ޚަބަރުސިޔާސީ

ރައީސް މުއިއްޒުއާއި އައިޑީބީ ރައީސްގެ ބައްދަލުވުމުގައި އިސްލާމިކް ފައިނޭންސްގެ ދާއިރާ ކުރިއެރުވުމަށް މުހިންމު މަޝްވަރާތަކެއް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސް.ޑީ.ބީ)ގެ ރައީސް ޑޮކްޓަރ މުޙައްމަދު އަލް ޖާސިރު މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިހާރު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)ގައި ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 28 ވަނަ ސެޝަންގެ ހަވާސާގައެވެ.

މި ބައްދަލުކުރެއްވުމުގައި، އިސްލާމިކް ފައިނޭންސްގެ ދާއިރާ ކުރިއެރުވުމާއި، ޒަކާތު ހައުސް ބިނާކުރުމާއި، ވަޤުފް ޕްރޮގްރާމެއް ހިންގުމާއި، މައިކްރޯފައިނޭންސް ބޭންކެއް ޤާއިމު ކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ވަނީ، 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި ދިވެހިރާއްޖޭގެ ޤައުމީ ބަޔާން އިއްވަވަމުން އެ މަނިކުފާނު އިޢުލާނު ކުރެއްވި، އިޢާދަކުރަނިވި ހަކަތަ ބޭނުންކުރެވޭ މިންވަރާ ބެހޭގޮތުން ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑީގެ ތަފުސީލު ހިއްސާކުރައްވާފައެވެ. މީގެ އިތުރުން، މޫސުމީ ބަދަލުތަކަށް ހޭނުމަށްޓަކައި ހިންގާ މަޝްރޫޢުތަކާއި، ވިލުންތެރިކަން އިތުރުކުރުމަށް ހިންގާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒާއި އައިއެސް.ޑީ.ބީގެ ރައީސްގެ މި ބައްދަލު ކުރެއްވުމުގައި، ދިވެހިރާއްޖެއާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ގުޅޭ ގޮތުންވެސް ދެ ބޭފުޅުން ޚިޔާލު ބަދަލު ކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button