވ، ވީ ގޯ ހައި.“ ނުވަތަ މިއަދު އެމްޑީޕީން އެކަމަނާ އާއި މެދު އަމަލުކުރާ ބޭއިންސާފުގެ ކުރިމައްޗަށް ހިތްވަރާއި ކެރުންތެރިކަން ކުރިޔަށް ނެރެ، އެފަދަ ދަށު ދަރަޖައަށް ވެއްޓިވަޑައިނުގަންމަވާނެކަމުގެ ޔަގީންކަމެވެ.

”އަމިއްލަ މަގާމަކަށްޓަކައި ނުވަތަ އަމިއްލަ މަންފާއަކަށްޓަކައި ވައްކަމުގެ ހާއްޔެއްގައި އިރާދަކުރެއްވިއްޔާ އަޅުގަނޑު ތާއްޓެއް ނުވާނަން. ޑިމޮކްރެޓިކް އުސޫލުތައް.“ އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، ކާމިޔާބީ އާއި ނާކާމިޔާބީއަކާ އެކި މީހުން މިނެކިރާނީ އެކިގޮތަށް ކަމަށާއި، ހިޔާނާތުގެ ކުރިމަތީގައި“ ތިމަންނާގެ މެންބަރު ދުވަހަކުވެސް ފަހަތަށް ޖައްސާނުލެވޭނެ.“ ކަން ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންނަށް އޮތުމަކީ އެކަމަނާގެ އެންމެ ބޮޑު ކާމިޔާބު ކަމުގައެވެ.

”ފައިސާ ފޮއްޗެއް ދީގެން މީނާ ގުޑުވާނުލެވޭނެއޭ އަންނަ ކޮންމެ ވެރިއަކަށް ކަށަވަރުވުމަކީ އަޅުގަނޑުގެ ކާމިޔާބު. ނަފްސުގެ ގަދަރު، އެއީ އަޅުގަނޑުގެ ކާމިޔާބު.“ އީވާ ވިދާޅުވިއެވެ.

އެކަމަނާ ހާމަކުރެއްވިގޮތުގައި ނަފްސުގެ ގަދަރާއި ކަރާމާތަކީ އެކަމަނާއަށް ދުވަހަކުވެސް މީގެ ކުރިން ލިބުނު ކާމިޔާބީ އެއް ނޫނެވެ. އަދިި މިއަދު އެ އުފާ އިހުސާސް ކުރައްވާ ކަން ފާހަގަކުރެއްވައި އެކަމަނާގެ ވާހަކަފުޅު ނިންމަވައިލައްވަމުން ރިޔާސަތަށް ވަނީ އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާފައެވެ. އެއާއެކު ބަހުސަކަށް ނުގޮސް އެމައްސަލަ ނިމުނީކަމަށް ރިޔާސަތުން އަންގައި، އައު ނައިބު ރައީސް ހޮވަން ބާއްވާ ޖަލްސާ މިރޭ 08:30 ގައި މަޖިލީހުގައި އޮންނާނެކަންވެސް އިއުލާން ކުރައްވަމުން ޖަލްސާ ނިންމަވައިލެއްވީއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button